Advertisement

މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރާ ބިލު ތަސްދީގުކޮށްފި

2 ޖަނަވަރީ 2024 - 16:50 0

ނިމާ ހަސަން

ނިމާ ހަސަން

އިމާރާތެއްގެ މަސައްކަތް ކުރަން ބިދޭސީންތަކެއް ހަރަކާތްތެރިވަނީ -- ފޮޓޯ: އިޔާން/ އަދަދު


މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރާ ބިލު ތަސްދީގުކޮށްފި

2 ޖަނަވަރީ 2024 - 16:50 0

މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މިދިޔަ ޑިސެމްބަރު 18، ގައި އެ ބިލު މަޖިލީހުން ފާސްކުރީ ކޮމިޓީ މަރުހަލާގައި ބަދަލުތަކެއް ގެނައުމަށްފަހު 67 މެންބަރުންގެ ވޯޓާއެކު އެވެ.

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނުނުގައި 10 ބާބު އަދި 76 މާއްދާ ހިމެނެ އެވެ. އޭގެ ތެރޭގައި، މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ މީހުންނަށް ސިއްހީ ގޮތުން ރައްކާތެރި މާހައުލެއް ކަށަވަރުކޮށް ދިނުމުގެ އުސޫލުތަކާއި، މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ސިއްހީ ނުރައްކާތަކާއި ގެއްލުންތަކުން މަސައްކަތްތެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.

އޭގެ އިތުރުން، މަސައްކަތްތެރިންގެ ސިއްހަތާއި ސަލާމަތާއި ގުޅޭގޮތުން ނިންމާ ނިންމުންތަކާއި ދިމާވާ މައްސަލަތައް ހައްލު ކުރުމުގައި ބަސް ބުނުމުގެ ފުރުސަތު ހޯދައި ދިނުމުގެ އިތުރުން، މަސައްކަތުގެ މާހައުލުގައި ދިމާވާ އެކްސިޑެންޓުތަކާއި ހާދިސާތަކުގެ ސަބަބުން ލިބޭ އަނިޔާތަކާއި ގެއްލުންތައް ރިޕޯޓުކޮށް، މައްސަލަ ބެލޭނެ ނިޒާމެއް ގާއިމްކޮށް، ބަދަލު ދެވޭނެ ނިޒާމެއް ކަނޑައެޅުން ހިމެނެ އެވެ.

މި ގާނޫނުގެ ބައެއް މަގްސަދުތަކުގެ ތެރޭގައި މަސައްކަތުގެ މާހައުލަކީ ސިއްހީ ގޮތުން ރައްކާތެރި މާހައުލެއްކަން ކަށަވަރު ކުރުމަށްޓަކައި ހަމަހަމަ އަދި ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކޮށްފައިވާ ތަނަކަށް ހެދުން ހިމެނެ އެވެ. އަދި މަސައްކަތްތެރިންނާއި މަސައްކަތް ކުރުވާ ފަރާތްތަކަކީ ޒިންމާދާރު، މަސްއޫލުވެރި ފަރާތްތަކަކަށް ހެދުމަށްޓަކައި މުހިންމު ގިނަ ކަންކަން ބަޔާންކޮށްފައިވެ އެވެ.

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ހަދަން ޖެހެ އެވެ. މި ގާނޫނަށް އަމަލުކުރަން ފަށަން ޖެހެނީ އަންނަ އޭޕްރީލް މަހުން ފެށިގެންނެވެ.