Advertisement

އެމްބާޕޭ އަދިވެސް މުސްތަގުބަލާ މެދު ގޮތެއް ނުނިންމާ

6 ޖަނަވަރީ 2024 - 07:02 0


އެމްބާޕޭ އަދިވެސް މުސްތަގުބަލާ މެދު ގޮތެއް ނުނިންމާ

6 ޖަނަވަރީ 2024 - 07:02 0

ޕެރިސް (ޖެނުއަރީ 6) - މުސްތަގުބަލާ މެދު ގޮތެއް އަދި ނުނިންމާ ކަމަށް ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް، ކީލިއަން އެމްބާޕޭ ބުނެފި އެވެ.

ޕީއެސްޖީއާ އެކު، މި ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓްގައި ހުރި، އެމްބާޕޭ، 25، އެ ޓީމާ އެކު، އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާ ކުރަން މިހާރު އޮތް އެއްބަސްވުމުގައިވާ މާއްދާއާ އެއްގޮތަށް ކުރިއަށް ނުދާން ވަނީ ނިންމައިފަ އެވެ. އެމްބާޕޭގެ ސޮއި ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަ ރެއާލް މެޑްރިޑުން ވަނީ މި މަހުގެ 15 ގެ ނިޔަލަށް ގޮތެއް ނިންމަން އެމްބާޕޭ އަށް ފުރުސަތު ދީފަ އެވެ.

ދާދި ފަހުން، ޓުލޫސް އަތުން 2-0 އިން މޮޅުވެ، ޕީއެސްޖީން ފްރެންޗް ޗެމްޕިއަންސް ޓްރޮފީ ކާމިޔާބުކުރި މެޗަށް ފަހު އެމްބާޕޭ ބުނީ މި ސީޒަނުގައި ޕީއެސްޖީއާ އެކު އިތުރު މުބާރާތްތައް ކާމިޔާބު ކުރަން ހާއްސަ އަމާޒެއްގައި ހުރި ކަމަށެވެ. އަދި އަމިއްލަ ކެރިއަރުގައި ދެން ނިންމަން ޖެހޭ ނިންމުމަކާ ބެހޭގޮތުން އަދި ގޮތެއް ނުނިންމާ ކަމަށް އެމްބާޕޭ ވަނީ ބުނެފަ އެވެ.

"ޔަގީނުން ވެސް އަހަރެން މި ހުރީ ޗެއާމަން (ޕީއެސްޖީގެ ރައީސް ނާސިރު އަލް ހަލީފާ)އާ އެކު ވި އެއްބަސްވުމާ އެއްގޮތަށް. އަހަރެން ބޭނުން ކްލަބާއި އަހަރެންގެ ގުޅުން ރަނގަޅު ގޮތުގައި އޮންނާނެ ގޮތަކަށް ކަންކަން ދާން. އެހެންވެ ސީދާ ގޮތެއް އަދި ނުނިންމަން،" އެމްބާޕޭ ބުންޏެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ރެއާލުން ވަނީ ގޮތެއް ނިންމަން އެމްބާޕޭ އަށް މުހުލަތެއް ދީފަ އެވެ. އެ ގޮތުން، މި މަހު 15 ގެ ކުރިން އެމްބާޕޭގެ ނިންމުން ހިއްސާކުރަން ރެއާލުން ވަނީ އަންގައިފަ އެވެ. އެއީ، އެ ކްލަބުން އާ ކުޅުންތެރިންނަށް ހަރަދުކުރުމުގައި ކަންކަން ކުރާނެ ގޮތް ޕްލޭން ކުރަން ބޭނުންވާތީ އެވެ.