Advertisement

މާލޭގައި ދުވާލަކު ރަޖިސްޓްރީކުރާ ވެހިކަލުގެ އަދަދު 200 އިން 20 އަށް ދަށްކޮށްފި

9 ޖަނަވަރީ 2024 - 09:57 2

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މާލޭގެ ކާރު ޕާކިން ޒޯނެއް؛ މިނިސްޓަރު އަމީން ވިދާޅުވީ މިހާރު ކޮންމެ ދުވަހަކު މާލޭގައި ރަޖިސްޓްރީކުރަނީ 30 އުޅަނދަށްވުރެ މަދުންކަމަށް -- ފޮޓޯ: އަދަދު


މާލޭގައި ދުވާލަކު ރަޖިސްޓްރީކުރާ ވެހިކަލުގެ އަދަދު 200 އިން 20 އަށް ދަށްކޮށްފި

9 ޖަނަވަރީ 2024 - 09:57 2

މާލޭގައި ދުވާލަކަށް ރަޖިސްޓްރީކުރާ ވެހިކަލުގެ އަދަދު 200 އިން 20 އަށް ދަށްކޮށްފި އެވެ.

މާލެ ސަރަހައްދުގެ އާބަން ޓްރާންސްޕޯޓް މާސްޓާ ޕްލޭން އިފްތިތާހްކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތުގެ ދަށުން ދުވާލެއްގެ މައްޗަށް ރަޖިސްޓްރީކުރާ އެއްގަމު އުޅަނދުގެ އަދަދު ވަރަށް ބޮޑުތަނުން ދަށްކުރެއްވިއްޖެ ކަމަށެވެ.

"އަޅުގަނޑުމެން އެޅި ފިޔަވަޅުތަކުގެ ސަބަބުން [މާލެއަށް ވެހިކަލް ރަޖިސްޓްރީކުރާ] އަދަދު ވަރަށް ބޮޑަށް ދަށްކުރެވިއްޖެ. ދުވާލަކަށް ތިރީސް ނޫނީ ވިހިވަރަަކަށް ވެހިކަލާ ހިސާބަށް ދަށްކުރެވިފަ ވީ." މިނިސްޓަރު އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވެހިކަލް ރަޖިސްޓްރީކުރާ އަދަދު ދަށްކުރެވުމަކީ ވެސް މިހާތަނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"ކުރިން ރަޖިސްޓްރީކުރި އަދަދަށް ވެހިކަލް ނުކުމެގެން ދާނަމަ މިހާރު އޮތް ހާލަތުން އަދި އަޅުގަނޑުމެންނަށް މާ ނުރައްކާތެެރި، ނޫނީ މީހުންނަށް ނޫޅެވޭކަހަލަ ހާލަތަކަށް މި މާލެ ސަރަހައްދު ބަދަލުވެގެން ދާނެ" މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޭރުގެ އެންވަޔަރަމެންޓު މިނިސްޓަރު އައިޝަތު ޝައުނާ ވިދާޅުވެފައިވާ ގޮތުގައި މާލޭގެ ކޮންމެ އަކަ ކިލޯމީޓަރަކަށް 10،000 އުޅަނދު އެބަހުއްޓެވެ. މިދިޔަ ސަރުކާރުގައި ވެސް ވެހިކަލް އެތެރެކުރުން ކޮންޓްރޯލްކުރުމަށް މަސައްކަތްތަކެއް ކުރި އެވެ.

މާލޭގެ ޓްރެފިކް މައްސަލައަށް ހެޔޮ ބަދަލެއް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒެކެވެ. މިއަދު އިފްތިތާހުކުރި މާލޭ އާބަން ޓްރާންސްޕޯޓު މާސްޓާ ޕްލޭނަކީ އެގޮތުން ފަށާ ބޮޑު މަޝްރުއޫ އެކެވެ.

މި މާސްޓާ ޕްލޭނުން ސަރުކާރާއި ކަމާގުޅޭ އެހެން ފަރާތްތަކުގެ މެދުގައި މުއާމަލާތްކުރުން ހަރުދަނާކޮށް، ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމަކަށް ފަހިކޮށްދޭނެ އެވެ. އަދި މިހާރު ހުރި ސިޔާސަތުތަކާއި ޕްރޮގްރާމުތަކާ ގުޅިގެން ގާނޫނީ ގޮތުން ހުރި ހުރަސްތައް ދެނެގަތުމާ އެކު އެކަންކަން ތަންފީޒުކުރަން އިދާރާތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހައްލުކުރަން ފަހިކޮށްދޭނެ އެވެ.

އޭގެ އިތުރުން ދަތުރުފަތުރު ނިޒާމު ތަރައްގީކުރަން ހިންގާ ޕްރޮޖެކްޓުތަކުގައި މާލެ ސަރަހައްދުގައި ތޮއްޖެހުން ކުޑަކުރެވޭނެ ގޮތަކަށް ޕަބްލިކް ޓްރާންސްޕޯޓް ނިޒާމުގެ ރޯޑްމެޕް އެކުލަވާލުމާއި މަގުތައް ފަރުމާކުރާއިރު ތޮއްޖެހުން ކުޑަކުރަން ކުރެވިދާނެ ކަންކަން ދެނެގަނެވޭނެ އެވެ.

ހަމައެހެންމެ، މިހާރު ބޭނުންކުރާ އުޅަނދުުތަކުގެ ބަދަލުގައި ބޭނުންކުރެވޭނީ ކޮންކަހަލަ އުޅަނދުތަކެއްތޯ ދެނެގެނެވޭނެ އެވެ. މިސާލަކަށް މާލެ-ތިލަފުށި ބްރިޖުގައި "ޓްރެއިންސް/ޓްރޭމް" އެއް ގާއިމުކުރެވިދާނެތޯ ބަލާނެ އެވެ. އަދި އުޅަނދުތަކުގެ "އޭޖް ލިމިޓް" ކަނޑައެޅުން ފަދަ ކަންކަން ވެސް ކުރެވޭނެ އެވެ.