Advertisement

ވިލިމާލޭގެ ފައިބަރު މަސައްކަތް ކުރާ މީހުންނަށް ތިލަފުށިން ބިން ދެނީ

6 ޖަނަވަރީ 2024 - 11:49 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ވިލިމާލޭގަ މިހާރު ފައިބަރު މަސައްކަތް ކުރާ ސަރަހައްދު -- ފޮޓޯ: އިޔާން/އަދަދު


ވިލިމާލޭގެ ފައިބަރު މަސައްކަތް ކުރާ މީހުންނަށް ތިލަފުށިން ބިން ދެނީ

6 ޖަނަވަރީ 2024 - 11:49 0

ވިލިމާލޭގެ ފައިބަރު މަސައްކަތް ކުރާ މީހުންނަށް އެ މަސައްކަތް ކުރަން ތިލަފުށިން ވަކި ބިމެއް ކަނޑައަޅައި، ހަމަޖައްސައިދޭނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޖެނުއަރީ 13، ގައި އޮންނަ މާލޭ މޭޔަރު އިންތިހާބުގެ ކެމްޕެއިނަށް ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝުކޫރާއެކު މިއަދު ވިލިމާލެއަށް ރައީސް ވަޑައިގެން އެރަށުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވިލިމާލޭގެ ރައްޔިތުން އެދޭ ގިނަ ކަންތައްތަކެއް ކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ފައިބަރު މަސައްކަތްތެރިންނަށް ތިލަފުށިން ސަރަހައްދެއް ކަނޑައަޅައިދިނުމުގެ މަސައްކަތް މީގެ ކުރިން ވެސް ކޮށްފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި މިހާރު އެ މަސައްކަތް ކުރުމަށް ތިލަފުށިން ސަރަހައްދެއް ކަނޑައެޅި، އެތަން ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ސަރަހައްދު ކަނޑައެޅިފަ އެވަނީ، ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ފެށިފަ އެ ވަނީ. އެންމެ ގިނަވެގެން ހަ މަސް ތެރޭގަ ތަރުތީބުކުރެވިގެން އިތުރު ފަރާތްތަކަށް ވެސް ޖާގަ ލިބޭގޮތަށް އެ ސަރަހައްދަށް ބަދަލުވެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވަނީ ވިލިމާލޭ ތެރޭގައި ނުވަތަ އެއް ކައިރީގައި ފައިބަރު މަސައްކަތް ކުރި ނަމަވެސް، އެކަމުގެ ސަބަބުން ސިއްހަތަށް ނުރައްކާވުން އެކަށީގެންވާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ރައީސް މުއިއްޒު މާލޭ މޭޔަރުކަމުގައި ހުންނެވި އިރު ވަނީ ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރުމަށް ވަގުތީ ގޮތުން ވިލިމާލެ ވެމްކޯ ސަރަހައްދުގައި ހަރުގެއެއް އެޅުމަށް ނިންމެވި އެވެ.

އެގޮތަށް ނިންމީ، ތިލަމާލެ ބްރިޖުގެ މަސައްކަތްކުރުމަށް، ވިލިމާލެ ހުޅަނގު ދެކުނު ފަރާތުގައި ހުރި ފައިބަރު އުޅަނދު ބަންނަ ސަރަހައްދު، އެ ރަށުގެ އިރުމަތީ ފަރާތަށް ބަދަލުކުރުމުން އާންމުންގެ ޝަކުވާ ބޮޑުވެ، އިހުތިޖާޖު ވެސް ކޮށްފައި ވަނިކޮށެވެ.

ވިލިމާލޭގައި ފައިބަރު މަސައްކަތްކުރުމަށް ބިމެއް ހަމަޖައްސައިދިނުމަށް ޕްލޭނިން މިނިސްޓްރީގައި އެދުމަށް ވެސް ސިޓީ ކައުންސިލުން އޭރު ނިންމި އެވެ.