Advertisement

ސަލާހު ނެތަސް ލިވަޕޫލްގެ ފޯމު ނުގެއްލޭނެ ކަމުގެ އިތުބާރު ކްލޮޕަށް

1 ޖަނަވަރީ 2024 - 13:23 0


ސަލާހު ނެތަސް ލިވަޕޫލްގެ ފޯމު ނުގެއްލޭނެ ކަމުގެ އިތުބާރު ކްލޮޕަށް

1 ޖަނަވަރީ 2024 - 13:23 0

ލިވަޕޫލް (ޖެނުއަރީ 1) - އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން ލިވަޕޫލްގެ ފޯވާޑް، މުހައްމަދު ސަލާހު ދިޔަ ނަމަވެސް އެ ޓީމުގެ ފޯމަށް މާ ބޮޑު އަސަރުތަކެއް ނުކުރާނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗަކީ، އެފްރިކަން ކަޕްގެ ކުރިން ސަލާހު ލިވަޕޫލަށް ކުޅޭނެ ފަހު މެޗެވެ.

މިސްރު ގައުމީ ޓީމުގެ ކެޕްޓަން، ސަލާހަށް އެފްރިކަން ކަޕާ ހެދި ލިވަޕޫލްގެ އަށް ވަރަކަށް މެޗު ގެއްލޭނެ އެވެ.

ކްލޮޕް ބުނީ މީގެ ކުރިން އެފްރިކަން ކަޕް އޮންނައިރު، ލިވަޕޫލަށް ސަލާހާއި ސަޑިއޯ މާނޭ އެކުގައި ގެއްލޭ ކަމަށެވެ. އެކަމަކު، މި ފަހަރު ހަމައެކަނި ސަލާހު ދާތީ އެއީ ވެސް ޓީމަށް އޮންނާނެ ލުޔެއްގެ ގޮތުގައި ކްލޮޕް ދެކެ އެވެ. މާނޭ ވަނީ މީގެ އަހަރެއް ކުރިން ލިވަޕޫލް ދޫކޮށްލައިފަ އެވެ.

"ސީޒަން ފެށިއިރު ވެސް އަހަރެމެން ސިކުނޑީގައި ހުރި މި ކަންކަން. މީގެ ކުރިން ސަޑިއޯ (މާނޭ) ވެސް މި ޓީމުގައި ހުރިއިރު، ސަލާހާއި މާނޭ އެކުގައި ދަނީ. މި ފަހަރު ސަލާހު އެކަނި ޓީމުން މި ދަނީ، އެހެންވީމަ، އަހަރެެމެން އެ އަށް ތައްޔާރުވެގެން، ފޯމު ހިފެެހެއްޓޭ ގޮތަށް މާ ކުރިން ވެސް ޕްލޭން ހަދައިފިން،" ކްލޮޕް ބުންޏެވެ.

ސަލާހުގެ އިތުުރުން ޖެނުއަރީ މަހު ލިވަޕޫލަށް ގެއްލޭނެ އަނެއް ކުޅުންތެރިއަކީ، ޖަޕާނުގެ މިޑްފީލްޑަރު، ވަޓަރޫ އެންޑޯ އެވެ. އެންޑޯ، ޖަޕާނާ އެކު، އޭޝިއަން ކަޕް ކުޅެން ދާނެ އެވެ. އެންޑޯ އަކީ ލިވަޕޫލުން އެންމެ ފަހުން ކުޅުނު މެޗުތަކުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ކުޅުންތެރިއެކެވެ.

"އެންޑޯ އާއި ސަލާހު ނެތްތަން ފެންނާނެ. އެކަމަކު، އެއީ ޓީމަށް ގެއްލުމެއް ލިބޭ ވަރުގެ ކަމަކަށް ވިޔަ ނުދިނުމަކީ އަހަރެންގެ ޒިންމާ. މި ހުރީ ތައްޔާރަށް،" ކްލޮޕް ބުންޏެވެ.

މި ސީޒަނުގައި ލިވަޕޫލަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވަނީ ސަލާހު އެވެ. އެ ގޮތުން، ސަލާހު ވަނީ ސީޒަނުގައި އޭނާ ކުޅުނު 26 މެޗުން 16 ލަނޑު ޖަހައި، އަށް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ލީގުގައި މިރޭ ނިއުކާސަލް އަތުން ލިވަޕޫލް މޮޅުވެއްޖެނަމަ، އެ ޓީމަށް އެއް ވަަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނެގޭނެ އެވެ. ލިވަޕޫލް މި ވަގުތު އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް އެސްޓަން ވިލާއާ އެއްވަރަށް 42 ޕޮއިންޓް ހޯދައިގެންނެވެ. އެކަމަކު، އެއީ ވިލާ އަށް ވުރެ އެއް މެޗު މަދުންކުޅެގެންނެވެ.