2 ޖަނަވަރީ 2024 - 08:33 0
2 ޖަނަވަރީ 2024 - 08:33 0
ލިވަޕޫލް (ޖެނުއަރީ 2) - އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 4-2 އިން މޮޅުވެ، ލިވަޕޫލުން ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ލީގުގައި ކުޅުނު 20 މެޗުން ލިވަޕޫލަށް 45 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އެސްޓަން ވިލާ އަށް ވަނީ 20 މެޗުން 42 ޕޮއިންޓް ލިބިފަ އެވެ. ތިނެއްގައި އޮތް މެންޗެސްޓާ ސިޓީން 40 ޕޮއިންޓް ހަމަކޮށްފައިވަނީ 19 މެޗުންނެވެ. ހަތަރެއްގައި އޮތް އާސެނަލްގެ ވެސް 40 ޕޮއިންޓް އޮތްއިރު، އެ ޓީމުން ވަނީ 20 މެޗު ކުޅެފަ އެވެ.
ލިވަޕޫލް ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެ އެވެ. ފުރަތަމަ ހާފުގައި ލިވަޕޫލަށް ލީޑުނަގައިދޭން ލިބުނު ޕެނަލްޓީ އަކުން މުހައްމަދު ސަލާހު ޖެހި ބޯޅަ ނިއުކާސަލްގެ ކީޕަރު މާޓިން ޑުބްރާވްކާ ވަނީ މަތަކޮށްފަ އެވެ.
އެކަަމަކު، ދެ ވަނަ ހާފް ފެށިގެން ހަތަރު މިނިޓް ތެރޭ ސަލާހު ވަނީ ޑާވިން ނޫނޭޒް ދިން ބޯޅައަކުން ގޯލު ޖަހައި، ލިވަޕޫލަށް ލީޑުނަގައިދީފަ އެވެ. ލިވަޕޫލަށް ލީޑުގައި އޮވެވުނީ ފަސް މިނިޓެވެ. ނިއުކާސަލް އިން ވަނީ އަލެކްސަންޑަ އިސާކް ޖެހި ގޯލުން އެއްވަރުކޮށްފަ އެވެ.
މެޗުގައި ލިވަޕޫލުން ދެ ވަނަ ފަހަރަށް ލީޑުނެގީ 74 ވަނަ މިނިޓްގައި ކާޓިސް ޖޯންސް ޖެހި ގޯލުންނެވެ. މިއީ ސަލާހު ދިން ފުރުސަތެއްގައި، ޑިއޯގޯ ޖޮޓާ ހުސްކޮށްލާފައި ދިން ބޯޅައަކުން ޖޯންސް ޖެހި ގޯލެކެެވެ. އޭގެ ހަތަރު މިިނިޓް ފަހުން، ކޯޑީ ގަކްޕޯ ވަނީ ސަލާހު ދިން ބޯޅައަކަށް އަރައި، ލިވަޕޫލްގެ ތިން ވަނަ ގޯލު ޖަހައިދީފަ އެވެ. މި ލަނޑު ބަލައިގަތީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.
އަލުން މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތުގައި ނިއުކާސަލް އިން 81 ވަނަ މިނިޓްގައި ގޯލެއް ޖެހި އެވެ. މި ލަނޑު ޖެހީ ކޯނަރަކުން ހުރަސްވި ބޯޅަކުން ސްވެން ބޮޓްމަން ބޮލުންނެވެ.
ލިވަޕޫލަށް މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްދިނީ 86 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ސަލާހު އެވެ. މިއީ ޖޮޓާ އަށް ކީޕަރު ޑުބްރާވްކާ ކުރި ފައުލަކަށް ވީއޭއާރް އިން ބަލާފައި ދިން ޕެނަލްޓީ އެކެވެ. މި މެޗަށް ފަހު، ސަލާހު ދެން ގުޅޭނީ މިސްރު ގައުމީ ޓީމާ އެވެ. އެއީ، އައިވަރީ ކޯސްޓްގައި މި މަހު 13 ގަައި ފަށާ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ކުޅޭށެވެ.
ނިއުކާސަލް މި މެޗުން ވެސް ބަލިވިއިރު، އެ ޓީމު އޮތީ 20 މެޗުން 29 ޕޮއިންޓާ އެކު، ލީގުގެ ނުވަ ވަނައިގަ އެވެ.
Comment