Advertisement

ރިޓަޔާކުރުމަކީ ނަޑާލް ޖެހިލުންވާ ކަމެއް ނޫން

2 ޖަނަވަރީ 2024 - 08:35 0


ރިޓަޔާކުރުމަކީ ނަޑާލް ޖެހިލުންވާ ކަމެއް ނޫން

2 ޖަނަވަރީ 2024 - 08:35 0

ބްރިސްބަން (ޑިސެމްބަރު 2) - ދިގު ކެރިއަރަކަށްފަހު ޓެނިސް ކުޅުން ހުއްޓާލުމަކީ އުނދަގޫ ކަމަކަށްވިޔަސް، ރިޓަޔަމަންޓާމެދު ޖެހިލުންނުވާ ކަމަށް ސްޕެއިންގެ ޓެނިސް ތަރި ރަފައެލް ނަޑާލް ބުނެފިއެވެ.

ގްރޭންޑް ސްލޭމްގެ 22 މުބާރާތް ކާމިޔާބުކޮށްފައިވާ ނަޑާލް ،37، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި 12 މަސް ދުވަހު ހުރުމަށް ފަހު، މި ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ބްރިސްބަން އޯޕަން އަށް ނުކުންނާނެ އެެވެ.

އަނިޔާގެ ސަަބަބުން ކުޅުމާ ދުރުގައި ހުރުމަށްފަހު، މި އަހަރުގެ ސީޒަނަށް ނަޑާލް ކުރިމަތިލާއިރު، މިއީ އޭނާގެ ވަދާއީ ސީޒަންގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.

އެކަމަކު، މީޑިއާއާ ވާހަކަދައްކަމުން ނަޑާލް ބުނީ މިއީ އޭނާގެ ކެރިއަރުގައި ފަހު ސީޒަންކަން ޔަގީންކަމާ އެކު ބުނަން ނޭނގޭ ކަމަށެވެ. އެކަމަކު، ރިޓަޔާކުރުމަކީ އޭނާ ޖެހިލުންވާ ކަމެއް ނޫން ކަމަށެވެ.

"އަހަރެންގެ މުޅި ހަޔާތް ބިނާވެފައި އޮތީ ޓެނިހަކަށް ނޫން. ޓެނިސް ނޫނަސް، އަހަންނަށް ހިތްހަމަޖެހުން ލިބޭ އެތައް ކަމެއް އެބައޮތް،" ނަޑާލް ބުންޏެވެ.

"މިހާ ދިގު ކެރިއަރެއް ނިންމާލާއިރު، ދުވަސްކޮޅެއް ނަގާނެ ހަމަޔަކަށް އެޅެން. ފަސޭހަކަމެއް ވެސް ނޫން އެއީ. އެކަމަކު ކުޅުން ހުއްޓާލާކަށް އަހަރެން ޖެހިލުމެއްނުވޭ."

ނަޑާލް ބުނީ އަނިޔާއާ ގުޅިގެން މިދިޔަ އަހަރުގެ ތެރޭގައި ކުޅުން ހުއްޓާލަން ވެސް ވިސްނިން ކަމަށެވެ. އެކަމަކު، އަދިވެސް ޓެނިހުގައި ވާދަކުރުމުގެ "މޯޓިވޭޝަން ނުގެއްލޭ" ކަމަށެވެ.

"އަހަރެން ޓެނިސް ކުޅުމާ ދުރަށް ދާނެ ދުވަހަކީ އަހަރެންގެ ހަށިގަނޑަށް އެކަން ނުވާވަރުވީމަ،" ނަޑާލް ބުންޏެވެ.

މިދިޔަ އަހަރު އުނަގަނޑަށް ލިބުނު އަނިޔާއާ ހެދި އޮޕަރޭޝަނެއް ކުރަން ޖެހުނު ނަޑާލަށް މިދިޔަ އަހަރުގެ މުބާރާތްތައް ގެއްލުމުން އޭނާ ވަނީ ރޭންކިންގެ 670 ވަނަ އަށް ވެއްޓިފަ އެވެ. އެންމެ ފަހުން ރަސްމީ ބޮޑު މެޗެއްގައި، ނަޑާލް، ކުޅެފައިވަނީ މިދިޔަ އަހަރު ޖެނުއަރީ މަހު އޮސްޓްރޭލިއަން އޯޕަންގަ އެވެ. އެ މުބާރާތުގެ ދެ ވަނަ ބުރުގެ މެޗުގައި ނަޑާލް ވަނީ މެކެންޒީ މެކްޑޮނާލްޑް އަތުން ބަލިވެފަ އެވެ.