Advertisement

ޗައިނާ ހިލޭ އެހީގައި މާލެ އާއި ރަސްމާލެ އާއި ގުޅީފަޅުގެ މަގުތައް ތަރައްގީކުރަނީ

13 ޖަނަވަރީ 2024 - 16:47 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ރައީސް މުއިއްޒު ޗައިނާގައި: ޗައިނާއިން ވަނީ ހިލޭ އެހީގެ ދަށުން ގިނަ މަޝްރުއޫތަކެއް ރާއްޖޭގައި ހިންގަން ނިންމާފައި -- ފޮޓޯ: އިޔާން/އަދަދު


ޗައިނާ ހިލޭ އެހީގައި މާލެ އާއި ރަސްމާލެ އާއި ގުޅީފަޅުގެ މަގުތައް ތަރައްގީކުރަނީ

13 ޖަނަވަރީ 2024 - 16:47 1

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ގައުމުން ރާއްޖެއަށް ފޯރުކޮށްދިން ހިލޭ އެހީ ބޭނުންކޮށްގެން ހިންގާ ޕްރޮޖެކްޓުތަކުގެ ތެރޭގައި މާލޭ މަަގުތައް ހެދުމާއި ރަސްމާލެ އާއި ގުޅީފަޅަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުން ހިމަނައިފި އެވެ.

ޗައިނާއަށް ވަޑައިގަތުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހުންނަވައިގެން ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވަނީ ޗައިނާއިން 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ލިބިފައިވާކަން އިއުލާންކުރައްވާފަ އެވެ.

މި އެހީ ބޭނުންކޮށްގެން ހިންގާ މަޝްރޫއުތަކުގެ ތެރޭގައި މި ސަރުކާރުން ހިއްކާ ރަސްމާލެ އާއި ކުރީ ސަރުކާރުން ހިއްކަން ފަށާފައިވާ ގުޅީފަޅުގައި ޑިޒައިންކުރުމާއި ކޮންސްޓްރަކްޝަން ހިމެނޭ ގޮތަށް އެކި ވަސީލަތްތައް ގާއިމްކުރުން ހިމެނޭ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވި އެވެ.

ރަސްމާލެއާއި ގުޅީފަޅުގައި ޗައިނާ ހިލޭ އެހީގެ ދަށުން ގާއިމްކުރާ ވަސީލަތްތަކަކީ:

  • ކަރަންޓުގެ ނިޒާމް
  • ފެނުގެ ނިޒާމް
  • ނަރުދަމާގެ ނިޒާމް
  • ޑީވޯޓަރިން ނިޒާމް
  • ފަޔާ ނިޒާމް
  • ގޭސް ނެޓްވޯކް
  • މަގުހެދުން

ޗައިނާ ހިލޭ އެހީގައި ހިންގާ އިތުރު މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އިމާރާތް ކުރުމާއި 17 ރަށެއްގައި ހުރި ސިއްހީ މަރުކަޒުތަކުގެ ލެބޯޓަރީއަށް ބޭނުންވާ ވަސީލަތްތަކާއި ސާމާނުތައް ފޯރުކޮށްދިނުމުގެ އިތުރުން ހަތަރު ހަތަރު ރަށެއްގެ ޝޯ ޕްރޮޓެކްޝަން އަދި ވޭސްޓު މެނޭޖްމެންޓުގެ ނިޒާމުތައް ހިލޭ އެހީގެ ދަށުން ގާއިމްކުރުމަށް ނިންމާފައި ވެއެވެ.

ޗައިނާއިން ފޯރުކޮށްދިން ފައިސާއިން ބޮޑު އިންސައްތައެއް ހަރަދުކުރާނީ މާލޭ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ރާވާފައިވާ ޕްރޮޖެކްޓަށެވެ. އެކަމަކު މި ޕްރޮޖެކްޓަށް ހަރަދު ކުރަނީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ރައީސް ހާމައެއް ނުކުރައްވަ އެވެ.

މީގެ ކުރިން މި ސަރުކާރުގެ ކޮންސްޓްރަކްޝަން މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި، މާލޭ މަގުތައް ހަދަން ހިންގާ ޕްރޮޖެކްޓަށް 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށެވެ.