Advertisement

ކުންފުނިތަކުގެ ވެރިންނާ އެކު ޑިޒާސްޓާއިން ވިއްސާރައިގައި ގެއްލުން ލިބުނު ގޭގެއަށް ދަނީ

13 ޖަނަވަރީ 2024 - 14:00 2

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ވިއްސާރަވެ މާލޭގައި ފެންބޮޑުވެފައި: އިއްޔެ މާލެއަށް 159.3 މިލިމީޓަރު ވާރޭ ވެހުނު -- ފޮޓޯ: އިޔާން/އަދަދު


ކުންފުނިތަކުގެ ވެރިންނާ އެކު ޑިޒާސްޓާއިން ވިއްސާރައިގައި ގެއްލުން ލިބުނު ގޭގެއަށް ދަނީ

13 ޖަނަވަރީ 2024 - 14:00 2

މާލެއަށް އިއްޔެ ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ގެތަކަށް ބަދަލު ދިނުމުގެ ގޮތުން އެސެސްމެންޓް ހެދުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ޓީމުތަކާއި އެކު ސަރުކާރު ކުންފުނިތަކުގެ ވެރިން މިއަދު އެ ގެތަކަށް ޒިޔާރަތްކުރާނެ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

އިއްޔެ މާލެއަށް 159.3 މިލިމީޓަރު ވާރޭ ވެހިފައިވާއިރު، ވިއްސާރާގައި 144 ގެއަކުން އެހީއަށް އެދި ގުޅި ކަމަށް އެންޑީއެމްއޭއިން ބުނެ އެވެ. ފެން ބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނީ އަށް ގެއެއްގައި ދިރިއުޅޭ ޖުމްލަ 57 މީހުން ކަމަށްވާއިރު, އެންޑީއެމްއޭއިން އެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން ހަމަޖައްސައި ދިނެވެ.

މިކަމާ ގުޅޭގޮތުން އެންޑީއެމްއޭގެ ޗީފް އެކްޒެކެޓިވް ހިސާން ހަސަން "އަދަދު"އަށް ވިދާޅުވީ، އިއްޔެ ގެއްލުން ލިބުނު ގޭގެއަށް މިއަދު ޒިޔާރަތްކޮށް ލިބިފައިވާ ގެއްލުން ވަޒަންކުރުމަށްފަހު، ބަދަލު ދިނުމަށް ނިންމާފައި ވާކަމަށެވެ. އަދި އެ އޮތޯރިޓީގެ ޓީމުތަކާއެކު ސަރުކާރުގެ ކުންފުނިތަކުގެ މުއައްޒަފުން ބައިވެރިވާނެ ކަމުގައި ހިސާން ވިދާޅުވި އެވެ.

"އެސެސްމެންޓް ހަދަން މިއަދު މިދަނީ. އަޅުގަނޑުމެންގެ ޓީމުތަކާއެކު ބައިވެރިވާނެ ސަރުކާރުގެ، އެމްޑަބްލިއުއެސްސީ، ސްޓެލްކޯ ތަންތަނުގެ މުއައްޒަފުން ވެސް،" ހިސާން ވިދާޅުވި އެވެ.

ނަމަވެސް، ބަދަލުގެ ގޮތުގައި މިއަދު އެއްވެސް ރުފިޔާއެއް ނުބަހާނެކަން ހިސާން ފާހަގަކުރެއްވި އެވެ.

މިދިޔަ ޑިސެމްބަރު 31، ގައި މާލެއަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު 70 ގޭބިސީއަކަށް އެހީގެ ގޮތުގައި ޖުމުލަ 457،242ރ. ދިނުމަށްވެސް އެންޑީއެމްއޭއިން ނިންމާފައިވެ އެވެ. ފަހުގެ ތާރީހެއްގައި އެންމެ ގިނައިން މާލެއަށް ވާރޭ ވެހުނީ ވެސް މިދިޔަ ޑިސެމްބަރު 31، ގަ އެވެ. މެޓް އޮފީހުން ބުނި ގޮތުގައި އެއީ 24 ގަޑިއިރު ތެރޭ މިހާތަނަށް އެންމެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވާ މިންވަރެވެ.

އެ ދުވަހު ހުޅުލެއަށް 179.7 މިލިމީޓަރު އަދި މާލެއަށް 118.2 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.