Advertisement

ބްރެޒިލްގެ ކޯޗުކަން މޮރީނިއޯ އަށް ހުށަހަޅަނީ: ރިޕޯޓް

7 ޖަނަވަރީ 2024 - 08:28 0


ބްރެޒިލްގެ ކޯޗުކަން މޮރީނިއޯ އަށް ހުށަހަޅަނީ: ރިޕޯޓް

7 ޖަނަވަރީ 2024 - 08:28 0

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (ޖެނުއަރީ 7) - ބްރެޒިލްގެ ކޯޗުގެ މަގާމު، ޕޯޗުގަލްގެ ތަޖުރިބާކާރު ކޯޗު، ހޯސޭ މޮރީނިއޯ އަށް ހުށަހަޅަން ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރޯމާގެ ކޯޗަކަށް ހުރި މޮރީނިއޯއާ ދާދި ފަހުން އިޓަލީގެ މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ބުނީ، ބްރެޒިލްގެ ހުށަހެޅުމެއް އޭނާ އަށް އަދި ނުލިބޭ ކަމަށާއި މި ވަގުތު ހުރިހާ ފޯކަސް އެއް ހުރީ ރޯމާއާ އެކު ކުރިއަށް ދިއުމަށް ކަމަށެވެ.

މި އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުރިން، ބްރެޒިލުން އެ ޓީމުގެ ކޯޗަކަށް ހަމަޖައްސަން މަސައްކަތް ކުރީ، ރެއާލް މެޑްރިޑާ ހަވާލުވެހުރި، މަޝްހޫރު ކޯޗު ކާލޯ އަންޗެލޮޓީ އެވެ. އަންޗެލޮޓީ ވަނީ ދާދި ފަހުން، ރެއާލްގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ.

ބްރެޒިލުން އަންޗެލޮޓީ ކޯޗަކަށް ހަމަޖައްސަން ކުރި މަސައްކަތް ނާކާމިޔާބުވިއިރު، އެ ޓީމުގެ ކޯޗަކަށް ހުރި ފެނާންޑޯ ޑިނީޒް ވަނީ މަގާމުން ވަކިކޮށްފަ އެވެ. ބްރެޒިލްގެ ކްލަބް، ފްލުމިނެންސޭގެ ކޯޗުކަން ވެސް ކުރަމުން ބްރެޒިލް ގައުމީ ޓީމާ ޑިނީޒް ހަވާލުވީ، މިދިޔަ ޖުލައި މަހުގަ އެވެ.

ޑިނީޒްގެ ކޯޗުކަމުގައި ބްރެޒިލުން ފުރަތަމަ މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. ފުރަތަމަ މެޗުތަކުން ބޮލިވިއާ އާއި ޕެރޫ ބަލިކުރި އެވެ. އެކަމަކު، ދެން ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ވެނެޒުއޭލާއާ އެއްވަރުވެ، ބްރެޒިލަށް އުނދަގޫ ހާލަތެއް ކުރިމަތިވާން ފެށިއިރު، ދެން ކުޅުނު ތިން މެޗުން ވަނީ ބަލިވެފަ އެވެ. އެއީ، އުރުގުއޭ، ކޮލަމްބިއާ އަދި އާޖެންޓީނާ އަތުންނެވެ. އާޖެންޓީނާ އަތުން އަމިއްލަ ދަނޑުގައި ބަލިވިއިރު، މިއީ ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ މެޗެވެ.

މި ނަތީޖާތަކަށް ފަހު، ބްރެޒިލް އޮތީ ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާގެ ބުރުގެ ހަ ވަަނައިގަ އެވެ. ހަ ވަނަ އަކީ ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގައި އޮޓޮމެޓިކުން ވޯލްޑް ކަޕް ޖާގަ ލިބޭނެ އެންމެ ފަހު މަގާމެވެ. އެ އަށް ވުރެ ފަހަތަށް ސޮއްސާލައިފިނަަމަ، ބްރެޒިލަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ގެއްލުނީ އެވެ.

އަންޗެލޮޓީ އަށް ބްރެޒިލް ކޯޗުކަށް ދޭން އެންމެ ބޮޑަށް މަޝްވަރާ ކުރީ، ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، އެޑްނާލްޑޯ ރޮޑްރިގޭޒް އެވެ. މިދިޔަ މަހުގެ ހަތް ވަނަ ދުވަހު، އެޑްނާލްޑޯ މަގާމުން ދުރުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން ނިންމި ނިންމުން ވަނީ ދާދި ފަހުން އަލުން ބަދަލުކޮށް، އެޑްނާލްޑޯ އަލުން ރައީސްގެ ޒިންމާއާ ހަވާލުވާން ހުރަހެއް ނެތް ކަމަށް އަންގައިފަ އެވެ.

އެޑްނާލްޑޯ އަންނަނީ އަންނަ މަހުގެ ކުރިން ބްރެޒިލަށް އާ ކޯޗެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަނުން ތައްޔާރުކޮށްފައިވާ ޝޯޓްލިސްޓުގެ އެންމެ ކުރީގައި އޮތީ މޮރީނިއޯގެ ނަމެވެ. މޮރީނިއޯގެ އިތުރުން ދެން ހިމެނެނީ، ބްރެޒިލްގެ ކޯޗުގެ މަގާމާ ހަވާލުވުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތް، ސައޮ ޕައޮލޯގެ ކޯޗު، ޑޮރީވަލް ޖޫނިއާ އެވެ.

ކުރިން ބާސެލޯނާ، ރެއާލް މެޑްރިޑް، ޗެލްސީ އަދި މެންޗެސްޓާ ޔުނައިޓެޑަށް ކޯޗުކޮށްދިން މޮރީނިއޯ، ބްރެޒިލާ ހަވާލުވެއްޖެނަމަ އޭނާ ވެގެންދާނީ މިދިޔަ 60 އަހަރު ތެރޭ ބްރެޒިލަށް ކޯޗުކޮށްދޭނެ އެ ގައުމަށް ނިސްބަތްނުވާ ފުރަތަމަ ކޯޗަށެވެ.