9 ޖަނަވަރީ 2024 - 11:36 0
މުހައްމަދު އުޝާމް
އެލްޖީއޭގެ ސީއީއޯ އަދި މެނޭޖުމަންޓުގެ ބައެއް ބޭފުޅުން: ތިނަދޫ ކައުންސިލަށް ފީއެއް ނުނެގޭނެ ކަމަށް އެލްޖީއޭއިން ނިންމައިފި - ފޮޓޯ: އެލްޖީއޭ
9 ޖަނަވަރީ 2024 - 11:36 0
ގދ. ތިނަދޫ ސިޓީން ރަށްވެހިކަން ދޫކޮށްލާ ނަމަ 5000 ރުފިޔާގެ ފީއެއް ދައްކަންޖެހޭނެ ކަމަށް ކައުންސިލުން ނިންމި ނިންމުން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބާތިލުކޮށްފި އެވެ.
ދާދި ފަހުން ސިޓީއެއްގެ ދަރަޖަ ދިން ތިނަދޫ ކައުންސިލުން، ރަށްވެހިކަން ބަދަލުކުރާނަމަ 5000 ރުފިޔާގެ ފީއެއް ނަގާން ނިންމީ، ރަށްވެހިކަން ބަދަލުކުރުމުން އާބާދީގެ އަދަދަށް ނުރަނގަޅު އަސަރުތަކެއް ކުރަމުންދާ ކަމަށް ބުނެ އެވެ. ބެލެވޭ ގޮތުގައި އެއީ ސިޓީއަކަށް ބޭނުންވާ އާބާދީ ހަމަނުވެދާނެތީ ނިންމި ނިންމުމެކެވެ.
އެ މައްސަލަ އެލްޖީއޭއަށް ހުށަހެޅުމުން މިއަދު ވަނީ އެ އޮތޯރިޓީގެ ބޯޑު ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ތިނަދޫ ކައުންސިލްގެ ނިންމުމަކީ ގާނޫނު އަސާސީއާ ފުށުއަރާ ނިންމުމެއް ގޮތަށް ކަނޑައަޅައި ނިންމުން ބާތިލު ކުރި އެވެ.
އެލްޖީއޭގެ އެސިސްޓެންޓް ޑިރެކްޓަރު އަބްދުލް މުއުމިން، މި ކަން "އަދަދު" ނޫހަށް ކަށަވަރުކޮށްދެއްވި އެވެ.
ތިނަދޫއަށް ސިޓީގެ ދަރަޖަ ދިންއިރު އެ ރަށުގެ އާބާދީގައި 10،000 މީހުން ހަމަވާކަމާ މެދު ވެސް ސުވާލުތަކެއް އުފެދުނެވެ. އޭގެ އަހަރެއްހާ ދުވަސް ކުރިން، ސިޓީއެއްގެ ދަރަޖަ ހޯދަން އެ ރަށު ކައުންސިލުން ހުށަހެޅިއިރު ރަށުގެ ރަޖިސްޓްރީގައި ހިމެނޭ އާބާދީ އުޅުނީ 7،000 ގަ އެވެ.
ރައީސް ސޯލިހު ގދ. ތިނަދޫގައި ސިޓީއެއްގެ ދަރަޖަ ދެއްވިކަން އިއުލާން ކުރެއްވި އިރު ވެސް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުގެ ހިސާބުތަކުން ދައްކަނީ އެ ރަށުގެ އާބާދީއަކީ 7،906 މީހުން ކަމަށެވެ.
ނަމަވެސް އޭގެ ފަހުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިދާރީ ދާއިރާތައް ކަނޑައެޅުމަށް މި ފަހުން އެކުލަވާލި ރިޕޯޓުގައިވާ ގޮތުން ތިނަދޫގެ ރަޖިސްޓްރީ އާބާދީއަކީ 10،150 އެވެ. އެއީ އެ ރަށުގެ އުތުރު ދާއިރާގެ 5،076 މީހުން އަދި ދެކުނު ދާއިރާގެ 5،074 މީހުން ކަމަށް ބުނެފައިވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment