Advertisement

ބްރެޒިލާ ހަވާލުނުވި ސަބަބު ބުނެދޭން އަންޗެލޮޓީ ބޭނުމެއްނުވި

3 ޖަނަވަރީ 2024 - 10:27 0


ބްރެޒިލާ ހަވާލުނުވި ސަބަބު ބުނެދޭން އަންޗެލޮޓީ ބޭނުމެއްނުވި

3 ޖަނަވަރީ 2024 - 10:27 0

މެޑްރިޑް (ޖެނުއަރީ 3) - ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމާ ހަވާލުވާން ލިބުނު ފުރުސަތުގެ ބޭނުންނުހިފި ސަބަބު މީޑިއާގައި ހާމަކުރަން ބޭނުންނުވާ ކަމަށާއި އެ މަޝްވަރާތައް ދިޔަ ގޮތް ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނަށް އެނގޭނެ ކަމަށް ދާދި ފަހުން ރެއާލް މެޑްރިޑްގެ ކޮންޓްރެކްޓް އާ ކުރި ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ރެއާލާ އެކު، މި ސީޒަނުގެ ނިޔަލަށް އޮތް ކޮންޓްރެކްޓް ހަމަވުމުން، ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުރިން، އަންޗެލޮޓީ، 64، ބްރެޒިލާ ހަވާލުވާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އަންޗެލޮޓީ، ބްރެޒިލާ ހަވާލުވިނަަމަ އޭނާ ވެގެންދާނީ 60 އަހަރު ތެރޭ ބްރެޒިލަށް ކޯޗުކޮށްދޭ އެ ގައުމަށް ނިސްބަތްނުވާ ފުރަތަމަ ކޯޗަށެވެ.

ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދި ބްރެޒިލަށް ކޯޗުކޮށްދިނުމުގެ ފުރުސަތުގެ ބޭނުންނުހިފައި، އަންޗެލޮޓީ ނިންމީ، 2026 ގެ ސީޒަނުގެ ނިޔަލަށް ރެއާލާ އެކު، އެއްބަސްވުން އާ ކުރުމަށެވެ.

"އެންމެންނަށް ވެސް އެނގޭ އަހަރެންނާއި ބްރެޒިލްގެ ފެޑެރޭޝަނާ ދެމެދު މަޝްވަރާތަކެއް ހިނގިކަން. ދެން، އެ ކަމުގެ ތަފްސީލްތައް އަހަރެން ކިޔައިދޭން ބޭނުމެއް ނޫން، އެކަންކަން ހިނގި ގޮތް މަޝްވަރާގައި ބައިވެރިވި ފަރާތްތަކަށް އެނގޭނެ،" ބްރެޒިލްގެ ފުރުސަތު ދޫކޮށްލި ސަބަބު އޮޅުންފިލުވަން ކުރި ސުވާލަކަށް އަންޗެލޮޓީ ޖަވާބު ދިނެވެ.

ބްރެޒިލްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އަންޗެލޮޓީ ބްރެޒިލަށް ނޫނެކޭ ބުނި އެންމެ ބޮޑު ސަބަބަކީ ޓީމާ ގުޅޭ ހުރިހާ ކަމެއްގެ ކޮންޓްރޯލް އޭނާ އަށް ދޭން ބްރެޒިލް ފެޑެރޭޝަނުން އެއްބަސްނުވުމުންނެވެ.

ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން، ހަތަރު ފަަހަރު ހޯދާފައިވާ އަންޗެލޮޓީ ބުނީ، ރެއާލްގައި މަޑުކުރަން ނިންމީ އެ ކްލަބްގެ ކަންކަމާ މެދު ވަރަށް ހިތްހަމަޖެހޭތީ ކަމަށެވެ.

"ދެން، 2026 ވަނަ އަހަރު ވެސް އަހަރެންގެ ނަތީޖާތަށް ރަނގަޅިއްޔާ، ރެއާލުން ދެން ވެސް ފެނިދާނެ. އަހަރެން ބޭނުން (ރެއާލް) މެޑްރިޑްގެ ކޯޗަކަށް ހުންނަން، 2027 އާއި 2028 ގައި ވެސް،" ޔޫރަޕްގެ މަޝްހޫރު ގިނަ ލީގެއްގައި މަސައްކަތްކޮށްފައިވާ އަންޗެލޮޓީ ބުންޏެވެ.

އަންޗެލޮޓީ ވަނީ ރެއާލާ އެކު ސްޕެނިޝް ލީގާއި، އޭސީ މިލާނާ އެކު، އިޓާލިއަން ލީގާއި، ޗެލްސީއާ އެކު އިނގިރޭސި ޕްރިމިއާ ލީގާއި ބަޔާން މިއުނިކާ އެކު ޖަރުމަނު ލީގުގެ އިތުރުން ޕީއެސްޖީގައި ހުރެ ފްރެންޗް ލީގު ކާމިޔާބުކޮށްފަ އެެވެ.