Advertisement

ޑި ބްރޭނާ ތަފާތު ދައްކައި ސިޓީ ރޭހަށް

14 ޖަނަވަރީ 2024 - 09:10 0


ޑި ބްރޭނާ ތަފާތު ދައްކައި ސިޓީ ރޭހަށް

14 ޖަނަވަރީ 2024 - 09:10 0

ލަންޑަން (ޖެނުއަރީ 14) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކެވިން ޑި ބްރޭނާ ބެންޗުން އަރައި، ދެއްކި ތަފާތާ އެކު، 3-2 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް މެންޗެސްޓާ ސިޓީން ލީގުގެ ރޭހުގައި މުހިންމު މޮޅެއް ހޯދައިފި އެވެ.

މި މޮޅާ އެކު، ސިޓީ ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައި، އެއް ވަނައިގައި އޮތް ލިވަޕޫލާ ދެ ޕޮއިންޓަށް ގާތްކޮށްފަ އެވެ. ލިވަޕޫލަށް 20 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް 20 މެޗުން ވަނީ 43 ޕޮއިންޓް ލިބިފަ އެވެ.

ސިޓީން ރޭގެ މެޗު ފަށަން ޖެހުނީ އުނދަގޫ ކޮށެވެ. އެ ޓީމުގެ ކީޕަރު، އެޑަަސަން މޮރާއެސް އަށް އަނިޔާވެ، ބަދަލުކުރަން ޖެހުނެވެ. ބަދަލުގައި ކުޅެން އެރީ ދެ ވަނަ ކީޕަރު، ސްޓެފަން އޯޓޭގާ އެވެ. ސިޓީން ލީޑުނެގީ، 26 ވަަނަ މިނިޓްގައި ކައިލް ވޯކާ ނެގި ހުރަހަކުން، ބެނާޑޯ ސިލްވާ ޖެހި ގޯލުންނެވެ.

އެކަމަކު، ސިޓީ އަށް ލީޑުގައި އޮވެގެން ފުރަތަމަ ހާފު ވެސް ނިންމައިނުލެވުނެވެ. ނިއުކާސަލް އިން ވަނީ ތިން މިނިޓް ތެރޭ ދެ ގޯލު ޖަހައި، ނަތީޖާ އަނބުރާލައިފަ އެވެ. ނިއުކާސަލް އިން އެއްވަރުކުރީ މެޗުގެ 35 ވަަނަ މިނިޓްގައި އަލެކްސަންޑަ އިސާކް ޖެހި ގޯލުންނެވެ. މިއީ ބްރޫނޯ ގިމާރޭސް ދިން ބޯޅަައަކުން އިސާކް ޖެހި ގޯލެކެވެ. އޭގެ ދެ މިނިޓް ފަހުން، އެންތަނީ ގޯޑަން ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައި، ނިއުކާސަލަށް ލީޑުނަަގައިދީފަ އެވެ.

ސިޓީން އެއްވަރުކުރީ، 74 ވަނަ މިނިޓްގައި ޑި ބްރޭނާ ޖެހި ގޯލުންނެވެ. މިއީ ކުޅެން އެރިތާ ހަތަރު މިނިޓް، 35 ސިކުންތު ތެރޭގައި އޭނާ ޖެހި ގޯލެކެވެ. އަދި ސިޓީން އިތުރު ވަގުތުގައި ގޯލެއް ޖަހައި މެޗުން މޮޅުވީ ވެސް ޑި ބްރޭނާގެ އިސް ދައުރާ އެކު އެވެ. ޑި ބްރޭނާ ހުސްކޮށްލާފައި ދިން މޮޅު ބޯޅައަކަށް އަރައި، ސިޓީގެ މި ލަނޑު ޖެހީ އޮސްކާ ބޮބް އެވެ.

ލީގުގައި ރޭ ޗެލްސީން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ފުލަމް ބަލިކޮށްފަ އެވެެ. މި މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ ޗެލްސީގެ ރަހީމް ސްޓާލިން އަށް ފުލަމްގެ އީސާ ދިއޮޕް ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން ކޯލް ޕާމާ ޖެހި ގޯލެކެެވެ.

ޗެލްސީ ލީގުގެ އަށް ވަނައިގައި އޮތީ 21 މެޗުން ލިބުނު 31 ޕޮއިންޓާ އެކު އެވެ. ޗެލްސީ މި ވަނީ 2022 ވަަނަ އަހަރުގެ އޮކްޓޫބަރުގެ ފަހުން، ލީގުގައި ޖެހިޖެހިގެން ތިން މެޗުން މޮޅުވެފަ އެވެ.