Advertisement

ލެވަކޫސަން ފަހު ވަގުތު މޮޅުވިއިރު، ސަންޗޯ އުފަލުން

14 ޖަނަވަރީ 2024 - 09:24 0


ލެވަކޫސަން ފަހު ވަގުތު މޮޅުވިއިރު، ސަންޗޯ އުފަލުން

14 ޖަނަވަރީ 2024 - 09:24 0

ބާލިން (ޖެނުއަރީ 14) - ޖަރުމަނު ލީގުގެ އެއް ވަނައިގައި އޮތް ބަޔާ ލެވަކޫސަން ރޭ ކުޅުނު މެޗުން ފަހު ވަގުތު ގޯލު ޖަހައި، 1-0 އިން އޮއުސްބާގް އަތުން މޮޅުވިއިރު، ޖޭޑަން ސަންޗޯގެ ބައިވެރިވުމާ އެކު، ބޮރޫޝިއާ ޑޯޓްމަންޑުން 3-0 އިން ޑަމްސްޓަޑް ބަލިކޮށްފި އެވެ.

އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި ލެވަކޫސަން މޮޅުވި ގޯލު ޖެހީ އެޒެކީލް ޕަލާސިއޯސް އެވެ. މި މޮޅާ އެކު، ޒަބީ އަލޮންސޯ ކޯޗުކޮށްދޭ ލެވަކޫސަން ޖަރުމަނު ލީގުގެ އެއް ވަނައިގައި އޮތީ 17 މެޗުން 45 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބަޔާން މިއުނިކަށް ވަނީ 16 މެޗުން 41 ޕޮއިންޓް ލިބިފަ އެވެ.

ޑޯޓްމަންޑުން ރަށުންބޭރުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ފުރަތަމަ ހާފުގައި ހޫލިއަން ބްރަންޑްޓްގެ ގޯލުން ލީޑުނެގި އެވެ.

ރޭގެ މެޗުގައި އެންމެ ހާއްސަވި ކުޅުންތެރިއަކީ ބަދަލަކަށް އެރި ސަންޗޯ އެވެ. މެންޗެސްޓާ ޔުނައިޓެޑުގެ ޓީމުން ބާކީކޮށްފައި ހުއްޓައި، ލޯން ޑީލެއްގައި ސަންޗޯ ވަނީ އަލުންކުރީގެ ޓީމު ޑޯޓްމަންޑާ ގުޅިފަ އެވެ. ރޭގެ މެޗުގައި ކުޅެން އެރިތާ އިރުކޮޮޅެއްގެ ތެރޭގައި ސަންޗޯ ވަނީ ތަފާތު ދައްކައިފަ އެވެ.

މެޗުގެ 77 ވަނަ މިނިޓްގައި ޑޯޓްމަންޑުން ލީޑުފުޅާކުރީ ސަންޗޯ ދިން ބޯޅައަކުން މާކޯ ރެއުސް ޖެހި ގޯލުންނެވެ.

ސަންޗޯ އެންމެ ފަހުން މެޗެއް ކުޅުނީ، އޮގަސްޓް 26 ގަ އެވެ. ރޭގެ މެޗަށް ފަހު ސަންޗޯ ބުނީ އަލުން މެޗެއް ކުޅެލަން ލިބި، ޓީމަށް އެހީތެރިވާން ފުރުސަތެއް ލިބުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

ސަންޗޯއާ އެކު، މިދިިޔަ ސީޒަނުގައި ޔުނައިޓެޑަށް ކުޅުނު މާސެލް ސަބިޓްޒާ ދިން ބޯޅައަކުން ރޭގެ މެޗުގައި ޑޯޓްމަންޑުގެ ތިން ވަނަ ގޯލު ޖެހީ ޔޫސުފާ މޫކޯކޯ އެވެ.

ޑޯޓްމަންޑް ލީގުގެ ފަސް ވަނައިގައި އޮތީ، 17 މެޗުން 30 ޕޮއިންޓާ އެކު އެވެ. އެއީ ހަތަރެއްގައި އޮތް އާރްބީ ލައިޕްޒިގަށް ވުރެ ތިން ޕޮއިންޓް ފަހަތުގަ އެެވެ. ރޭ ފްރޭންކްފާޓް އަތުން 1-0 އިން ބަލިވި ލައިޕްޒިގު، ހަތަރެއްގައި އޮތީ 17 މެޗުން 30 ޕޮއިންޓާ އެކު އެވެ.