Advertisement

އަޑިގަނޑަކަށްފަހު މާލެ އަނެއްކާ ވެސް އިދިކޮޅު އެމްޑީޕީއަށް

13 ޖަނަވަރީ 2024 - 19:32 2

ހަސަން މުހައްމަދު

ހަސަން މުހައްމަދު

މާލެ ސިޓީގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް: އާޒިމް ކެމްޕެއިން ބިނާކުރެއްވީ ހިންގުންތެރިކަމުގައި ހޯއްދެވި ކާމިޔާބީޠަކުގެ މައްޗަށް -- ގްރެފިކްސް: ރައްޔާން މުހައްމަދު/އަދަދު


އަޑިގަނޑަކަށްފަހު މާލެ އަނެއްކާ ވެސް އިދިކޮޅު އެމްޑީޕީއަށް

13 ޖަނަވަރީ 2024 - 19:32 2

ގިނަ ޕާޓީ ހިމެނޭ އިންތިހާބުތައް ރާއްޖޭގައި ބާއްވަން ފެށިފަހުން ވެރި ރަށް މާލޭގެ ރައްޔިތުންގެ ތާއީދު ގިނަ ފަހަރު ހޯދާފައި ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީންނެވެ.

އެންމެ ފުރަތަމަ 2008 ގައި ބޭއްވި ރިޔާސީ އިންތިހާބާއި އޭގެ ފަހުން 2013 ގައި ބޭއްވި ރިޔާސީ އިންތިހާބާއި 2018 ގެ ރިޔާސީ އިންތިހާބުގައި ވެސް މާލޭގެ ތާއީދު އޮތީ ރާއްޖޭގައި ފުރަތަމަ ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީ އެމްޑީޕީއަށެވެ.

ނަމަވެސް ރައްޔިތުންގެ ސީދާ ވޯޓަކުން މޭޔަރަކު ހޮވުމަށް 2021 ގައި ބޭއްވި އިންތިހާބުގައި ކާމިޔާބު ލިބުނީ އެއިރު އިދިކޮޅުގައި އޮތް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކެންޑިޑޭޓު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

އޭގެ ފަހުން އެމްޑީޕީ ވެރިކަމުގައި އޮވެ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް މާލޭގެ ގިނަ ވޯޓުތައް ހޯދީ މިހާރު ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީ އެވެ. އެއާއެކު ވިދިވިދިގެން މާލެއިން އެމްޑީޕީއަށް ލިބުނީ ބޮޑު ނާކާމިޔާބީއެކެވެ.

ނަމަވެސް މާލޭގެ މޭޔަރަކު ހޮވުމަށް މިއަދު ބޭއްވި އިންތިހާބު އަނެއްކާ ވެސް ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމެވެ. އަޑިގަނޑަކަށްފަހު އެމްޑީޕީއަށް މި އިންތިހާބުގައި ލިބުނީ ބޮޑު މޮޅެކެވެ.

ގާތްގަނޑަކަށް މަސް ދުވަސް ވަންދެން ހިންގި ބޮޑު ކެމްޕެއިނަކަށް ފަހު އާޒިމް މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެއްވީ ސަރުކާރު ތަމްސީލު ކުރައްވާ، މި އިންތިހާބުގައި ދެ ވަނައަށް ވަޑައިގެންނެވި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓު އާޒިމާ ޝަކޫރާއި ތިން ވަނައަށް ވަޑައިގެންނެވި ދަ ޑިމޮކްރެޓްސްގެ ޒުވާން ކެންޑިޑޭޓު މުހައްމަދު ސައިފު ފެޔަށް ޖައްސައިލުމަށް ފަހެވެ.

އެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަދި ރަޖިސްޓްރީ ނުކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓުގެ ކެންޑިޑޭޓު ހުސެއިން ވަހީދު ހަތަރު ވަނައަށް ވަޑައިގެންނެވިއިރު އެންމެ މަދުން ވޯޓު ލިބުނީ އަމިއްލަ ގޮތުން ވާދަ ކުރެއްވި ޝުއައިބު އަލީ އެވެ.

އިދިކޮޅު އެމްޑީޕީން މާލޭގެ މޭޔަރުގެ ގޮނޑި މި ކާމިޔާބު ކުރީ ސަރުކާރު ޒިންމާދާރު ކުރަން ބާރު އަޅުއްވައި، "ދެން ބަލަން ތިބެވޭކަށް ނެތް" ކަމަށް މިދިޔަ ނޮވެމްބަރު މަހު ވެރިކަމުން ފައިބައިވަޑައިގެންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނިކޮށެވެ.

"މިހައިތަނަށް އަޅުގަނޑުމެން މަޑުކޮށްލައިގެން މިތިބީ، ރައްޔިތުން އިންތިހާބުކުރި ސަރުކާރަކަށް ވާތީ ވަގުތުކޮޅެއް ދޭން ޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރާތީ. އަދިވެސް ހިތަށް އަރާ ބައެއް ފަހަރު، އަދިވެސް ކުޑަވަގުތުކޮޅެއް އަޅުގަނޑުމެން ބަލައިލަންވީއޭ، އެކަމަކު އަޅުގަނޑަކަށް ހިއެއް ނުވޭ އެހެން ދެން ބަލަން ތިބެވޭކަށް އޮތް ހެނެއް،" މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އާޒިމްގެ ކެމްޕެއިން ޖަލްސާއެއްގައި ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީގެ ކެންޑިޑޭޓަކު މާލޭގެ ގޮނޑި މި ކާމިޔާބު ކުރީ، ސަރުކާރާއި ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދު ކުރާ ކެންޑިޑޭޓަކު ހޮވުމަށް ރައީސް ޑރ. މުއިއްޒު މާލޭގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައި އޮއްވަ އެވެ.

"ފަށަން މަސައްކަތްކޮށް ނުފެށުނު އެތައް މަސައްކަތެއް، އޭރުގަ އެއްބާރުލުން ސަރުކާރު ލެވެލުން ނުލިބުނު އެތައް ކަމެއް އިރާދަކުރެއްވިއްޔާ މިހާރު އަޅުގަނޑު މި ވަނީ މަސައްކަތް ކުރުމަށް ކައުންސިލަށް ފުރުސަތު ދީފަ. އެހެން ނަމަވެސް މި މަސައްކަތްތައް ކުރުމުގައި ސަރުކާރާ ދެކޮޅު ވިސްނުމުގެ ސިޔާސަތެއް ގެންގުޅޭ ޕާޓީއަކުން ބޭފުޅަކު ހޮވިއްޖެ ނަމަ އަޅުގަނޑުމެންނަށް މާޒީގައި ފެނިފައި ހުރި ކަހަލަ ހިތި ތަޖުރިބާތަކެއް ތަކުރާރު ކުރަން މާލޭގެ ރައްޔިތުންނަށް ޖެހިދާނެތީ އަޅުގަނޑު ވަރަށް ކަންބޮޑުވޭ،" ހުކުރު ދުވަހު ދެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުގައި އެ ގައުމުގައި ހުންނަވާ ރައީސް ދެއްވި ވީޑީއޯ މެސެޖުގައި އެމަނިކުފާނު އެދިވަޑައިގަތީ މޭޔަރަކު ހޮވުމުގައި މާލޭގެ ރައްޔިތުން "ރިސްކެއް" ނުނެގުމަށެވެ. އެ ދުވަހު ރައީސް، ޔަގީންކަން ދެއްވައި ވިދާޅުވީ "މާދަމާގެ އިންތިހާބުގައި މާލޭގެ ރައްޔިތުން އެކަހަލަ ރިސްކެއް ނުނަންގަވާނެ" ކަމަށެވެ.

މިއަދުގެ އިންތިހާބުގައި މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެއްވި އާޒިމް ރައީސް ސޯލިހުގެ ސަރުކާރުގައި ހުންނެވީ ދައުލަތުގެ އެންމެ ބޮޑު އެއް ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯގެ މަގާމުގަ އެވެ.

އާޒިމް ކެރިއަރު ފެށީ ކޫޕާސް އެންޑް ލައިބްރޭންޑުން އިންޓާނަލް އޮޑިޓަރެއްގެ ގޮތުގަ އެވެ. އެފަހުން އަމިއްލަ ވިޔަފާރީގެ އިތުރުން ސަރުކާރުގެ އެކި މަގާމުތަށް އާޒިމް އަދާކުރެއްވި އެވެ. އެގޮތުން އައިލެންޑް ބެވަރޭޖްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ވެސް އޭނާ އަދާކުރެއްވި އެވެ.

އެމްޓީސީސީގެ ސީއީއޯގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އާޒިމް ވަނީ ޑިސެމްބަރު، 2018 އިން ޖެނުއަރީ، 2020 އަށް މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި ނޮވެމްބަރު، 2013 އިން ފެބްރުއަރީ، 2015 އަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފަ އެވެ.

އާޒިމް ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ނޮޓިންހަމް އިން ފައިނޭންޝަލް ސްޓަޑީޒްގެ ދާއިރާއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އީސްޓް ލަންޑަން އިން އެކައުންޓިން އެންޑް ފައިނޭންސް އިން ބެޗްލާ އޮފް އާޓްސް އިން އެކައުންޓިން އެންޑް ފައިނޭންސް ހާސިލްކުރައްވާފަ އެވެ. މީގެ އިތުރުން ޗާޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓުން އެޑްވާންސްޑް ޑިޕްލޮމާ އިން މެނޭޖްމެންޓް އެކައުންޓިން ވެސް އާޒިމް ވަނީ ހާސިލްކުރައްވާފަ އެވެ.

އެމްޓީސީސީގައި އާޒިމް އަދާކުރެއްވި ރޯލަށްފަހު އާންމުންގެ މެދުގައި އޭނާ މަގުބޫލުވެފައި ވަނީ ހިންގުންތެރިއެއްގެ ގޮތުގަ އެވެ. އާޒިމްގެ ކެމްޕެއިން ވެސް ބޮޑަށް ބިނާ ކުރީ އެފަދަ ޝަހުސިއްޔަތެއްގެ ގޮތުގައި އޭނާ ދެއްކުމަށެވެ. އެހެންކަމުން އެކަން މާލޭގެ ރައްޔިތުން ބަލައިގަނެފި ކަމަށް ބުނެވިދާނެ އެވެ.

އާޒިމް ހޯއްދެވި ކާމިޔާބީއާއެކު އިދިކޮޅު މައި ޕާޓީއަށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮތް މަގު އިތުރަށް ތަނަވަސްވެއްޖެ އެވެ. ވެރި ރަށުގެ މޭޔަރުގެ މަގާމަކީ ޒިންމާ ބޮޑު މަގާމެކެވެ. މޭޔަރު ބަލަހައްޓަންޖެހިވަޑައިގަންނަވަނީ 200،000 އަށް ވުރެ ބޮޑު އާބާދީއެކެވެ. ސިޔާސީ ގޮތުން ބާރުގަދަ އެ ގޮނޑީގައި ހުންނަވައިގެން ކުރެއްވޭނެ މަސައްކަތް ގިނަ އެވެ. ރައްޔިތުން ތިބޭނީ އެމްޑީޕީއަށް ފާރަވެރިގެންނެވެ.