Advertisement

ރޯދަ މަހު ކޮންމެ ގޭބީސީއަކަށް ހަނޑޫ އަދި ފުށް ބަސްތާއެއް

13 ޖަނަވަރީ 2024 - 16:45 2

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވީއައިއޭގައި ވާހަކަދައްކަވަނީ: ރޯދަ މަހު ކޮންމެ ގޭބީސީއަކަށް ހަނޑޫ އަދި ފުށް ބަސްތާއެއް ދޭނެ ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ: އިޔާން / އަދަދު


ރޯދަ މަހު ކޮންމެ ގޭބީސީއަކަށް ހަނޑޫ އަދި ފުށް ބަސްތާއެއް

13 ޖަނަވަރީ 2024 - 16:45 2

އަންނަ ރޯދަ މަހު ސަރުކާރުން ކޮންމެ ގޭބީސީއަކަށް ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއެއް ދޭނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި ރޯދަ މަހު ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ އަދި ފުށް ބަސްތާއެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. ސަރުކާރުން ހިލޭދޭ ކާޑުގެ އަދަދު އަންނަ އަހަރު އިތުރުކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކާޑުގެ ބާވަތްތައް ހޯދަން ރާއްޖޭން އެއް ދިމާލަކަށް ބަރޯސާ ނުވާނެ ކަމަށް ވިދާޅުވެ، އަވަށްޓެރި އިންޑިއާއަށް ރައީސް ނުސީދާ މެސެޖެއް ވެސް މިއަދު ދެއްވި އެވެ.

"އަޅުގަނޑުމެންގެ ބޭސިކް ކޮމޯޑިޓީޒް [ހަނޑޫ، ހަކުރު، ފުށް] މިހާރު އެންމެ ދިމާލަކަށް ބަރޯސާއެއް ނުވާނެ، އަޅުގަނޑުމެން މިހާރު ވާނީ ތުރުކީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި. ހަނޑޫ، ހަކުރު ފުށާއި އެކި ބާވަތްތައް ތުރުކީއިން މިހާރު އެއް އަހަރާއި އިތުރު 10 އިންސައްތައަށް ވާ ވަރަށް ލިބުމަށް އެއްބަސްވުން ވަނީ ހެދިފައި،" ރައީސް ވިދާޅުވި އެވެ.

އެގޮތުން ކާޑުގެ ބާވަތްތައް ހޯދުމަށް މިހާރުވެސް، ތުރުކީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ތުރުކީއިން އަހަރަކާއި އިތުރު 10 އިންސައްތައަށްވާ ވަރަށް ކާޑުގެ ބާވަތްތައް ގެނައުމަށް އެއްބަސްވުމުގައި މިހާރު ވާނީ ސޮއި ކޮށްފައި، ފުށުގެ ފުރަތަމަ ޝިޕްމަންޓް ފެބްރުއަރީ މަހު އަންނާނެ،" ރައީސް ވިދާޅުވި އެވެ.

ފުށުގެ ޝިޕްމަންޓްގެ އިިތުރުން ހަނޑޫ އަދި ހަކުރުގެ އިތުރުން ފިޔާ، ބިސް އަދި އަލުވީގެ ޝިޕްމަންޓްތައް ގެނައުމަށް ވެސް އެކި ގައުމުތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށާއި އެ ޝިޕްމަންޓްތައް ވެސް އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.