Advertisement

ވެރިކަމުގެ ފަސްވަނަ ދައުރު ޝެއިހް ހަސީނާ ކަށަވަރު ކުރައްވައިފި

8 ޖަނަވަރީ 2024 - 21:02 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ވެރިކަމުގެ ފަސްވަނަ ދައުރު ޝެއިހް ހަސީނާ ކަށަވަރު ކުރައްވައިފި

8 ޖަނަވަރީ 2024 - 21:02 1

އަވައްޓެރި ބަންގްލަދޭޝްގެ އިދިކޮޅު މައި ޕާޓީން ބޮއިކޮޓު ކުރި އެގައުމުގެ ރިޔާސީ އިންތިހާބު ފަސްވަނަ ފަހަރަށް ކާމިޔާބުކޮށް އަނެއްކާވެސް ބަންގްލަދޭޝްގެ ބޮޑުވަޒީރުކަން ޝޭހް ހަސީނާ ކަށަވަރު ކުރައްވައިފި އެވެ.

އެގައުމުގެ ރިޔާސީ އިންތިހާބު އިއުލާނު ކުރި އިރުވެސް ހަސީނާއަށް އޮތީ އިންތިހާބު ކަށަވަރުވެފަ އެވެ. ސަބަބަކަށްވީ އިންތިހާބު އިންސާފުވެރި ނުވާނެ ކަމަށް ބުނެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، ބަންގްލަދޭޝް ނެޝެނަލް ޕާޓީން (ބީއެންޕީ) އިންތިހާބު ބޮއިކޮޓު ކުރުމުންނެވެ. އެޕާޓީން އިންތިހާބު ބޮއިކޮޓު ކުރީ ވޯޓުގެ ކަންކަން މިނިވަން މުއައްސަސާއަކުން ކުރުމަށް ސަރުކާރުން އެއްބަސް ނުވުމުންނެވެ. ބީއެންޕީން ހުށަހެޅި ގޮތަށް ބަންގްލަދޭޝްގެ ސަރުކާރުން އަމަލު ނުކުރީ ވެރިކަމުގައި ހަސީނާ އިތުރު ދައުރަކަށް ބޭންދުން ރަސްމީކޮށްލުމަށް ކަމަށް ބަންގްލަދޭޝްގެ ސިޔާސީ ފަރާތްތަކުން ބުނެ އެވެ.

އިންތިހާބުގެ ނަތީޖާ ދައްކާގޮތުން ހަސީނާގެ އަވާމީ ލީގުން ވަނީ މަޖިލީހުގެ 222 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ދެވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ މިނިވަން ކެންޑިޑޭޓުންނެވެ. މަޖިލީހުގެ 300 ގޮނޑީގެ ތެރެއިން 63 ގޮނޑި މިނިވަން ކެންޑިޑޭޓުން ކާމިޔާބު ކުރި އެވެ.

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އިންތިހާބުގައި ވާދަކުރި ހަމައެކަނި ޕާޓީ، ޖަތިޔާ ޕާޓީއަށް ލިބުނީ 11 ގޮނޑި އެވެ.

އިންތިހާބުގައި އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރެއްވި ހުރިހާ ބޭފުޅުންނަކީ ވެސް ހަސީނާގެ އަވާމީ ލީގުގެ ކުރީގެ މެންބަރުންނެވެ. އެމީހުން ޕާޓީން ވަކިވީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި އިންތިހާބުގައި ވާދަ ކުރުމަށެވެ. ބަންގްލަދޭޝްގައި ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ދަނީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި އަވާމީ ލީގުގެ ބަޔަކު ވާދަ ކުރުމުގެ ބޭނުމަކީ ބަންގްލަދޭޝްގެ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއްކަން ދުނިޔެއަށް ދެއްކުން ކަމަށް ބުނެ ތުހުމަތުތަކެއް ކުރަމުންނެވެ.

ބަންގްލަދޭޝްގެ އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ބުނީ ރިޔާސީ އިންތިހާބުގައި ވޯޓުލީ ޖުމުލަ ވޯޓު ލެވޭ އާބާދީގެ 28 އިންސައްތަ މީހުން ކަމަށެވެ. ނަމަވެސް ފަހުން އެ ކޮމިޝަނުން ވަނީ ވޯޓުލެވޭ އާބާދީގެ 40 އިންސައްތަ މީހުން ވޯޓު ލާފައިވާ ކަމަށް ފަހުން އިއުލާނުކޮށްފަ އެވެ.

ބީއެންޕީން އިންތިހާބު ބޮއިކޮޓު ކޮށްފައި އޮއްވައި އެވަރުގެ ޓާންއައުޓެއް އިންތިހާބުގައި ނުނިކުންނާނެ ކަމަށް ބުނެ ބަންގްލަދޭޝްގެ ސިޔާސީ ފަރާތްތަކުންނާއި އާންމުންގެ ގިނަ ބަޔަކު ވަނީ ނަތީޖާއާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.