Advertisement

ފީފާގެ އޮޑިޓަރުންގެ ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވަނީ

7 ޖަނަވަރީ 2024 - 13:57 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


ފީފާގެ އޮޑިޓަރުންގެ ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވަނީ

7 ޖަނަވަރީ 2024 - 13:57 0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިސް އޮފިޝަލުންގެ ހިޔާނާތުގެ މައްސަލަތަކެއް ޕްރޮސެކިއުޓަ ޖެނެރަލް އޮފީސް (ޕީޖީ އޮފީސް) އާއި ޕޮލިހުން ބަލަމުން އަންނަ ދަނޑިވަޅެއްގައި، ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާގެ އޮޑިޓަރުންގެ ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

މި ކަމާ ގުޅޭގޮތުން، "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް (ޖައު) ވިދާޅުވީ، ފީފާގެ އޮޑިޓަރުން އަބަދުވެސް އެކި ފަހަރު މަތިން އައިސް، އެފްއޭއެމްގެ މާލީ މުއާމަލާތްތައް އޮޑިޓް ކުރާ ކަމަށާއި މި ފަހަރު ވެސް މިއީ، އެ ކަހަލަ ދަތުރެއް ކަމަށެވެ.

ޖައުޝަން، ދެން، ވިދާޅުވީ، ފީފާގެ އޮޑިޓަރުން ފުލުހުންނާ ބައްދަލުކުރީ، މިހާރު ކުރިއަށްދާ، އެފްއޭއެމްގެ ތަހުގީގަށް ފުލުހުން އަތުގައި ހުރި އެފްއޭއެމްގެ ލިޔުންތަކެއް ބެލުމުގެ ގޮތުން ކަމަށެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި، އެފްއޭއެމްގެ އޮފިޝަލުންގެ ބައިވެރިވުމެއް ނެތް ގޮތަށް ވެސް ފީފާގެ އޮޑިޓަރުން އަންނަނީ ފުލުހުންނާ ބައްދަލުކުރަމުންނެވެ. އެއީ، މިހާރު ތަހުގީގު ކުރަމުން އަންނަ އެފްއޭއެމްގެ މައްސަލައާ ގުޅޭ ބައްދަލުވުންތަކަކަށް ވުމުގެ ފުރުސަތު އެބައޮތެެވެ.

ފުލުހުންނާއި ޕީޖީ އޮފީހުން ބަލަމުން އަންނަ މައްސަލަ އަކީ އެފްއޭއެމަށް ބައިނަލްއަގުވާމީ ޖަމިިއްޔާތަކުން ދޭ ފައިސާ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އެ ތަނުގެ ބައެއް އެހެން ފަރާތްތަކުން އަމިއްލަ ކަންކަމަށް ބޭނުންކޮށް، ހިޔާނާތްތެރިވެފައިވާ މައްސަލަ އެވެ.

މި މައްސަލައިގައި، ފުލުހުންގެ ޓީމެއް ވަދެ، އެފްއޭއެމް ހައުސް ރެއިޑް ކުރިއިރު، މި ވަގުތު އެފްއޭއެމްގެ ރައީސް ބައްސާމްގެ ޕާސްޕޯޓް ވެސް އޮތީ ހިފަހައްޓައިފަ އެވެ.

އެނގިފައިވާ ގޮތުގައި، ފީފާގެ އޮޑިޓަރުން ރާއްޖެ އައިސް މައުލޫމާތު ސާފުކުރަން ހަމަޖެހިފައިވާ އެއް ކަމަކީ، ކޮވިޑް-19 ގެ ދުވަސްވަރު ގައުމުތަކަށް ފީފާއިން ކޮވިޑް ރިލީފް ލޯންގެ ނަމުގައި ދޫކުރި ލޯންތަކުގެ ތެރެއިން ރާއްޖޭގެ ފުޓްބޯޅަ އަށް ހަރަދުކުރަން، ފީފާ އިން އެފްއޭއެމަށް ދިން، 1.9 މިލިއަން ޑޮލަރުގެ އިންޓަރެސްޓް ފްރީ ލޯނަށް ވީ ނުވީއެއް ބެލުމަށެވެ.

އެނގިފައިވާ ގޮތުގައި، ފީފާ އިން ދިން މި ލޯނުގެ ފައިސާ ހަރަދުކުރި ގޮތުގެ ބައެއް މައުލޫމާތު ރާއްޖޭގެ ފުލުހުންގެ ތަހުގީގަށް ވެސް ވަނީ ލިބިފަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމްގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް، އެ އެސޯސިއޭޝަނުން ވަނީ އަންނަ މަހުގެ 31 ވަނަ ދުވަހު އިންތިހާބެއް ބާއްވަން ނިންމައިފަ އެވެ. އެއީ، ބައްސާމްގެ ދެ ވަނަ ދައުރު ނިމުމުގެ ފަސް މަސް ކުރިންނެވެ.

އަވަސް އަރުވާލައިގެން ބާއްވަން އުޅޭ އެފްއޭއެމްގެ އިންތިހާބުގެ ކަންކަން މަޑުޖައްސާލަން ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް އަންގާފައިވީ ނަމަވެސް އެ އަށް ބެލުމެއް ނެތި، އެފްއޭއެމް އިން އަންނަނީ، އިލެކްޓޯރަލް ކޮމިޓީ މެދުވެރިކޮށް އިންތިހާބުގެ ކަންކަން ކުރަމުންނެވެ.