13 ޖަނަވަރީ 2024 - 11:16 4
ހަސަން މުހައްމަދު
ރައީސް މިއަދު ވާހަކަ ދައްކަވަނީ: ވިދާޅުވީ ރާއްޖެ އޮތީ އެއްވެސް ގައުމެއްގެ ބެކްޔާޑުގައި ނޫން ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
13 ޖަނަވަރީ 2024 - 11:16 4
ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް އެހެން ގައުމުތަކުން ގަނާ ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ، ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރު ނިންމާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު އިންޑިއާއަށް ނިސްބަތް ކުރައްވާ ވިދާޅުވީ ރާއްޖެއަކީ "ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން" ކަމަށެވެ.
"އަޅުގަނޑުމެންނަކީ ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް. އެހެންވީމާ މި ޓެރިޓޯރިއަލް އިންޓަގްރިޓީ އަސާސްއަކީ ޗައިނާއިން ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް އިހުތިރާމް އަދާ ކުރާ އަސާސެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިންޑިއާ ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫން ކަމަށާއި ރާއްޖޭގެ ހިއްސާ ވެސް މި ކަނޑުގައި ބޮޑު ކަމަށެވެ.
"އަޅުގަނޑުމެންނަކީ މި ކަނޑުގައި ރަށްތަކުގެ ސައިޒު ކިތަންމެ ކުޑަޔަސް، އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން ވަރަށް ބޮޑު ނުވަ ލައްކަ އަކަ ކިލޯމީޓަރުގެ ބޮޑު ގައުމެއް. މި ކަނޑުގައި އެއް ގައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތް އެއް ގައުމަކަށް ވާނެ ދިވެހިރާއްޖެ. ވަކި ގައުމެއްގެ މިލްކެއް ނޫން މި ކަނޑަކީ،" ރައީސް ވިދާޅުވި އެވެ.
ސީދާ އިންޑިއާގެ ނަން ވިދާޅުނުވެ ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުގައި "އެއް ގޮނޑިން ތެދުވެ، އަނެއް ގޮނޑީގައި އިށީންދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން" ކަމަށެވެ. އަދި ވިދާޅުވީ "އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް ތެދުވާނީ ވަކި ބަޔަކަށް ބަރޯސާވުމެއް ނެތި" ކަމަށެވެ.
"އަޅުގަނޑުމެންގެ އަމިއްލަ އެތެރޭގެ ކަންކަމަކަށް ޗައިނާއަކުން އެއްވެސް ވަރަކަށް ނުފޫޒެއް ނުފޯރުވާ. ކުރީގައި، ދާދިފަހުން، ފަހަކާ ޖެހެންދެން ފެނުނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައި ވެސް އިށީންދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން. އެ ގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެކި ދާއިރާތަކުން ރާއްޖެއިން އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ. އެގޮތުން އިންޑިއާއަށް ބޭހަށް ދިޔުމާއި އިންޑިއާއިން ބޭސް ގެނައުން ވެސް ހުއްޓާލައްވާނެ ކަމަށް ވިދާޅުވި އެވެ.
"އާދައިގެ ބޭސް ގެނައުން ނިމުމަކަށް ގެނެސް ސީދާ އުފައްދާ ތަނުން، ޔޫރަޕާއި އެމެރިކާއިން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭސް އެތެރެ ކުރާ ގޮތަށް އަޅުގަނޑުމެން ބަދަލު ކުރާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަ ނިންމާލެއްވީ އިނގިރޭސިބަހުން އަނެއްކާ ވެސް އިންޑިއާއަށް ބަހުގެ ހަމަލާއެއް ދެއްވައިފަ އެވެ. ވިދާޅުވީ "ދިވެހިރާއްޖެ ކިތަންމެ ކުޑަ ނަމަވެސް ގަނާ ކުރުމުގެ ހައްގު އެއްވެސް ބަޔަކަށް ނުލިބޭ" ކަމަށެވެ.
ޖެނުއަރީ 7، ފެށިގެން ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރު ނިންމާލެއްވީ ހުކުރު ދުވަހެވެ. އެ ދަތުރުގައި ޗައިނާ އާއި ރާއްޖެއާ ދެމެދު 20 އެއްބަސްވުމެއްގައި ސޮއި ކުރި އެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއް ވެސް ހިމެނެ އެވެ. އަދި ގުޅިފަޅާއި ގިރާވަރުފަޅާއި ފުށިދިއްގަރުފަޅުގެ މަގު ހެދުމާއި ޔުޓިލިޓީސް ބިނާކުރުން ހިމެނެ އެވެ.
70.00%
0.00%
30.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޢެލީ
about 1 year ago
މިކަން ކުރަން ލަސްވެސްވެއްޖެ އަބަދު ބޮޑުބޭބެ ރުޅިއަތުވެދާނެތީ އެހެން މީހަކާއި އަނގައިން ބުނަންވެސް ނުކެރިފައި ހުންނަން ޖެހޭވަރު ޤައުމެއްނޫން މިއީ
އަލިފުހާ
about 1 year ago
130 މިލިއަންޑޮލަރަށް ޤައުމެއްގެ ފޮރިން ޕްލިސީ ވިއްކާލުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް. ވަރަށް ދެރަވަރު!
ނާޒިމްބެ
about 1 year ago
އިންޑިއާގެ ގިނަ ރައްޔިތުން ވަރަށް ނައިސް. އެކަމު މިހާރު އިންޑިއާގަ އޮތް ސަރުކާރަކީ ދުނިޔޭގަވެސް މިހާރު އޮތް އެންމެ ބޮޑު ބުލީ ސަރުކާރު.
އުފާވެރިކަން
about 1 year ago
އުފާވެރި ދުވަހެއް! ރައްޔިތުނންނޭ، އަނެއް ދިވެހި ރާއްޖެއަށްދަން ފޫގަޅާލާ!!
Comment