Advertisement

ވަގުތު ދެވެން ނެތުމުން ބުޅިކެ ގައުމީ ވޮލީ ޓީމާ ދުރަށް

11 ޖަނަވަރީ 2024 - 09:41 0

ގައުމީ ވޮލީބޯޅަ ޓީމުގެ މެޗެއްގެ ތެރެއިން ބުޅިކެ: އޭނާ ވަނީ ވަގުތު ދެވެން ނެތް ކަމަށް ބުނެ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފައި.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ


ވަގުތު ދެވެން ނެތުމުން ބުޅިކެ ގައުމީ ވޮލީ ޓީމާ ދުރަށް

11 ޖަނަވަރީ 2024 - 09:41 0

އުފަން ރަށުގެ ކައުންސިލް ރައީސް ކަމަށް ކުރިމަތިލާން ނިންމާފައިވާތީ، އެހެން ކަންކަމަށް ވަގުތު ދެެވެން ނެތުމާ އެކު، ކުޅަދާނަ ސެޓަރު، ހުސެއިން ވިޝާމް (ބުޅިކެ)، ގައުމީ ފިރިހެން ވޮލީބޯޅަ ޓީމާ ދުރަށް ޖެހިލަން ނިންމައިފި އެވެ.

ބުޅިކެ، 29، އަންނަނީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހު، ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވ. ފެލިދޫ ކައުންސިލް މެމްބަރަކަށް އިންތިހާބު ވުމަށް ފަހު، އެ މަގާމުގެ ޒިންމާ އަދާކުރަމުންނެވެ.

އެ ގޮތުން، ކައުންސިލްގެ އެ ޒިންމާދާރު މަގާމުގައި ހުރެ، ވެސް ބުޅިކެ އަންނަނީ ފުރުސަތު ލިބޭ ވަރަކުން، ގައުމީ ވޮލީ ބޯޅަ ޓީމާ އެކު އެކި މުބާރާތްތަކުގައި ކުޅެމުުންނެވެ.

އެކަމަކު، ވ. ފެލިދޫ ކައުންސިލް ރައީސްގެ މަގާމު ވަރަށް އަވަހަށް ހުސްވާނެކަން ކަށަވަރުވެފައިވާއިރު، އެ މަގާމަށް ކުރިމަތިލާން ބުޅިކެ އޮތީ ނިންމައިފަ އެވެ. އެހެންވެ، މިހާރު އޭނާގެ ވިސްނުމަކީ، ގައުމީ ޓީމަށް ކުޅުން ހުއްޓާލުމެވެ.

"ދެން އެ ވަރުގެ މަގާމަކަށް ދިއުމަށް ފަހު އެކަށީގެންވާ ވަރަށް ގައުމީ ޓީމަށް ވަގުތު ނުދެވޭނެތީ، އިތުރު ކުޅުންތެރިންނަށް ވެސް ފުރުސަތު ދޭން ގަސްދުކުރާތީ ނިންމީ ގައުމީ ޓީމާ ދުރަށް ޖެހިލަން، މިއީ މި ވަގުތަށް އެންމެ ރަނގަޅު ނިންމުން،" ކުޅުމުގެ ކެރިއަރު ނިންމަން ޖެހުނު ސަބަބު އޮޅުންފިލުވައިދެމުން، ބުޅިކެ، "އަދަދު" އަށް ބުންޏެވެ.

ގައުމީ ޓީމުގެ މެޗެއްގެ ތެރެއިން ބުޅިކެ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ


ކައުންސިލް އިންތިހާބުގައި، 2021 ވަނަ އަހަރު، ފެލިދޫ ކައުންސިލް މެމްބަރުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބުނީ، ޕީޕީއެމް ޓިކެޓްގައި ކުރިމަތިލި ބުޅިކެ އަށެވެ.

ގައުމީ ވޮލީ ޓީމާ ހަމައަށް ވެސް ބުޅިކެ ދަތުރު ފެށީ ރަށު ލެވަލުން ފެށިގެންނެވެ. ކުޑަ އިރުއްސުރެން ވެސް ވޮލީ އަށް ޝައުގުވެރިކަން ހުންނަ ބުޅިކެ ރަށު ސްކޫލްގައި ވެސް ވޮލީ ކުޅުނެވެ.

ބުޅިކެ ވޮލީގައި ކުރިއަށްދާން ބޭނުންވި މަގު ކޮށުނީ ވެސް ސްކޫލް ޓީމަށް ކުޅެނިކޮށެވެ. ބުޅިކެ އާއި އޭނާގެ ބޭބެ އަލީ ހުޒާމް (ހުޒަންޓެ) އެންމެ ފުރަތަމަ މާލެ އައީ 2009 އާއި 2010 ވަނަ އަހަރުގެ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތަށެވެ.

އޭގެ ފަހުން، ދެ އަހަރެއްހާ ދުވަސް ތެރޭ ބުޅިކެ އާއި ހުޒަންޓެ ގައުމީ ޓީމުން ފުރުސަތު ހޯދި އެވެ. އެ ފަހުން މެދުކެނޑުމެއްނެތި ގައުމީ ޓީމަށް ކުޅެމުން އަންނަތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

ހުޒަންޓެ އާއި ބުޅިކެގެ ކޮއްކޮ ހަސަން ނިލާމް (ޕާޓޭ) ވެސް އަންނަނީ ގައުމީ ވޮލީ ޓީމަށް ކުޅެމުންނެވެ. ތިން ބެއިން އެކުގައި ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެފައިވެ އެވެ.