9 ޖަނަވަރީ 2024 - 09:47 0
ނިމާ ހަސަން
ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތަކުގެ ގުރުނެގުން ކުރިއަށް ދަނީ; މި މަސް ތެރޭގައި ހުޅުމާލޭގެ ގޯތިތައް ދޫކޮށް ނިންމަން މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުން -- ފޮޓޯ: އިޔާން/ އަދަދު
9 ޖަނަވަރީ 2024 - 09:47 0
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކުރަން ހަމަޖެހިފައިވާ ގޯތިތައް މި މަސް ނިމެން ވާއިރަށް ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފި އެވެ.
އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ޝަހުދާ 'އަދަދު' އަށް މިއަދު ވިދާޅުވީ, ހުޅުމާލެއިން ގޯތި ދޫކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ 700 މީހުންގެ ތެރެއިން 545 މީހުންނަށް ގޯތި ކަނޑާ, ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ބިން ސާފު ކުރެވޭހާ އަވަހަކަށް ދެން ތިބި މީހުންނަށް ވެސް ގޯތި ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ހުޅުމާލެއިން ދޭ ގޯތިތައް މި މަސް ތެރޭގައި ހަވާލުކޮށް ނިންމުމަށް އެ މިނިސްޓްރީން ދަނީ މަސައްކަތް ކުރުމުންނެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ 9003 ގޯތީގެ ތެރޭގައި ހިމެނެނީ, ހުޅުމާލެއިން ދޫކުރާ 1351 ގޯއްޗާއި, ގުޅީފަޅުން ދޫކުރާ 2,219 ގޯތީގެ އިތުރުން ގިރާވަރުފަޅުން ދޫކުރާ 5,433 ގޯއްޗެވެ.
ހުޅުމާލެއިން ގޯތި ލިބޭ, އެއްބަސްވުމުގައި ސޮއިކޮށްފައިވާ މީހުންނަށް ގޯތި ދިނުމުގެ މަސައްކަތް ކުރިއަށް ދާއިރު, މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގުޅީފަޅުން ގޯތި ކެނޑުމުގެ މަސައްކަތް މި މަސް ތެރޭ ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.
ފުރަތަމަ ބުރުގައި ދޫކުރާ ގޯތީގެ އެއްބަސްވުމުގައި ސޮއިކޮށް, އެގްރީމަންޓާ ހަވާލުނުވާ 2000 އެއްހާ މީހުން ނޮވެމްބަރު މަހާ ހަމައަށް ތިބިއިރު, ހައުސިން މިނިސްޓްރީން މިހާރު ދަނީ ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް ވެސް އަލުން ފަށާފަ އެވެ.
ކުރީ ސަރުކާރުން ފެށި މި މަޝްރޫއުގެ ދަށުން, ދޫކުރާ ގޯތިތައް އެ ސަރުކާރު ނިމުމުގެ ކުރިން ހަވާލުކުރާނެ ކަމަށް އޭރު އެކަމާ ހަވާލުވެތިއްބެވި ބޭފުޅުން ވިދާޅުވި އެވެ. އެހެން ނަމަވެސް އެ މަސައްކަތް ނިމިފައި ނުވާއިރު, މި ސަރުކާރު އައި ފަހުން އެ މަސައްކަތް ކުރިއަށް ނުގޮސް އޮތުމަށްފަހު އަލުން ފެށީ ދާދި ފަހުންނެެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment