Advertisement

ފެކްޓު ޗެކު: ޑޭޝް 8 ގައި ތައިލެންޑަށް ސީދާ ދަތުރެއް ނުކުރެވޭނެ!

18 ޖަނަވަރީ 2024 - 13:08 3

އަމަން ހަލީމް

އަމަން ހަލީމް

އެއާ އެމްބިއުލަންސް ހިދުމަތް ސިފަކޮށްދޭ ކުރެހުމެއް: އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ޑޭޝް އަދި މި ކުރެހުމުގައިވާ އޭޓީއާރު މަރުކާގެ ފްލައިޓުތަކުން ދުރު ރާސްތާ ދަތުރެއް ނުކުރެވޭނެ -- ގްރެފިކްސް: ރައްޔާން މުހައްމަދު/އަދަދު


ފެކްޓު ޗެކު: ޑޭޝް 8 ގައި ތައިލެންޑަށް ސީދާ ދަތުރެއް ނުކުރެވޭނެ!

18 ޖަނަވަރީ 2024 - 13:08 3

ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވުމަށް އެނބުރި ރާއްޖެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގިނަ ކަންކަން އިއުލާންކުރައްވާ، އެތައް ކަމެއް ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި އެ ދަތުރާ ސީދާ ނުގުޅޭ ކަންކަން ވެސް ފާހަގަކުރެއްވި އެވެ. އޭގެ ތެރެއިން އެއް ވާހަކައަކީ އެއާ އެމްބިއުލަންސް ތައާރަފުކޮށް، ޑޭޝް 8 މަތިންދާބޯޓުގައި ބަލި މީހުން ތައިލެންޑަށް އުފުލާ ވާހަކަ އެވެ.

"ބަލިމީހުން އުފުލަން އެއާ އެމްބިއުލެންސް، މާޗު 1, ގައި އިރާދަކުރެއްވިއްޔާ އުދުހެން ފަށާނެ. ހެލިކޮޕްޓަރެއް ނޫން، ޑޯނިއާއެއް ނޫން، ޑޭޝް 8 ގެ އަޅުގަނޑުމެންގެ އޮތް މަތިންދާބޯޓު މިހާރު ބަދަލުކުރުމުގެ މަސައްކަތް އެވަނީ ފެށިފައި. އެއިން އެތައް ފައިދާއެއް އެބަވޭ. އެންމެ އުތުރުން، ނޫނީ އެންމެ ދެކުނުން މާލެއަށް ކުޑައިރުކޮޅަކުން އާދެވުމުގެ އިތުރަށް، ކުއްލިއަކަށް ރާއްޖެއިން ބޭރަށް ތައިލެންޑާ ހަމައަށް ގެންދަން ވިޔަސް، އެ ޑޭޝް 8 ގައި ދާނެ." އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވި ނަމަވެސް ޑޭޝް 8 މަރުކާގެ މަތިންދާބޯޓުތަކުގައި ތައިލެންޑަށް ސީދާ ދަތުރުނުކުރެވޭނެ ކަން "އަދަދު" ނޫހުން މިހާތަނަށް އެކި މަސްދަރުތަކުން އެއްކުރި މައުލޫމާތުން ކަށަވަރުވެފައިވެ އެވެ.

ޑޭޝް 8 މަރުކާގެ މަތިންދާބޯޓުތަކަކީ ކެނެޑާގެ ޑި ހަވިލޭންޑް އެއާކްރާފްޓު ކޮމްޕެނީގެ އުފެއްދުމެކެވެ. މީގެ ފްލައިޓުތައް ބޮމްބާޑީއާ އެއިރޯސްޕޭސްއިން ވެސް އުފައްދާފައިވެ އެވެ.

މީގެ މަތިންދާބޯޓުތަކުގެ ހަތަރު ސްޕެސިފިކޭޝަނެއް މިހާތަނަށް އުފައްދާފައިވެ އެވެ. އެއީ 100، 200، 300، 400 ސްޕެސިފިކޭޝަނެވެ. ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލީޓުގައި ބޭނުންކުރަނީ މީގެ ތެރެއިން ޑޭޝް 8-200 މަރުކާގެ 37 ފަސިންޖަރުން އުފުލޭ ފްލައިޓުތަކާއި ޑޭޝް 8-300 މަރުކާގެ 50 ފަސިންޖަރުން އުފުލޭ ފްލައިޓުތަކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއާ އެމްބިއުލަންސް ހިދުމަތް ފަށަނީ މޯލްޑިވިއަނުން މިހާރު ބޭނުންކުރާ ޑޭޝް 8 މަރުކާގެ މަތިންދާބޯޓެއް އެއާ އެމްބިއުލާންސަކަށް ބަދަލުކޮށްގެންނެވެ. ތިރީގައި މިވަނީ މި މަތިންދާބޯޓުތަކުން އެންމެ ދުރަށް ދަތުރުކުރެވޭ ރޭންޖު (ދަތުރުކުރެވޭ ދިގުމިން) އެވެ.

  • ޑޭޝް 8-200 ރޭންޖަކީ 1065 މޭލު ނުވަތަ 1713 ކިލޯމީޓަރު
  • ޑޭޝް 8-300 ރޭންޖަކީ 968 މޭލު ނުވަތަ 1557 ކިލޯމީޓަރު

މިހެންކަމުން މިއިން މަތިންދާބޯޓެއްގައި ރާއްޖެއާ ތައިލެންޑާ ދެމެދުވާ 1966 މޭލު ނުވަތަ 3,165 ކިލޯމީޓަރުގެ ދިގު ރާސްތާ ކަޑައްތު ނުކުރެވޭނެ އެވެ. އަވައްޓެރި ލަންކާ މަގުން ދަތުރުކުރަން ވިސްނިޔަސް އެކަމެއް ވެސް ނުވާނެ އެވެ. ލަންކާ އާއި ތައިލެންޑާ ދެމެދު ދުރުމިނުގައި ވަނީ 1487 މޭލު ނުވަތަ 2392 ކިލޯމީޓަރެވެ.