Advertisement

މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ތަނަކުން މެޑިކަލް ހަދައިގެން ނޫނީ ވޯކް ޕާމިޓް ދޫނުކުރާ ގޮތަށް ހަމަޖައްސައިފި

3 ޖަނަވަރީ 2024 - 19:49 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ހޯމް މިނިސްޓަރު އަލީ އިހުސާން. މެޑިކަލް ގަބޫލުކުރާނީ އެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ މެޑިކަލް ހިދުމަތްދޭ ތަންތަނުގެ އެކަނި --- ފޮޓޯ: ރައީސް އޮފީސް


މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ތަނަކުން މެޑިކަލް ހަދައިގެން ނޫނީ ވޯކް ޕާމިޓް ދޫނުކުރާ ގޮތަށް ހަމަޖައްސައިފި

3 ޖަނަވަރީ 2024 - 19:49 2

ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެނެވޭ ބިދޭސީން، ރާއްޖެ އައުމަށްފަހު ވޯކް ޕާމިޓް ހެއްދުމަށްޓަކައި ހަދަންޖެހޭ "ވޯކް ޕާމިޑް މެޑިކަލް" ހެއްދުމުގެ އުސޫލު ހަރުކަށިކޮށް ބޮޑެތި ބަދަލުތަކެއް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއިން މިއަދު ގެނެސްފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ މެޑިކަލްއާ ނުލައި ވޯކް ޕާމިޓް ދޫކުރަމުންދިޔުން މާދަމާއިން ފެށިގެން އެއްކޮށް ހުއްޓާލާނެކަން ހާމަކޮށްފަ އެވެ.

"ޖެނުއަރީ 4, އިން ފެށިގެން ވޯކް ޕާމިޓް އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށް ޕާމިޓް ދޫކުރާނީ އަދި ވޯކް ޕާމިޓް ދޫކުރެވިފައިވާ ފަރާތްތަކަށް އެ ޕާމިޓްގެ މުއްދަތު އިތުރުކުރުމަށް ފީ ދެއްކޭނީ އެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ މެޑިކަލް ހިދުމަތް ދޭ ފަރާތަކުން ހަދާފައިވާ ވޯކް 'ޕާމިޓް މެޑިކަލް' ރިޕޯޓް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހެޅުމުން," ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެފައިވެ އެވެ.

އަދި, މެޑިކަލް ނުހަދައި ރާއްޖެއަށް އެތެރެވެފައިވާ މީހުން ވެސް ޖުލައި 4, 2024 ގެ ނިޔަލަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މެޑިކަލް ރިޕޯޓު ހުށަހަޅަން ޖެހޭ ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

ހަމައެހެންމެ, އެންޓްރީ ޕާސްއިން ރާއްޖެ އެތެރެވާ މީހުން ވެސް 15 ދުވަހުގެ ތެރޭގައި މެޑިކަލް ފުރިހަމަ ކުރުމަށްފަހު ހުށަހަޅަން ޖެހޭ ގޮތަށް ވެސް ވަނީ އުސޫލު ބަދަލުކޮށްފަ އެވެ.

ވޯކް ޕާމިޓް ހަމަވެފައިވާ ބިދޭސީއަކަށް އަލުން ރާއްޖެ އެތެރެވެވޭނީ ވެސް ރާއްޖެއިން ބޭރުން މެޑިކަލް ރިޕޯޓެއް ހައްދައި، އެކްސްޕެޓް ސިސްޓަމަށް ހުށަހަޅައިގެން ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ. އަދި, އެ ރިޕޯޓުގައި ހެލްތު މިނިސްޓްރީން ލާޒިމު ކުރާ ހުރިހާ ޓެސްޓެެއް ހިމަނަން ޖެހޭ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

އޭގެ އިތުރުން, ފެބްރުއަރީ 4, ގެ ފަހުން ފުރައިގެންދާ ބިދޭސީންގެ ވޯކް ޕާމިޓް ވެސް ކެންސަލް ކުރެވޭނީ ވޯކް ޕާމިޓް މެޑިކަލް ރިޕޯޓަށް އެކްސްޕެޓް ސިސްޓަމްގައި ދެވިފައިވާ މުއްދަތު ހަމަނުވާނަމަ ކަމަށް ވެސް ހޯމްލޭންޑް މިނިސްޓްރީން ބުނެ އެވެ. އެ މުއްދަތު ހަމަވެފައިވާނަމަ, މުއްދަތު ހަމަވެފައިޥާ ކޮންމެ އަހަރަކަށް 2,000ރ. ގެ ޖޫރިމަނާއެއް ވެސް ދައްކަން ޖެހޭނެ އެވެ.