Advertisement

އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށް; 159 މިލިމީޓަރުގެ ވާރޭ ވެހުނު

13 ޖަނަވަރީ 2024 - 09:17 0

ނިމާ ހަސަން

ނިމާ ހަސަން

ވާރޭ ވެހި, މާލޭގެ ފެންބޮޑުވެފައި; އިއްޔެ މާލެއަށް 159 މިލިމީޓަރުގެ ވާރޭ ވެހުނު -- ފޮޓޯ: އިޔާން/ އަދަދު


އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށް; 159 މިލިމީޓަރުގެ ވާރޭ ވެހުނު

13 ޖަނަވަރީ 2024 - 09:17 0

އިއްޔެ މުޅި ރާއްޖެއަށް ކުރި ވިއްސާރާގައި އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މެޓް އޮފީހުން އާންމުކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ މާލެ ސަރަހައްދަށެވެ. އެގޮތުން އިއްޔެ މާލެއަށް 159.3 މިލިމީޓަރު, ހުޅުލެއަށް 143.4 މިލިމީޓަރު އަދި ހުޅުމާލެއަށް 105.4 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރިކޯޑު ކުރެވިފައިވެ އެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން އިއްޔެ މާލޭގައި ފެންބޮޑުވެފައިވާއިރު, ފަހުގެ ތާރީހެއްގައި އެންމެ ގިނައިން މާލެއަށް ވާރޭ ވެހުނީ މިދިޔަ ޑިސެމްބަރު 31، ގަ އެވެ. މެޓް އޮފީހުން ބުނި ގޮތުގައި އެއީ 24 ގަޑިއިރު ތެރޭ މިހާތަނަށް އެންމެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވާ މިންވަރެވެ.

އެ ދުވަހު ހުޅުލެއަށް 179.7 މިލިމީޓަރު އަދި މާލެއަށް 118.2 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.

މާލެ, ހުޅުލެ އަދި ހުޅުމާލޭގެ އިތުރުން އިއްޔެ ދެން އެންމެ ގިނައިން ވާރޭ ވެހުނީ ކ. ކާށިދޫ, އދ. މާމިގިލި, އއ. ތޮއްދޫ އަދި ގދ. ތިނަދޫއަށެވެ. އެ ރަށްތަކަށް 68.3 މިލިމީޓަރާއި, 53.3 މިލިމީޓަރާ ދެމެދުގެ މިންވަރަކަށް ވާރޭ ވެހުނެވެ.

އިއްޔެ ވެހުނު ވާރޭގައި މާލޭގެ އިތުރުން ތ. ގުރައިދޫ, ދިޔަމިގިލި, ލ. މާމެންދޫ އަދި ދ. ކުޑަހުވަދޫ ގައި ފެން ބޮޑުވި އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ބުނީ އިއްޔެގެ ވިއްސާރާގައި 144 ގެއަކުން އެހީއަށް އެދި ގުޅި ކަމަށެވެ. ފެން ބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނީ އަށް ގެއެއްގައި ދިރިއުޅޭ ޖުމްލަ 57 މީހުން ކަމަށްވާއިރު, އެންޑީއެމްއޭއިން ވަނީ އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން ހަމަޖައްސައިދީފަ އެވެ.

އިއްޔެ ރެއިން ފެށިގެން ރޭ ދަންވަރާ ހަމައަށް ހުއްޓުމެއް ނެތި މާލެ އާއި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ދިޔައީ ވާރޭ ވެހެމުންނެވެ. އޭގެ ސަބަބުން މާފަންނު އަވަށުގެ ބޮޑު ސަރަހައްދެއްގައި ވަރަށް ބޮޑަށް ފެން ބޮޑުވި އެވެ. އެހެންވެ އެ ސަރަހައްދުގެ މަގުތައް ވެސް ބަންދުކުރި އެވެ. އަދި މާލޭގެ އެހެން ބައެއް ސަރަހައްދުތަކާއި ބޮޑެތި މަގުތަކުގައި ވެސް ފެން ބޮޑުވި އެވެ.

މާލޭގައި ފެން ހިންދައި އާންމު ހާލަތަކަށް ގެނައީ، ފެން ހިންދަން އިތުރު ޕަންޕު ބޭނުންކޮށްގެންނެވެ. އެ މަސައްކަތުގައި މިހާރު އަށް ސަރަހައްދެއްގައި 23 ޕަންޕު ބޭނުންކޮށްގެން އެމްއެންޑީއެފުން ވަނީ 27449 ޓަނުގެ ފެން ހިންދާފަ އެވެ.

ވާރޭ ވެހުން ހުއްޓުމުން، މާލެ އާންމު ހާތަކަށް އަޅުވައި އޮޕަރޭޝަން ހުއްޓައިލީ މިއަދު ފަތިހު އެވެ.