Advertisement

ހައްޖު ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ޝަހީމް ސައުދީއަށް

5 ޖަނަވަރީ 2024 - 12:25 0

ނިމާ ހަސަން

ނިމާ ހަސަން

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް; މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އޭނާ އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން -- ފޮޓޯ: މިރާޝް/ އަދަދު


ހައްޖު ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ޝަހީމް ސައުދީއަށް

5 ޖަނަވަރީ 2024 - 12:25 0

ހައްޖު އެންޑް އުމްރާ ކޮންފަރެންސްފައި ބައިވެރިވެ ވަޑައިގަތުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.

މިނިސްޓަރު ޝަހީމްގެ މި ދަތުރަކީ އެ ގައުމުގެ ހައްޖު މިނިސްޓަރު ޑރ. ތައުފީގް ބިން ފައުޒާން އައްރަބީއާގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ. މި ދަތުރުގެ ތެރެއިން, ރާއްޖެ އާއި ސައުދީގެ ހައްޖު މިނިސްޓްރީއާ ދެމެދު ހައްޖު އެންޑް އުމްރާ ސާވިސް އެގްރީމެންޓެއްގައި ސޮއި ކުރުމަށް ހަމަޖެހިފައި ވެ އެވެ.

ސައުދީއަށް ފުރާވަޑައިގަންނަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވި ދިވެހި ހައްޖުވެރިންނާއި އުމްރާ ވެރިންނަށް ލިބޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަށް މަސައްކަތް ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އެހެންކަމުން މި ދަތުރުގައި އެކަމާ ގުޅޭގޮތުން ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމައެހެންމެ މި ދަތުރުގައި، އިސްލާމީ ބައެއް މުއައްސަސާތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. އަދި ހައްޖު ކޮންފަރެންސްގެ ހަވާސާގައި އިސްލާމީ ބައެއް ގައުމުތަކުގެ އިސްލާމީ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކޮށް އިސްލާމިކް މިނިސްޓްރީގެ ދާއިރާގެ ކަންކަމުގައި ފަންނީ އަދި މާލީ އެއްބާރުލުން ހޯދުމާ މެދު މަޝްވަރާ ކުރައްވަން ގަސްތު ކުރައްވާކަން ހާމަކުރައްވާފައި ވެ އެވެ.

މީގެ ކުރިން "އަދަދު"އަށް ދެއްވި އިންޓަވިއުއެއްގައި ޝަހީމް ވަނީ ހައްޖުގެ އަޅުކަން އަދާކުރަން ރާއްޖެއަށް ލިބޭ ކޯޓާ އިތުރުކުރުމުގެ މަޝްވަރާތައް ފައްޓަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. މިހާރު ރާއްޖެއަށް ލިބެނީ އަހަރަކަށް 2000 ހައްޖު ކޯޓާ އެވެ.

މިހެން ނަމަވެސް މި ދަތުރުގެ ތެރެއިން ކޯޓާ އިތުރުވެގެން ދާނެ ކަން ނުވަތަ އެކަމާ ގުޅޭ މަޝްވަރާތައް ކުރަން ހަމަޖެހިފައިވާ ކަމަށް ސާފެއް ނޫނެވެ. އަދި މަޝްވަރާތައް ފެށި ކަމަށް ވިދާޅުވި ނަމަވެސް އޭގެ އިތުރު ތަފްސީލެއް ޝަހީމް ނުދެއްވަ އެވެ. އޭނާ އޭރު ވިދާޅުވީ އެކަމުގެ ތަފްސީލުތައް ފަހުން މީޑިއާއާ ހިއްސާކުރައްވާނެ ކަމަށެވެ.