Advertisement

އިދިކޮޅު ޕާޓީއެއްގެ ކެންޑިޑޭޓަކު މޭޔަރަށް ހޮވައި ރިސްކެއް ނުނެގުމަށް ރައީސް އެދިވަޑައިގަނެފި

6 ޖަނަވަރީ 2024 - 11:34 3

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު. އިދިކޮޅު ޕާޓީތަކުން ސަރުކާރާ އެކު މަސައްކަތް ނުކުރާނެ ކަމަށް ވިދާޅުވި - ފޮޓޯ: ޕީޕީއެމް


އިދިކޮޅު ޕާޓީއެއްގެ ކެންޑިޑޭޓަކު މޭޔަރަށް ހޮވައި ރިސްކެއް ނުނެގުމަށް ރައީސް އެދިވަޑައިގަނެފި

6 ޖަނަވަރީ 2024 - 11:34 3

އަންނަ ހޮނިހިރު ދުވަހު މާލެ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަންގައި މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އިދިކޮޅު ޕާޓީއަކަށް ނިސްބަތްވާ ކެންޑިޑޭޓަކު ހޮވުމަކީ ތަރައްގީއަށް ހުރަސް އެޅިދާނެ ރިސްކެއް ކަމަށް ވިދާޅުވެ އެކަން އެގޮތަށް ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަނެފި އެވެ.

ސިޓީ ކައުންސިލުގެ މޭޔަރުގެ މަގާމަށް ސަރުކާރުގެ ތާއީދު އޮތީ ޕީއެންސީން ނުކުންނަ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރަށެވެ. އޭނާގެ ކެމްޕޭނަށް ވިލިމާލެއަށް ވަޑައިގެން ރައީސް މުއިއްޒު ވަނީ މޭޔަރު ކިތަންމެ ކަމެއް ކުރަން ބޭނުންވި ނަމަވެސް ނިސްބަތްވާ ޕާޓީން އެކަމަކަށް ހުރަސް އަޅާނަމަ މަސައްކަތްތައް ފުރިހަމަ ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

"މޭޔަރު ކިތަންމެ ބޭނުންވިޔަސް އެ ބޭފުޅަކު ނިސްބަތްވާ ޕާޓީން ކަންކަން ކުރާނެ ގޮތެއް ނޭނގޭނެ. މިހާރު އެބަ ފެނޭ މަޖިލިސް ތެރެއިން ކަންކަން ކުރާ ގޮތް. އެހެންވީމާ ތި ބޭފުޅުން އެ ރިސްކް ނުނަންގަވާތި. އަޅުގަނޑުމެންގެ ކެންޑިޑޭޓު ހޮއްވަވައިދެއްވީމާ ހުރިހާ ކަމެއް ތަރުތީބުވެ ހަމަޖެހިގެން ދާނެ," ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނާއި ސަރުކާރާ އެކީގައި މަސައްކަތް ކުރާނެ ކައުންސިލަރުންތަކެއް އަދި މޭޔަރުން ތިބެން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ނިޒާމުގެ ތެރޭގަ އަބަދުވެސް މި އޮންނަނީ ޑިމޮކްރަސީ ނަމެއްގަ، އަމަލީ ގޮތުން ޑިމޮކްރަސީއެއް ނޫން، އެހެންވީމަ އެ ރިސްކު ނުނަގާ، އެޔަށް ޗާންސް ނުދޭށޭ، ޔަގީން ގޮތަކީ މިއޭ، އަޅުގަނޑުމެންނާއެކީ މަސައްކަތް ކުރާނެ ބޭފުޅުން ހޮވާށޭ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ކަންކަން ކުރުމަށް ތައްޔާރަށް އޮތް ކަމަށާއި އެކަންކަން ކުރަމުންދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ވިލިމާލެ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް ތަރުތީބުވެފައި އޮތީ. ހުރިހާ ކަމެއް ހަމަޖެހިފައި އޮތްއިރު ދެން ކީއްވެގެންތޯ މޭޔަރަކަށް އެހެން ޕާޓީއެއްގެ މީހަކު ނަގަންވީ," ރައީސް ވިދާޅުވި އެވެ.

ކެމްޕޭންގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން އިހުތިޔާރު ކުރަނީ ކޮންމެ ކަމެއްގައި ވެސް ދޮގު ހަދަން ކަމަށާއި ބިރުވެރިކަން ހިތަށް ވައްދައިގެން ކަންކަން ކުރުމަށް އެ ޕާޓީތަކުން ބޭނުންވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެކަހަލަ ޕާޓީތަކުގެ މީހުން މޭޔަރު ކަމަށް ކައުންސިލަރު ކަމަށް ހޮވީމާ ރައްޔިތުންނަށް ވާނެ ފައިދާއެއް ނޯންނާނެ. އަނެއްކާ ފަހަތަށް ތަރައްގީ ފަހަތަށް, އެހެންވިޔަ ނުދެއްވާތި," އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދުގެ ވާހަކަގައިވެސް ރައީސް ވަނީ 13 ގައި އޮންނަ އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުން ނުހޮވިއްޖެނަމަ ވިލިމާލެ އަދި މާލެ ސަރަހައްދަށް ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ހުރަސްތަކެއް ކުރިމަތިވާނެކަން ދޭހަވާ ބީދައިން އެމަނިކުފާނު މީގެ ކުރިންވެސް ދައްކަވަމުން ގެންދަވާ ވާހަކަ ތަކުރާރު ކުރައްވާފަ އެވެ.