Advertisement

މަރުގެ އަދަބު ތަންފީޒުނުވެ އޮތުމަށް މި ސަރުކާރަށް ބަދަލެއް ގެނެވޭނެތަ؟

3 ޖަނަވަރީ 2024 - 09:28 2

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ގިސޯސް ހިފުމަށް ގާނޫނުލް އުގޫބާތުގައި ލިޔެވިފައި އޮތް ނަމަވެސް މަރުގެ އަދަބު ތަންފީޒުނުކުރާ ކަން ދައްކުވައިދޭ އާޓް ވޯކެއް - ގްރެފިކްސް: ރައްޔާން މުހައްމަދު / އަދަދު


މަރުގެ އަދަބު ތަންފީޒުނުވެ އޮތުމަށް މި ސަރުކާރަށް ބަދަލެއް ގެނެވޭނެތަ؟

3 ޖަނަވަރީ 2024 - 09:28 2

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ރަސްމީ ނިންމުމެއް ނެތް ނަމަވެސް ޑިސެމްބަރު 20، ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފެރެންސެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ސަރުކާރުން އެކަން ކުރާނެކަމުގެ ޔަގީން ކަން ދެއްވައިފަ އެވެ. މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ގިސޯސްގެ ހުކުމްތައް ތަންފީޒު ކުރާނެ ކަމަށެވެ.

މަރުގެ އަދަބެއް ރާއްޖޭގައި އެންމެ ފަހުން ތަންފީޒުކުރީ މީގެ 71 އަހަރު ކުރިންނެވެ. ސިހުރު ހަދައި، ވިހަ ހިކައެއް ލައިގެން ސައި ކައްކައި ހުވަދު އަތޮޅުގެ އަތޮޅުވެރިޔާ ވީރު އަލިދީދީއަށް ދިން ކަމުގެ ތުހުމަތުގައި ފަނޑިޔާރު އަބްދުﷲ ޖަލާލުއްދީން އެ ހުކުމް އިއްވީ ހަކީމް ދީދީ ކިޔާ މީހެއްގެ މައްޗަށެވެ. އަމީން ދީދީގެ ވެރިކަމުގައި 1953، ގައި ކުރި އެ ހުކުމް އެ ތާރީހީ ހުކުމަށް ވެގެން އައީ އޭގެ ފަހުން އެ އަދަބު ގައުމުގައި ތަންފީޒު ނުކުރާތީ އެވެ.

ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތައް ސާފެވެ. ގާނޫނު އަސާސީގައި މިއީ އިސްލާމީ ދައުލަތެއް ކަން ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. އިސްލާމް ދީނުގެ އަސްލަކާއި، އިސްލާމީ ޝަރީއަތާ ހިލާފު އެއްވެސް ކަމެއް ހުއްދައެއް ނޫނެވެ. އޭގެ އަސްލަކާ ފުށު އަރާ އެއްވެސް ކަމެއް ގާނޫނުތަކުގައި ވެސް ނުހިމެނޭނެ އެވެ. އަދި އިސްލާމީ ޝަރީއާގައި ކަނޑައަޅާފައިވާ އުގޫބާތްތަކާއި ހައްދުތައް ގާނޫނުތަކުގައި މިހާރު ވެސް ހިމެނެ އެވެ.

މަރަށް މަރު ހިފުން ނުވަތަ ގިސޯސް ހިފުމަކީ އެއިން އެއް އުގޫބާތެވެ. ގާނޫނުލް އުގޫބާތުގައި އޭގެ އިޖުރާއަތްތައް ލިޔެފައިވަނީ ގާތްގަނޑަކަށް އިސްލާމީ ޝަރީއާގައި ކަނޑައަޅާފައިވާ ހަމަތަކުގެ މަތިންނެވެ. ގިސޯސް ހިފުމަށް ހުރަސް އެޅޭ އެންމެ މާއްދާއެއް އޮތް ކަން އެނގިގެން މި ފަހުން ވެސް ސުޕްރީމް ކޯޓުން އެ މާއްދާ ބާތިލްކުރީ އިސްލާމީ ޝަރީއާއާ ދުރު މާއްދާއެއް ނުހިމެނޭނެކަން ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާ ހަމައަށް ރިއާޔަތްކޮށެވެ.

އެކަމަކު ރާއްޖޭގައި މަރުގެ އަދަބު ތަންފީޒެއް ނުކުރެ އެވެ. ގާނޫނުލްއުގޫބާތުގައިވާ ގޮތުން މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ޝަރީއަތުގެ ތިން މަރުހަލާއިން ވެސް އެ ގޮތުގައި އެ ހުކުމެއް ދަމަހައްޓައިގެންނެވެ. ގަސްތުގައި މީހަކު މަރާފައިވާ ކަން ތިން މަރުހަލާއިން ވެސް ސާބިތުވެގެނެވެ. އެ ގޮތަށް ސުޕްރީމް ކޯޓާ ހަމައިން ހުކުމް ދަމަހައްޓާފައިވާ ހަތަރު މީހަކު ވެސް އެބަ ތިއްބެވެ. އެކަމަކު އެމީހުންގެ މައްޗަށް އެ ހުކުމް ތަންފީޒެއް ނުކުރެ އެވެ.

މަރުގެ އަދަބު ތަންފީޒު ކުރުމަށް މަސައްކަތް ކުރެއްވި ބައެއް ވަޒީރުންނާއި ފަނޑިޔާރުންގެ އިތުރުން ޕްރޮސެކިއުޓަރުން ވެސް މިއަދު ފާހަގަ ކުރައްވާ ގޮތުގައި އެ ކަމުގެ ފަހަތުގައި ކިތަންމެ ގިނަ ސަބަބުތަކެއް ހުއްޓަސް މައިގަނޑު ސަބަބަކީ އެ ކަން ކުރަން ސަރުކާރުތަކުން ބޭނުން ނުވުމެވެ.

"ރައީސުލްޖުމްހޫރިއްޔާ އެކަނި އެ ނިޔަތް އޮތަސް އެއީ ރާއްޖޭގައި ކުރެވޭނެ ކަމެއް. މިހާތަނަށް އަޅުގަނޑުމެންނަށް ފެނުނީ އެ ހިތްވަރު، އެ ނިޔަތް ނެތް ލީޑަރުން،" މަރުގެ އަދަބު ރާއްޖޭގައި ތަންފީޒު ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި އެވެ.

ބޭރުގެ ފިއްތުންތައް، ކިހާވަރެއްގެ ކަމެއް؟

މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަށް މިހާރުގެ ސަރުކާރުން ވެސް ބުނިތާ ދެ ދުވަސް ފަހެވެ. މި މަހުގެ 22 ވަނަ ދުވަހު ހިއުމަން ރައިޓްސް ވޮޗް އިން ވަނީ ބަޔާނެއް ނެރެފަ އެވެ. ބަޔާނުގައި ގޮވާލާފައިވަނީ މަރުގެ އަދަބު ރާއްޖޭގައި ތަންފީޒު ނުކުރުމަށެވެ.

"މި ނިންމުން ވަގުތުން ވަގުތަށް އަނބުރާ ގެންދެވުމަށް ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒުއަށް ގޮވާލަން، އަދި ދުނިޔޭގެ އެހެން ޝަރުއީ ނިޒާމުތަކެކޭ އެއް ގޮތަށް ރާއްޖޭގެ ޝަރުއީ ނިޒާމުން ވެސް މި އަނިޔާވެރި އަދަބާ ދެކޮޅަށް ތެދުވުމަށް ގޮވާލަން،" އެ ޖަމްއިއްޔާގެ އޭޝިއާ ސަރަހައްދުގެ އެސޯސިއޭޓް ޑިރެކްޓާ ޕެޓްރީޝިއާ ގޮސްމަން ވިދާޅުވެފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި، މިނިސްޓަަރަކަށް އުމަރު ހުންނަވަނިކޮށް އޭނާގެ އަރިހަށް ޔޫރަޕިއަން ޔުނިއަންގައި ހިމެނޭ 17 ގައުމުގެ ސަފީރުން ބައްދަލުކުރައްވަން އެއް ދުވަހެއްގައި އެއް ވަގުތެއްގައި ވަޑައިގެންނެވި އެވެ. އެ ދުވަހު ވެސް އެ ސަފީރުންގެ އާދޭހަކަށްވީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރުމެވެ. ތަންފީޒުކުރާނަމަ މިހާރު ދެމުންދާ އެތައް އެހީއެއް ކަނޑާލާނެ ކަމުގެ އިންޒާރު ވެސް ލިބުނެވެ.

"އަޅުގަނޑު ދެންނެވިން އެ ދުވަހު ވެސް، ރާއްޖޭގައި އެ ކަން އޮންނަނީއެއް، އެއްވެސް ހަމައެއް ލަމައެއް ނެތި ނޫން ކަން، ޔޫރަޕާއި ހުޅަނގުގެ ގައުމުތަކުގައި ފުލުހުންގެ އަތަށް ފިސްތޯލަ ވެސް ދީފައި އޮވެޔޭ، އެ މީހުންނަށް ނުރައްކަލެއް އައިސްފިއްޔާ އެންކައުންޓާ ކުރެވޭ ގޮތަށް، މަގުމަތީ މީހުން މަރައިލެވޭ ގޮތަށް، އަޅުގަނޑުމެންގެ ގައުމުގައި އޮންނަނީ އެ ގޮތަކަށް ނޫނޭ،" އެ ދުވަހުގެ ބައްދަލުވުންތަކުގެ މަޝްވަރާ އުމަރު ކިޔައިދެއްވި އެވެ.

އުމަރު ވިދާޅުވި ގޮތުގައި އޭނާ ވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު އެ ފިއްތުންތައް ކުރިމަތިވަމުން އައީ ވެސް ޔޫރަޕިއަން ޔުނިއަންގެ ފަރާތުން އެކަންޏެވެ. އެމެރިކާ އިން ވެސް އެފަދަ ކަމެއް ކުރިމަތިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަރުގެ އަދަބު ތަންފީޒު ކުރުމަކީ ޔާމީނުގެ ސަރުކާރުގެ ސްޓޭންޑަކަށް ވާތީ، އުމަރު ވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު އެ ކަން ތަންފީޒު ކުރާނެ ގޮތުގެ ގަވާއިދެއް ވެސް އެކުލަވާލި އެވެ. ޖަލުތަކުގައި އެ ކަމަށް ހާއްސަ ތަންތަން ވެސް ހަމަޖެއްސި އެވެ.

މަރުގެ ހުކުމް ބައިނަލްއަގުވާމީ މުޖުތަމައުގައި ދިފާއު ކުރަން ޖެހިވަޑައިގަތުމުގެ ތަޖުރިބާ ހުންނެވި އަނެއް ބޭފުޅަކީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ.

"ރައީސް ޔާމީނުގެ ކެބިނެޓުގެ ނިންމުމަމަކަށް ވާތީވެ އަޅުގަނޑު ދިޔައީ ޕާސަނަލީ އެ ކަމުގައި ކޮންމެ ގަބޫލު ކުރުމެއް އޮތް ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައުގައި ސަރުކާރުގެ ސްޓޭންޑް ދިފާއު ކުރަމުން. އެކަމަކު ޔޫރަޕްގެ ގައުމުތަކުން އެބަ ލީޑު ކުރޭ މޫވްމަންޓެއް، މަރުގެ އަދަބު ބޭން [މަނާ] ކުރަން. އެ ކަމަށް ބާރު އަޅަން މަރުގެ އަދަބު ދެންޏާ އެހީތައް ކަނޑައިލަން މި ބުނަނީ،" ދުންޔާގެ ތަޖުރިބާ ހިއްސާކޮށްދެއްވި އެވެ.

ރިޕޯޓަށް ވާހަކަ ދެއްކެވި ތަޖުރިބާކާރުން ވިދާޅުވި ގޮތުގައި، ޔޫރަޕިއަން ޔުނިއަންއާ އެކު ކުރެވޭ އިގުތިސޯދީ މަޝްވަރާތަކުގެ ތެރޭގައި ވެސް މިފަދަ ޝަރުއީ އަދި ބައެއް ސިޔާސީ މަޝްވަރާތައް ވެސް އާދެ އެވެ. ޔޫރަޕަށް ރާއްޖޭން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކަށް ޓެރިފް އިތުރު ކުރީ ވެސް ރާއްޖޭގައި މަރުގެ އަދަބު ދިނުމާއި ދީނީ މިނިވަން ދީފައި ނެތުމާއި އެއް ޖިންސުގެ ކައިވެނި މަނާކޮށްފައި އޮންނާތީ ކަން އެނގެ އެވެ.

"ބޭރުގެ ބައެއް ގައުމުތަކުގައި މިސާލަކަށް އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ވެސް އެ އަަދަބު އެބަ ދެޔޭ. އިންޑިއާއަކީ ދެން އެންމެ ބޮޑު އެއް ޑިމޮކްރެސީ، އެ ކަން އެބަ އޮވެޔޭ، ރާއްޖޭގައި ވެސް ބޮޑެތި ކުށްތައް އިތުރުވަމުންދާތީ، ހަރުކަށި އަދަބު ދީގެން ނަމަވެސް އެކަންކަން ހުއްޓުވަން ސަރުކާރުން ބޭނުންވާކަން އެބަ ދަންނަވަން،" ދުންޔާ ވެސް އެ ބައްދަލުވުންތަކުން ކުރިމަތިވާ އިންޒާރުތައް ވިދާޅުވެދެއްވި އެވެ.

މި ފިއްތުންތަކާއި ނުފޫޒުގެ ސަބަބުން މަރުގެ އަދަބު ތަންފީޒުނުކޮށް ބޭއްވުމުން ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބެނީ ހެއްޔެވެ؟

އުމަރު ނަސީރު ގަބޫލު ކުރައްވާ ގޮތުގައި އޭގެ ހިސާބެއް ވެސް ހެދިފައި އޮންނަން ޖެހެ އެވެ. އެހެންވެ އޭނާގެ ވަޒީރު ކަމުގެ ދުވަސްވަރު، 2016، ގައި އެ ހިސާބުތައް ހެއްދެވި އެވެ. ރާއްޖޭގެ އިސް ޑިޕްލޮމެޓަކު މެދުވެރިކޮށް ހެއްދެވި ހިސާބުން ދައްކަނީ ރާއްޖެއަށް ގެއްލެން އަންނަނީ އަހަރަކަށް އެންމެ ގިނަ ވެގެން ވެސް ތިން މިލިއަން ޑޮލަރު ކަމަށް އުމަރު ވިދާޅުވި އެވެ.

"އެއީ ރާއްޖޭގެ ބައެއް ދަރިވަރުންނަށް މިދޭ ސްކޮލާޝިޕްތަކާއި ދެން ވެސް މިހެން ދެމުންދާ އެހީތައް ހިސާބުކޮށް ޖުމުލަކޮށް ލިބުނު އަދަދެއް،" އުމަރު ވިދާޅުވި އެވެ.

ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒު މުހުސިން ވެސް ވިދާޅުވި ގޮތުގައި އެ ކަމަށް ޕްރެޝަރު ކުރިމަތި ކުރުމުގެ ތަޖުރިބާ އޮތީ ޔުރަޕިއަން ޔުނިއަން އާއި ބައެއް މަދު ހުޅަނގުގެ ގައުމުތަކުން އެކަންޏެވެ.

"ކުޑަ [އިގުތިސޯދެއް އޮންނަ] ގައުމެއް ވީމަ، އެ ބޭފުޅުން އަބަދުވެސް އެބަ އާދޭ، އެކަމަކު އަޅުގަނޑުމެންނަށް އެބަ ފެނޭ އެއިން ގައުމުތަކުގެ އެހީއަށް ބަރޯސާނުވެ އޮތް ބޮޑެތި ގައުމުތަކުގައި ވެސް، ޑިމޮކްރެސީތަކުގައި ވެސް، ހުޅަނގުގެ ގައުމުތަކުގައި ވެސް މި ސިޔާސަތު އެބަ އޮތް ކަން،" މުހުތާޒު ވިދާޅުވި އެވެ.

ހުއްޖަތަކަށް ޖުޑިޝަރީއަށް "އިތުބާރު ނެތުން"

ކުރިން ފަނޑިޔާރު ކަން ކުރެއްވި ބޭފުޅަކު ނަން ނުޖެހުމަށް އެދިވަޑައިގަތުމަށް ފަހު، މި ރިޕޯޓަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ޕްރެޝަރުތަކާއި ނުފޫޒު އަންނާނީ ހަމައެކަނި ބޭރުންނެއް ނޫނެވެ. އެތެރެއިން ވެސް އެ ކަމާ ދެކޮޅު ހަދާނެ ބަޔަކު އެބަ ތިބޭނެ ކަމަށް އެ އޭނާ ގަބޫލު ކުރައްވަ އެވެ.

ހާއްސަކޮށް ރާއްޖޭގެ ފަނޑިޔާރުންގެ ފެންވަރާއި ޖުޑިޝަރީގެ ދުވެލި ރަނގަޅު ނުވުމުން ގިނަ ބައެއްގެ އިތުބާރު ފަނޑިޔާރުގެއަކަށް ނޯވެ އެވެ. ސިޔާސީ ބޭފުޅުން ވެސް ފަނޑިޔާރުގޭގެ އަގު ވެއްޓޭނެ ގޮތަށް އެކި ވާހަކަތައް ދައްކަވާފައި އެބަވެ އެވެ. މި ހުރިހާ ސަބަބެއް ވަށައިގެން އޮތުމުން މަރުގެ އަދަބު ތަންފީޒު ކުރުން ފަސޭހައެއް ނުވާނެ އެވެ.

ދުންޔާ ވެސް ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާތަކާއި ޔޫރަޕުން ވެސް މަރުގެ އަދަބު ރާއްޖޭގައި ތަންފީޒު ކުރުމާ ދެކޮޅު ހަދަމުން ކަންބޮޑުވުން ފާޅުކުރާ އެއް ކަމަކީ ފަނޑިޔާރުގެއަށް އިތުބާރު ނެތުމެވެ.

"ރާއްޖޭގެ ޝަރުއީ ނިޒާމަށް ސިޔާސީ ގޮތުން، ވިޔަފާރީގެ ގޮތުން އެކި ކަހަލަ ނުފޫޒުތަކެއް އައިސްގެން އެ އަދަބު ލިބެން ޖެހޭ މީހާ ނޫން މީހަކަށް އެ އަދަބު ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ގައުމުތަކުގެ ބޭފުޅުން ދަންނަވަމުން ދިޔައީ،" ދުންޔާ ވިދާޅުވި އެވެ.

މި ރިޕޯޓަށް ވާހަކަ ދެއްކެވި ކުރީގެ ފަނޑިޔާރު ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ފަނޑިޔާރުންނާއި އާންމުންގެ ވިސްނުން ވެސް ތަރައްގީ ނުކޮށް މަރުގެ އަދަބު ތަންފީޒު ކުރުން ވާނީ ދަތި ކަމަކަށެވެ. އޭނާ ދެކެވަޑައިގަންނަވަނީ ރާއްޖޭގައި ފުރަތަމަ ކަމަކަށް ނުފޫޒުތަކުން ދުރުވެ އިންސާފުން ނިޔާ ކަނޑައަޅާ ފަނޑިޔާރުގެއެއް ބޭނުންވާ ކަމަށެވެ.

"އިސްލާމް ދީނުގައި ވެސް ބާރު އަޅަނީ، ގާނޫނުގައި ވެސް ވަނީ، އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތު ކުރަން. އަދި މާ އަވަހަށް އެފަދަ ޝަރީއަތްތައް ނުހިންގަން. އެއީ މާ އަވަހަށް ވާރިސުން ގެނެސް ބަސް ނަގައިފިއްޔާ، އެ ވަގުތު ތިބޭނީ ވެސް ނަފުސާނީ ގޮތުން އެންމެ އެކަށޭނަ ހާލަތަކު ވެސް ނޫން،" އެ ފަނޑިޔާރުގެ ހިޔާލު ހިއްސާ ކުރައްވަމުން ވިދާޅުވި އެވެ.

ނަމަވެސް މި ކަމުގައި އުމަރާއި މުހުތާޒުގެ ހިޔާލު ތަފާތެވެ.

މަރުގެ އަދަބު ތަންފީޒު ކުރަން މި އަންނަނީ ތިން މަރުހަލާއިން ވެސް އެ އަދަބުގެ ހުކުމް ދެމެހެއްޓުމުންނެވެ. އެއީ ދަށު ކޯޓުން މަދުވެގެން ފަނޑިޔާރަކު، ހައި ކޯޓުން މަދުވެގެން ތިން ފަނޑިޔާރަކު، އަދި ސުޕްރީމް ކޯޓުން މަދުވެގެން ފަސް ފަނޑިޔާރުން ވެގެން ދަމަހައްޓާ ހުކުމެކެވެ. ބައެއް ފަހަރު ސުޕްރީމް ކޯޓުގެ ފުލް ބެންޗު ނުވަތަ ހަތް ފަނޑިޔާރުންނެވެ. އުމަރާއި މުހުތާޒުގެ ނުކުތާއަކީ މިއީ އެވެ.

"ނުވަ-އެގާރަ ފަނޑިޔާރުން މެދުވެރިވެގެން، އެއިން ކޮންމެ ފަނޑިޔާރަކު ވެސް އެއަށް ބަލާފައި، ގާނޫނަށް ރިއާޔަތްކޮށް، ޝަރީއަތް ހިނގި ގޮތަށް ބަލާފައި، ދެން މި ނިންމަނީ. މިހާ ވަރަށް ނިޒާމެއް ފުރިހަމަކޮށް ބޭއްވޭނީ،" އުމަރު ވިދާޅުވި އެވެ.

ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ މުހުތާޒު ވިދާޅުވި ގޮތުގައި ގާނޫނުލްއުގޫބާތުގައި ވަކި ގޮތަކަށް ކަމެއް ކުރުމަށް ކަނޑައަޅާފައިވަނިކޮށް އެހެން ގޮތަކަށް އެ ކަން ކުރަން އެއްވެސް ހުއްޖަތެއް އޮވެގެން ނުވާނެ އެވެ. އޭނާ ވެސް ވިދާޅުވީ ގިނަ ފަނޑިޔާރުންތަކެއް ނިންމުން ރިވިއުކޮށް، އަދި ވާރިސުންގެ ތެރެއިން އެންމެ މީހަކު ވެސް ދެކޮޅު ހަދައިފި ނަމަ ތަންފީޒު ނުކުރެވޭ ގޮތަށް ދީނުގައި ކަނޑައަޅާފައިވާ ހަމައަކީ ފުރިހަމަ ހަމައެކެވެ.

"އެއީ ދައުލަތަކަށް އޮންނަ އޮޕްޝަނެއް ނޫން. ދަށު ކޯޓުން މަދުވެގެން ފަނޑިޔާރަކު، ހައި ކޯޓުން ތިން ފަނޑިޔާރަކު، ސުޕްރީމް ކޯޓުން ފަސް ފަނޑިޔާރުން ނޫނީ ފުލް ބެންޗު، ހަތް ފަނޑިޔާރުން ނިންމާފައި، އަދި ވާރިސުންގެ ކޮންމެ މީހަކު ވެސް އެ ކަމަށް އެދުމުން، ކުރަން ޖެހޭނެ ކަމެއް،" މުހުތާޒު ވިދާޅުވި އެވެ.

މަރުގެ އަދަބެއް އަދި އިސްލާމް ދީނުގައި ކަނޑައަޅާފައިވާ ހައްދެއް ތަންފީޒު ކުރުމަށް ތިން މަރުހަލާ އިން ދިޔުން ލާޒިމުކޮށްފައި އޮންނަނީ ވެސް އެ ބޭނުމުގަ އެވެ. އެއީ ކުށް ނުކުރާ މީހަކަށް އެ ވަރުގެ ބޮޑު އަދަބެއް ނުދިނުމަށެވެ. އަދި އަދަބު ތަންފީޒު މި ކުރަނީ އެ ވަރުގެ ކުށެއް ކޮށްގެން ހުރި މީހަކު ކަން ޔަގީން ކުރުމަށެވެ.

"އަދި ނިމުނީއެއް ނޫން، ގަވައިދެއް ވެސް އެ ވަނީ އެކުލަވާލާފައި، އަދި އިސްލާމިކް މިނިސްޓްރީއަށް ވާރިސުން ހާޒިރުކޮށް، ވާރިސުންގެ ބަސް އަނެއްކާ ނަގަން އެބަ އޮވޭ އެ ގަވައިދުގައި، ދެން ގަވައިދުގައި ވެސް އުނިވާ ކަމަކީ، އެ ހިސާބުން ވާރިސަކު ދެކޮޅު ހަދައިފިއްޔާ، ކުށް ކުރި މީހާއަށް ދެން ދެވޭނެ އަދަބެއް ބަޔާންވެފައި ނެތުން، އެހާ ވެސް ގިނަ އިޖުރާއަތްތަކެއް މީގައި އެބަ އޮތް،" މުހުތާޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް، އިހުސާންގެ ވަޒީރު ކަމުގައި މި ކަން ކުރެވޭނެތޯ އަދި އެއީ ސުވާލެކެވެ. ސުވާލު އަމާޒުވާ ސަބަބަކީ މާޒީ އެވެ. މާޒީގައި، ބައި ގަރުނަށް ވުރެ ދިގު މުއްދަތަކަށް ރާއްޖޭގައި މި ކަން ކުރެވިފައި ނެތުމުންނެވެ. ބޭރުގެ މަދު ފިއްތުންތަކާ ހުރެ ވިޔަސް، އެ ކަން ވެފައި ނެތް ނެތުމަށް މި ސަރުކާރަށް ބަދަލެއް ގެނެވޭނެތޯ ބަލައިމާ ހިނގާށެވެ.