Advertisement

ބާތިލު ވޯޓު މަދުކުރުމަށް ގިނަ ކަންތައްތަކެއް ކުރަން ޖެހޭ: އީސީ

7 ޖަނަވަރީ 2024 - 12:57 0

އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް އިސްމާއީލް ހަބީބް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ބާތިލު ވޯޓު މަދުކުރުމަށް ގިނަ ކަންތައްތަކެއް ކުރަން ޖެހޭ: އީސީ

7 ޖަނަވަރީ 2024 - 12:57 0

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓް ބާތިލުވި ގޮތާ މެދު ޝަކުވާތައް ހުރުުމުން، އެކަން ދިރާސާކޮށް ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެެެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކަންތައްތައް ރަނގަޅަށް ނިމުނު ކަމަށް ވިޔަސް އިސްލާހުކުރަން ޖެހޭ ބައެއް ކަންތައްތައް އެބަހުރި ކަމަށެވެ. އެފަދަ އެއްކަމަކީ ވޯޓުލާ މަރުކަޒުތަކުގައި ވޯޓިން ބޫތު ބަހައްޓާފައި ހުރި ގޮތް ކަމަށާއި ދެވަނަ ކަމަކީ ސައްހަ ވޯޓާއި ބާތިލު ވޯޓު ކަނޑައެޅި ގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވޯޓު ގުނަމުން ދިޔަ އިރު ސައްހަ ވޯޓާއި ބާތިލު ވޯޓުގެ މައްސަލަ އެބަހުރި، އެކަމުގެ ދިރާސާއެއް ކޮމިޝަނުން މިހާރު ކޮށް ނިންމައިފި. އެ ދިރާސާގެ އަލީގައި ވަރަށް ގިނަ ކަންކަމަށް ބަދަލު އެބަ އާދޭ. އެއީ ވޯޓުލާ މަރުކަޒުގައި އަޅުގަނޑުމެން ބައިތިއްބާ އޮފިޝަލުންނަށް ތަމްރީނު ދިނުމުގައި އިތުރަށް ބަލަން ޖެހޭ ކަންކަން ފާހަގަ ވެފައި ހުރީ. އެކަމާ ބެހޭ ގައިޑްލައިނެއް މިހާރު ތައްޔާރުކުރެވިފައި އޮތީ،" ހަބީބް ވިދާޅުވި އެވެ.

ހަބީބް ވިދާޅުވި ގޮތުގައި ބާތިލު ވޯޓު މަދުކުރުމަށް ޓަކައި ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތައް ހުރިކަން އީސީއަށް ވަނީ ފާހަގަކުރެވިފަ އެވެ. އެ ތަފްސީލު ކޮމިޝަނުން ފަހުން ހާމަކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

ވޯޓުގެ ސަހައްކަން ކަނޑައެޅި ގޮތުގެ މައްސަލައިގެ އިތުރުން ބައެއް މީހުން ގަސްދުގައި ބާތިލުވާ ގޮތަށް ވޯޓުލީކަން ފާހަގަކުރެވުނު ކަމަށާއި އެކަން އެހެން ނުކުރުމަށް ބާރު އެޅުމުގެ ގޮތުން ހޭލުންތެރިކުރުމުގެ މަަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.