14 ޖަނަވަރީ 2024 - 13:30 0
އައްޒާމް އަލިފުޅު
14 ޖަނަވަރީ 2024 - 13:30 0
ގަވާއިދާ ހިލާފު ކޮމިޓީއަކުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންތިހާބާ ބެހޭ އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނެކަން ބަޔާންކޮށް، އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީއާ ދެކޮޅަށް، ފީފާ އާއި އޭއެފްސީ އަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އެފްއޭއެމް އިންތިހާބުގައި ވާދަކުރާ، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް، އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.
މި މަހު 31 ވަނަ ދުވަހު އެފްއޭއެމް އިންތިހާބު ބާއްވަން ތާވަލުކޮށްފައިވާއިރު، ވާދަކުރާ ދެ ކެންޑިޑޭޓުންނަކީ، އެފްއޭއެމްގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގު އާއި ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އެވެ.
މި އިންތިހާބުގައި، ކޮންމެ ކްލަބަކަށް ތާއީދު އެއް ސިޓީ ދެވޭ ގޮތަށް، އެފްއޭއެމްގެ ފަހުގެ އަސާސީ ގަވާއިދުގައި އޮތްއިރު، ތޯރިގަށް ވެލެންސިއާގެ ތާއީދު ސިޓީ ދިނީ، އެ ކްލަބްގެ ޗެއާމަން، އަބްދުﷲ އަޒްމީން ސޮއިކޮށް، ބޯޑް މެމްބަރުންގެ ރިޒޮލިއުޝަން އެކެވެ. މުފާ އަތުގައި އޮތް ސިޓީ އަކީ ވެލެންސިއާގެ ވައިސް ޗެއާމަން، އިލްމާއު ހުސެއިން (މައު) ސޮއިކޮށްފައިވާ ބޯޑު މެމްބަރުންގެ ތާއީދު ހިމެނޭ ސިޓީ އެކެވެ.
ވެލެންސިއާގެ މި ދެ ތާއީދު ސިޓީގެ މައްސަލައިގައި، އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީން ވަނީ މި ކަމުގައި އަމަލުކުރާނެ ގޮތެއް އޮޅުންފިލުވަން ގާނޫނީ ލަފަޔަކަށް އޭއެފްސީ ކިބައިން އެދިފަ އެވެ. އެ ލަފާ ހޯދުމަށް ކަނޑައެޅި މުއްދަތަށް ފަހު، އިލެކްޓޯރަލް ކޮމިޓީގައި ނިންމާފައިވަނީ، ވެލެންސިއާ އިން ދިން ދެ ސިޓީ ވެސް ކެންސަލް ކުރުމަށެވެ އެ ނިންމުމާ އެކު، ތޯރިގު އަތުގައި އޮތީ ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބްގެ ތާއީދެވެ. މުފާ އަތުގައި، ފަސް ކްލަބްގެ ތާއީދު އެބައޮތެވެ. ކޮންމެ ކެންޑިޑޭޭޓަކު އަތުގައި ވެސް މަދުވެގެން ފުރަތަމަ ޑިވިޝަނުގެ ތިން ކްލަބްގެ ތާއީދު އޮންނަން އާސާސީ ގަވާއިދު ލާޒިމް ކުރާއިރު، ތޯރިގު އަތުގައި އެ އަދަދަށް ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ތާއީދު ނެތުމުން، އޭނާގެ ކެންޑިޑެސީ ވަނީ ސައްހަ ނޫން ކަމަށް، އިލެކްޓޯރަލް ކޮމިޓީން ނިންމައިފަ އެވެ.
އިލެކްޓޯރަލް ކޮމިޓީން އެޕީލް ކުރުމަން ލިބުނު ފުރުސަތުގެ ބޭނުންހިފައި، ތޯރިގު ވަނީ އެޕީލްކޮށްފަ އެވެ. އަދި އެޕީލާ މެދު ގޮތެއް ނިންމުން އޮތީ، އެޕީލް ހުށަހަޅާ ދުވަހުން ފެށިގެން ތިން ދުވަހުގެ މުހުލަތެކެވެ. އެ މުއްދަތު ހަމަވާނީ މާދަމާ ކަމުގައި ވިޔަސް، އިލެކްޓޯރަލް އެޕީލް ކޮމިޓީއެއް ނެތުމުން، ޖަލްސާއެއް އަދި ބޭއްވިފައިނުވާ ކަމަށް ތޯރިގު މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
"އެފްއޭއެމްގެ އަސާސީ ޤަވާއިދާއި އިންތިޚާބީ ޤަވާއިދާ ޚިލާފް ކޮމިޓީއަކުން އިންތިޚާބާ ބެހޭ އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބަޔާންކޮށް ފީފާ އަދި އޭއެފްސީއަށް މައްސަލަ ހުށަހަޅިވާހަކަ މައުލޫމާތަށްޓަކައި ދަންނަވަން،" ތޯރިގު، މިއަދު ވިދާޅުވި އެވެ.
ތޯރިގު، މީޑިއާ އަށް އާންމުކުރެއްވި ބަޔާނުގައި މައިގަނޑު ގޮތެއްގައި، އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީގެ ކަންކަމާއި އިންތިހާބުގައި ކަންތައްތައް ވެފައިވާ ގޮތް ބަޔާންކޮށްދޭން ހަތަރު ކަމެއް ވަނީ ހިމަނައިފަ އެވެ.
1- އިންތިހާބަށް ހުޅުވާލި ފުރުސަތުގައި އެފްއޭއެމްގެ 18 މެންބަރު ކުލަބުގެ ތެރެއިން 9 ކުލަބުގެ ތާއީދާ އެކު ހުށަހެޅި ކެނޑިޑެސީ ބާތިލްކުރި. އަދި އެއީ ކުލަބުގެ ވެލެންސިއާގެ 2 ސިޓީ ވެސް ސައްހަ ކަމަށް ނިންމާ، ފީފާގެ އަސާސީގަވާއިދުގެ މާއްދާއަކަށް ރިއާޔަތްކޮށް. 2- އެފްއޭއެމްގެ އިންތިޚާބީ ގަވާއިދުގެ 12 ވަނަ މާއްދާގައި ބުނާ އިލެކްޓޯރަލް އެޕީލް ކޮމިޓީ ކޮންގްރެސްގައި ނިންމާފައި ނެތްކަމަށް ފާހަގަކުރަމުން 12 ޖެނުއަރީގައި އިސްތިއުނާފު ކޮށްފައިވާނެ. އަދި އޭގެ ޖަވާބު މާދަމާ ލިބެންވާނެ ކަމަށް ބަޔާންކުރޭ، ނަމަވެސް ކޮމިޓީއެއް ނެތުމުން ޖަލްސާއެއް ނުބޭއްވޭ. 3- އެފްއޭއެމް އިލެކްޓޯރަލް ކޯޑްގެ 4 ވަނަ މާއްދާގައި ބުނަނީ އިލެކްޓޯރަލް ކޮމިޓީގެ މެންބަރުން ޖެހިޖެހިގެން 2 ދައުރަށް އިންތިޚާބުކޮށްގެން ނުވާނެކަމަށް، ނަމަވެސް އިލެކްޓޯރަލް ކޮމިޓީ އިތުރު ދައުރަކަށް 2023 ވަނަ އަހަރުގެ ކޮންގްރެސްގައި އިންތިޚާބުކޮށްފައިވޭ. 4- އިލެކްޓޯރަލް ކޮމިޓީގެ ޗެއާ އަބްދުﷲ އަލީ (ބޯށިމާގެ، ނ. ވެލިދޫ) ޖެހިޖެހިގެން 3 ދައުރު ގަވާދާއި ހިލާފަށް މެންބަރުކަން ކޮށްފައިވޭ. ވައިސް ޗެއަަަ އަހްމީމް އަބްދުއްރައްޒާޤް (އޯކިޑް، ބ.އޭދަފުށި) އަދި އަބްދުﷲ އަލީ (މާލެ ދަފްތަރު 6090) ދެ ވަނަ ދައުރަކަށް އިލެކްޓޯރަލް ކޯޑާއި ޚިލާފަށް ކޮންގްރެސްއިން އިންތިޚާބުކޮށްފައިވޭ.
އެފްއޭއެމް އިންތިހާބު މައްސަލައިގައި، ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވަނީ، އެފްއޭއެމްގެ ހިންގުމުގައި ގާނޫނާއި ގަވާއިދުތަކާ ފުށުއަރާ ގިނަ ކަންތައްތަކެއް ހިނގަމުންދާތީވެ، އެ ކަންކަން ރަނގަޅަށް ބެލުމަށް ފަހު، އިންތިހާބެއް ބޭއްވުމަށެވެ. އެކަންކަމަށް ބަލައި، އެންމެ ރަނގަޅު ގޮތަކީ، މިހާރު ބާއްވަން އުޅޭ އެފްއޭއެމްގެ އިންތިހާބު ކަންކަން މަޑުޖައްސާލުން ކަމަށް ތޮލާލް ވަނީ ވިދާޅުވެފަ އެވެ.
އެކަމަކު، ތޮލާލްގެ އެ ލަފަޔަށް ބެލުމެއް ނެތި، އެފްއޭއެމް އިން އަންނަނީ ފީފާ އާއި އޭއެފްސީގެ ލަފާގެ މަތިން ކަމަށް ބުނެ، އެފްއޭއެމްގެ އިންތިހާބު ކަންކަން ކުރިއަށް ގެންދަމުންނެވެ.
ތޯރިގު ކެންޑިޑެސީ ހުށަހެޅިއިރު، ޓީމުގައި ހިމެނެނީ، ރައީސަކަށް ތޯރިގުގެ އިތުރުން، ނައިބު ރައީސަކަށް ކުރީގެ އެއް ވަަނަ ގޯލްކީޕަރު، އިމްރާން މުހައްމަދު (ކީޕަރު)، މާޒިޔާގެ ސީއީއޯ އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދެ ވަނަ ދައުރުގެ އެކްސްކޯގައި މަސައްކަތް ކުރި، ހުސައިން ޝާފިއު (ކޮއްކީ)، މެމްބަރުންގެ ގޮތުގައި، އެފްއޭއެމް އިންޓަރިމް ރައީސް އަހުމަދު ޝާހިރު، އެފްއޭއެމްގެ ކުރީގެ ޖެރެނަލް ސެކްރެޓަރީ، އަބްދުލް ހަމީދު އަބްދުލް ގަފޫރު (އައްޑޯ)، އަންހެން މެމްބަރެއްގެ ގޮތުގައި މަހިބަދޫ ސްޕޯޓްސް ކްލަބްގެ އުލާ އިބްރާހިމް، މެމްބަރެއްގެ ގޮތުގައި ޓީސީ ސްޕޯޓްސް ކްލަބްގެ މުހައްމަދު މިފްތާހު އަދި މެމްބަރުންގެ ގޮތުގައި އަލީ ރިޒްވާން އާއި އަބްދުﷲ ނާސިހު އެވެ.
މުފާ ހުށަހެޅި އެކްސްކޯ ގައި އެފްއޭއެމް އެންމެ ފަހުން އޮތް، ރައީސް ބައްސާމް އަދީލް ޖަލީލްގެ އެކްސްކޯގައި މަސައްކަތްކުރި އަހްމަދު ޝަކީބު (ޑޮކް) އާއި ކުރިން އެކްސްކޯއިން އިސްތިއުފާދިން، ކްލަބް ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލު (މުއާބެ) ހިމެނެ އެވެ. މުއާބެ، ހިމަނާފައިވަނީ މުފާގެ ޓީމުގެ ނައިބު ރައީސްގެ ގޮތުގަ އެވެ. ދެން ނައިބު ރައީސަކަށް ހިމެނީ، ބުރު ސްޕޯޓްސްގެ މުހައްމަދު އަހްސަން އެވެ.
މުފާގެ ކެންޑީޑެސީ ފޯމުގައި ދެން، އެކްސްކޯ މެމްބަރުންގެ ގޮތުގައި ހިމަނާފައިވަނީ ބުރުގެ މެނޭޖަރު އަރުޝަދު އަޝްރަފު، ޖޭޖޭ ސްޕޯޓްސް ކްލަބުން ކުރީގެ ގައުމީ ޓީމުގެ ފޯވާޑް ހަސަން އަދުހަމް (ސަޑޭ) އާއި ޔުނައިޓެޑް ވިކްޓަރީގެ ރައީސް، އިސްމާއީލް ޝަފީއު (އިއްސެ) އާއި ބުރުގެ މުހައްމަދު ހަސަން އެވެ. ދެން އަންހެން މެމްބަރުގެ މަގާމަށް ހިމަނާފައިވަނީ، ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރު ކޯޗިންގައި ފާހަގަކުރެވޭ، މަރްޔަމް މިރްފަތު އެވެ.
އެޕީލްކޮށްގެން ތޯރިގުގެ ކެންޑިޑެސީ ސައްހަ ކަމަށް ކަނޑަނޭޅިއްޖެނަމަ، އެފްއޭއެމް އިންތިހާބުގައި ކުރިއަށްދާނީ، މުފާގެ ޓީމާ މެދު ނަގާ ފެންނަ ނުފެންނަ ވޯޓެކެވެ.
Comment