Advertisement

ވިލިމާލެ އާއި މާލެއާ ދެމެދު ސީއެމްބިއުލާންސްގެ ހިދުމަތް ފަށައިފި

3 ޖަނަވަރީ 2024 - 12:51 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ވިލިމާލޭގައި ސީއެމްބިއުލާންސްގެ ހިދުމަތް ފެށުން -- ފޮޓޯ: އަދަދު


ވިލިމާލެ އާއި މާލެއާ ދެމެދު ސީއެމްބިއުލާންސްގެ ހިދުމަތް ފަށައިފި

3 ޖަނަވަރީ 2024 - 12:51 0

ކުއްލި ހާލަތްތަކުގައި ބަލި މީހުން އައިޖީއެމްއެޗްއަށް ގެންދިއުމަށް ވިލިމާލެ އާއި މާލެއާ ދެމެދު ސީއެމްބިއުލާންސްގެ ހިދުމަތް ފަށައިފި އެވެ.

މިއަދު ވިލިމާލޭގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ފައްޓަވައިދެއްވީ ހެލްތް މިނިސްޓްރު ޑރ. އަބްދުﷲ ހަލީލް، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ އަބްދުލް ރައްޒާގް ހަލީމް އެވެ.

މި ހިދުމަތް ދިނުމަށް ބޭނުންކުރާ ލޯންޗް ބަނދަރު ކޮށްފައި އޮންނާނީ ވިލިމާލޭގައި ކަން ފާހަގަކުރައްވަމުން ހަލީމް ވަނީ ވިލިމާލޭގައި އައު ހޮސްޕިޓަލެއް އެޅިގެންދާއިރު، އެމްބިއުލާންސް އެ ރަށުގައި އޮތުމަކީ ވިލިމާލެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއްކަން ފާހަގަކުރައްވާފަ އެވެ.

ސީއެމްބިއުލާންސްގެ ހިދުމަތް ފައްޓަވައިދެއްވައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓްރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، ވިލިމާލެއަށް އިތުރު ހިދުމަތްތައް ތައާރަފުކޮށް، އެކަހެރިވެފައި އޮތް އޮތުން ނައްތާލުމަށްޓަކައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، މި ކަންކަން ފުރިހަމަވާތަނެއް ނުފެންނާނެ ރައްޔިތުންގެ ބައިވެރިވުން ނެތިއްޔާ. އަޅާނުލެވި އޮތް ތަނެއްގެ ގޮތުގަ މި ރަށް އޮތް އޮތުން ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގަ ނިމުމަކަށް އަންނަތައް ތިބޭފުޅުންނަށް ފެނި ވަޑައިގަންނަވާނެ،" ހެލްތް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ވިލިމާލޭ ހޮސްޕިޓަލުން ސީއެމްބިއުލާންސްގެ ހިދުމަތް ފަށާފައިވާއިރު، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަޝްރުއޫ ވެސް ފަށާފަ އެވެ.