Advertisement

މަޖިލީހުގެ މެންބަރުކަމަށް "ދިހަވަނަ މީހާ" އަށް ވޯޓު ނުދޭށެވެ!

5 ޖަނަވަރީ 2024 - 07:28 0

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ އިދާރާ. -- ފޮޓޯ: އަދަދު


މަޖިލީހުގެ މެންބަރުކަމަށް "ދިހަވަނަ މީހާ" އަށް ވޯޓު ނުދޭށެވެ!

5 ޖަނަވަރީ 2024 - 07:28 0

އަރަބިކަރައިގެ އިންޖިނޭރަކާއި ޖަޕާނުގެ އިންޖިނޭރަކާ ދެމީހުން ފްލައިޓެއްގައި ކައިރީގައި ތިބެން ޖެހުނެވެ. އަރަބި އިންޖިނޭރު ޖަޕާނު މީހާއާ ސުވާލުކުރި އެވެ. ކަލޭމެން އެހާ ބުއްދި ރަނގަޅުވެފައި، އުފެއްދުންތައް މޮޅުވެފައި ތިހާ ބޮޑަށް ކުރިއަރައިގެން ދިޔައީ ކިހިނެއް ހެއްޔެވެ؟ ޖަޕާނު މީހާ ހީލާފައި ބުންޏެވެ. އަހަރެމެންނަށްވުރެ ހަގީގަތުގައި ބުއްދި ރަނގަޅީ ކަލޭމެންނެވެ. ތިހެން ތިބުނީ ކީއްވެތޯ އަރަބި މިހާ ސުވާލުކުރި އެވެ. ޖަޕާނު މީހާ ބުންޏެވެ. އަހަރެމެންގެ ތެރޭގައި ބުއްދި މޮޅު މީހަކު ހުންނަނީ ކޮންމެ ދިހަ މީހުންގެ ތެރެއިން އެކެކެވެ. އެކަމަކު ކަލޭމެންގެ ތެރޭގައި ކޮންމެ ދިހަ މީހެއްގެ ތެރޭގައި ބުއްދި ނުރަނގަޅު ހުންނަނީ އެންމެ މީހެކެވެ. ތަފާތު ކަމަކަށް ހިނގާ ކަމަކީ، އަހަރެމެން އިދާރާތަކުގެ ވެރިންނަށާއި މުއައްސަސާތަކުގެ ބޮޑެތި މީހުންގެ ގޮތުގައި ލަނީ މިދެންނެވި ދިހަ މީހުންގެ ތެރެއިން އެކެއްގެ ގޮތުގައި ލިބޭ ބުއްދިވެރި މީހާ އެވެ. އަނެއް ނުވަ މީހުން ލަނީ އޭނާގެ އެހީތެރިންނަށެވެ. އެކަމަކު ކަލޭމެން މަގާމުތަކަށް ލަނީ ބުއްދިވެރި ނުވަ މީހުން ދޫކޮށް، މޮޔައެއް ކަމަށް ބެލެވޭ، ދިހަވަނަ މީހާ އެވެ. އަނެއް ނުވަ މީހުން ވަޒީފާއެއް ވެސް ނެތި ބިކަކޮށްލަނީ އެވެ.

ހިޔާލީ ވާހަކައަކަށް އެހެން ނޫނީ ހެއްވާ މަޖާ ވާހަކައެއްގެ ގޮތުން ކިޔައިދެވޭ ބުއްދިވެރި ވާހަކައަކަށް އިސްވެދިޔަ ހާދިސާ ވެދާނެ އެވެ. އެކަމަކު އޭގައި ބަޔާންވެގެން އެދަނީ ހަމަ އެކަނި އަރަބީންގެ ހާލަތެއް ވެސް ނޫނެވެ. މުސްލިމް ގިނަ ގައުމުތަކުގެ ވެސް ހާލަތެވެ. ދިވެހިރާއްޖޭގެ ވެސް ހާލަތެވެ.

އަޅުގަނޑުވެސް އެއްބަހެވެ. މީހެއްގެ ތައުލީމީ ފާހަށް ބަލައިގެން ނުވަތަ މީހެއްގެ މާޒީގެ ތަޖުރިބާއަށް ބަލައިގެން ނުވަތަ މީހެއްގެ އުމުރަށް ބަލައިގެން އެކަނި މީހެއްގެ ހުރި ގާބިލުކަމާއި ތޫނުފިލިކަމަށް ދުރުގައި ތިބޭ ބަޔަކު ފާޑުކިއުމަކީ އެންމެ އެދެވޭ ކަމަކަށް ނުވާނެ އެވެ. އެހެނީ އުމުރުގެ ގޮތުން ވަރަށް ހަގު މީހަކު މަގާމަކަށް ހަމަ އެކަށީގެންވެދާނެ އެވެ. އިސްލާމީ ތާރީހުގައި ރަން އަކުރުން ފެވުނު މުހައްމަދުލް ގާސިމް އުތުރުކަރަ ފަތަހަކޮށް މުސްލިމުންގެ އަތްދަށަށް ގެނައިއިރު، އެކަލޭގެފާނު ކޮމާންޑަރެއްގެ ގޮތުގައި އައްޔަންކުރެވުނީ އެންމެ އަށާރަ އަހަރުގަ އެވެ.

ރާއްޖޭގައި މި ވަގުތު ތިއްބެވި ގިނަ މުއްސަނދީންނާއި ޓޫރިޒަމްގެ ގިނަ ބާނީންނަށް ބަލާއިރު، އެ ބޭފުޅުންނަކީ އާދަޔާ ހިލާފު މޮޅަށް އެކަޑަމިކް ލެވެލްގައި އިނގިރޭސި ބަސް ދެނެގަވަޑައިގަންނަވާ ބޭފުޅުންނެއް ނޫނެވެ. އަދި އެ ބޭފުޅުން ދިވެހިރާއްޖޭގެ ޓޫރިޒަމްގެ އެންމެ އުހަށް ވަޑައިގަތުމާއި ދިވެހިރާއްޖޭގެ ޓޫރިޒަމް އެންމެ އުހަށް އުފުއްލެވުމުގައި އެހާ ބޮޑު ދައުރެއް އަދާކުރެއްވިއިރު، އިނގިރޭސި ބަހުން އެތައް ފާހެއް ނަންގަވައިގެން ތިއްބެވި އެ އުމުރުގެ ބޭފުޅުން ރާއްޖޭގައި ތިއްބެވި އެވެ. އެހެންވީމާ މީހެއްގެ ގާބިލުކަމާއި މޮޅުކަން ނިންމަންވާނީ އޭނާއަށް އިނގިރޭސި ބަސް އެނގޭ މިންވަރަކަށް ބަލައިގެންކަމަށް ނިންމުމަކީ އެއްވެސް ގޮތަކަށް ހަމަޖެހޭ ކަމެއް ނޫނެވެ.

ގާބިލުކަމާއި ނާގާބިލުކަމުގައި އިތުރު ވިސްނުމަކާ ނުލައި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑާ އެއްބަސްވެވޭނެ ވަރަށް ހަމަޖެހޭ އެހެން ފޯމިއުލާއެއް އަޅުގަނޑަށް ފެންނާތީ، އެވާހަކަ ދަންނަވާލިޔަދެއްވާށެވެ. ކުރިމަތިވަމުން މިއަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، މީގެ ކުރިން އެމަގާމަށް ހޮވި އެއްފަހަރު "ވިކިފައި" ހުރި މީހަކު ދެވަނަ ފަހަރަށް އެ މަގާމަށް ގާބިލު ނޫން ކަމަށް ބެލުމުގައެވެ.

ބުނާ މީހަކު ބުނެފާނެ އެވެ. ތިޔަހާ ބޮޑު ތުހުމަތެއް ތިޔަ ކުރީ ކީއްވެގެން ހެއްޔެވެ؟ ވިދާޅުވާށެވެ! ތުހުމަތެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހަށް ވަކި ޕާޓީއަކުން އިންތިހާބުވުމަށް ފަހު އަނެއް ޕާޓީއަށް ބަދަލުވުމަކީ ކަނޑައެޅިގެން ވިކުމެވެ. އޭގައި ރިޝްވަތުގެ ގޮތުގައި ލާރި ނެގިއްޔާ އެކަމެއް އަދި އިތުރަށް ނުބަޔެވެ. ލާރި ނުނެގިޔަސް އެއީ ހަމަ ވިކުމެވެ. ރައްޔިތުންނަށް ކުރި އަހުދު މާތް ﷲ ގަންދީ އެކަލާނގެ ނަންފުޅުގައި ކުރި ހުވާ އެއީ ކިހާ ވަރެއްގެ ކަމެއްކަން ނޭނގޭ މީހަކު ހަމަ އެއްވެސް ބާވަތެއްގެ މަގާމަކަށް ކުފޫ ހަމައެއް ނުވާނެއެވެ.

މާތް ނަބިއްޔާ ހަދީސްކުރައްވާފައިވަނީ، އަމާނާތް ނަގާލެވިއްޖެނަމަ، ގިޔާމަތަށް އިންތިޒާރުކުރާށެވެ! ދެންނެވުނެވެ. އަމާނާތް ނަގާލެވުމަކީ ކޮބައި ހެއްޔެވެ؟ ހަދީސްކުރެއްވި އެވެ. އަމުރުވެރިކަން އޭގެ އަހުލުވެރިކަން ނެތް ބަޔަކާ މަތިކުރެވިއްޖެނަމަ ދެން ގިޔާމަތަށް އިންތިޒާރުކުރާށެވެ.

މި ހަދީސްގައި މާތް ނަބިއްޔާ ބޭނުފުންފުޅު ކުރެއްވި ލަފުޒުތަކަށް ހަމަ ކޮންމެ ދިވެހި ރައްޔިތަކު ވަރަށް ބޮޑަށް ސަމާލުކަން ދެއްވާށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ކުރިން މި ލަފުޒުތަކަށް ހާއްސަ ސަމާލުކަމެއް ދެއްވާށެވެ. ހަދީސްގައި ބާރުހުރި މަގާމުތައް ސިފަކުރައްވާފައި އެވަނީ އަމާނާތެއް ގޮތުގަ އެވެ.

އެ އަމާނާތް ހަވާލު ކުރެވެނީ އެކަމުގެ ގާބިލު ނޫން މީހަކާ ނަމަ، އެއީ އަމާނާތް ނަގާލެވުން ކަމަށް ބަޔާން ކުރައްވާ ކުރެއްވުމަކީ ވެސް އާދަޔާ ހިލާފު ނަޒަރެއް ދޭންޖެހޭ ސިފަކުރެއްވުމެކެވެ. އެހެނީ ބަހުގެ ގޮތުން ބަލާއިރު އަމާނާތަކީ އެއްޗަކާ ހަވާލުވުމަށް ފަހު ހިޔާނާތްތެރިވުމެވެ. އެކަމަކު ބާރުވެރިކަމުގެ އަމާނާތަށް ހިޔާނާތްތެރިވުމާ ބެހޭ ގޮތުން އެސިފަ ކުރައްވަނީ، އަހުލުވެރި ނޫން މީހަކަށް އެކަން ހަވާލުކުރެވޭ ވަގުތު އެ އަމާނާތް ނަގާލެވޭ ކަމަށެވެ. އެހެން ކަމަށްވާނަމަ ވޯޓުލާ ރައްޔިތުން ވަކި ސަލާމަތްވާކަށް ނެތެވެ. ގާބިލު ނޫން މީހަކު ރައްޔިތުންގެ މަޖިލީހަށް ހޮވުމަށް ވޯޓުލާނަމަ، ހަދީސްގައި ބުނެފައިވާ އަމާނާތް ނަގާލާ މީހުންގެ ތެރޭގައި ވޯޓުލާ މީހާ ވެސް ހިމެނެއެވެ.

ތިންވަނަ ކަމަކަށް އެކަން އެހެން ހިނގުމުން ގިޔާމަތަށް އިންތިޒާރުކުރުމަށް ހަދީސްކުރައްވާފައިވާ ސަބަބާމެދު ފުންކޮށް ނަޒަރެއް ދެއްވާށެވެ! ވަރަށް ކުރުކޮށް ދަންނަވާނަމެވެ. ގާބިލު ނޫން މީހުން ތަންތަނަށް ލުމުން ނުކުންނާނެ ހެވެއް ނޯންނާނެތީ އެވެ. އާދޭހެވެ! އެކި ގޮތްގޮތުން ތިމާ ކުރިން ހުރި ގޮތް ދިމާއަށް ބަދަލުކުރާ، މާތް ﷲ ގަންދީ ކުރި ހުވަޔަށް ފަރުވާލެއް ނުބަހައްޓައި، ރައްޔިތުންނަށް ވީ ވައުދުތައް ބޮލާލައި ޖަހާނެ ބަޔަކު ރައްޔިތުންގެ މަންދޫބުން ނުވަތަ ރައްޔިތުން ތަމްސީލުކުރާ މީހުންގެ ގޮތުގައި ރައްޔިތުންގެ ބޮޑު މަޖިލީހަށް ހޮވައިގެން ވާނެ ހެވެއް އޮންނާނެތޯ އެވެ؟

ކަމުދާވަރުގެ މުއްސަންޖަކު ރާއްޖެ ހިފަން ބޭނުންވިޔަސް، ސެޓަލައިޓެއް އަރުވާލާހާ ފަސޭހައިން އެކަން ނިންމާލަފާނެ އެވެ. ޝައްކެތް ވަސްވާހެއް ނެތެވެ. އިންޑިއާއިން ރާއްޖެ ހިފަން އުޅޭކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ނަމަ، އެކަން ނުވެފައި މިހާރު އެޔޮތީ އިންޑިއާ މީހުންގެ އަތުގައި ލާރި ފައިސާ މަދުވެގެންކަން އަޅުގަނޑަށް މިހާރު ޔަގީނެވެ.

އަޅުގަނޑު ދެކޭ ގޮތުގައި ނުކިޔަވާ ހުރި ޖާހިލަކު ވެސް، އަދި އުމުރުގެ ގޮތުން ހަގު ތަޖުރިބާ ނެތް ޅަ ކުއްޖަކު ވެސް، ޒަމާނުން އައުޓްޑޭޓްވެ، ލޯބޯ ކޮށިވެފައިހުރި މުސްކުޅިއަކު ވިޔަސް، މަޖިލީހުގެ މެންބަރުކަމަށް މާރަނގަޅުވާނެ އެވެ. ހުވާގެ މަތީ ގަންނަ ﷲ ގެ ނަންފުޅުގެ ހުރުމަތް ނުދަންނަ، ނަފުސުގެ އަގު ފުރާނަޔަށް ނުފެންނަ، ދުލުން ބުނާ ބަހުގެ އިތުބާރެއް ނުއޮންނަ، ބޭނުން މީހަކަށް ގަނެލެވޭ އަލަނާސި މެޓައެއް ކަހަލަ އަބުރެއް ނެތް، އިއްޒަތެއް ނެތް، މީހުންނަށްވުރެންނެވެ.

އާދޭހެވެ! ޖަޕާނު މީހާ އާއި އަރަބި މީހާގެ ވާހަކައިގައި ބުނާ ކަހަލަ ހިސާބެއް ހައްދަވާށެވެ. މަޖިލީހަށް ކުރިމަތިލައިގެން އުޅޭ މީހުންގެ ތެރެއިން ކޮންމެވެސް އިންސައްތައަކުން އެކަކީ އެއްފަހަރު ވިކިފައިހުރި މީހެކެވެ. ނޭނގޭނީ ފަހުން ވާނެ ގޮތެވެ. އެނގޭނީ ވެފައި އޮތް ގޮތެވެ. އަމާނާތް ނަގާލުމަށް ވޯޓު ނުދެއްވާށެވެ. ލާރި ހުރި މީހަކާ ޖެހިއްޖެއްޔާ ރައްޔިތުންގެ މެޓާފުޅި އެއްކޮށް ގަނެލަފާނެ އެވެ.