Advertisement

54 ގޯލު: އަހަރުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ރޮނާލްޑޯ

31 ޑިސެންބަރު 2023 - 11:33 0


54 ގޯލު: އަހަރުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ރޮނާލްޑޯ

31 ޑިސެންބަރު 2023 - 11:33 0

ރިޔާދު، ސައުދީ އަަރަބިއްޔާ (ޑިސެމްބަރު 31) - ސައުދީ ޕްރޯ ލީގުގައި އަލް-ތާވޫންގެ މައްޗަށް އަލް-ނަސްރުން 4-1 ގެ ނަތީޖާއަކުން ކުރިހޯދި މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ގޯލާ އެކު މި އަހަރު އެންމެ ގިނަ ގޯލު ކާމިޔާބުކުރި ކުޅުންތެރިޔާގެ މަގާމު އޭނާ ހޯދައިފި އެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ލަނޑަކީ މި އަހަރު ރޮނާލްޑޯ ކާމިޔާބުކުރި 54 ވަނަ ގޯލެވެ. ރޮނާލްޑޯ ވަނީ މީގެ ކުރިން އަށް ފަހަރެއްގެ މަތިން 50 އަށް ވުރެ ގިނަ ލަނޑު އަހަރެއްގެ ތެރޭގައި ޖަހައިފަ އެވެ. މިއީ ވެސް ރެކޯޑެކެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ތާވޫން އެވެ. މެޗުގެ 13 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ތާވޫންގެ އެލް މަހްދިއޯދީ ފޮނުވާލި ނަމަވެސް އޭނާގެ ޕެނަލްޓީ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ. އެކަމަކު ރީބައުންސްއަށް ނުކުތް ބޯޅަ މަހުދިއޯދީ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.

މެޗުގެ 26 ވަނަ މިނެޓުގައި ނަސްރުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މާސެލޯ ބްރޮޒޮވިޗް އެވެ. އަދި އޭގެ ނުވަ މިނެޓު ފަހުން ނަސްރުން ވަނީ ލީޑު ނަގައިފަ އެވެ. ބްރޮޒޮވިޗްގެ އެހީތެރިކަމާ އެކު މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އައިމެރިކް ލަޕޯޓް އެވެ.

މެޗުގެ 50 ވަނަ މިނެޓުގައި ނަސްރުން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ޕޯޗުގަލްގެ އޮޓާވިއޯ އެވެ. މެޗުގެ އިތުރު ވަގުތުގައި ނަސްރުގެ ހަތަރު ވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރޮނާލްޑޯ އެވެ. މިއީ ސެކޯ ފޮފަނާގެ އެހީތެރިކަމާ އެކު ރޮނާލްޑޯ ކާމިޔާބުކުރި ލަނޑެކެވެ.

މި އަހަރު ޖުމްލަ 54 ގޯލު ރޮނާލްޑޯ ޖެހިއިރު, އޭގެ ތެރެއިން 10 ގޯލު އެނާ ޖަހާދިނީ ޕޯޗުގަލް އަށެވެ. ރޮނާލްޑޯ ވަނީ އޭނާގެ ކެރިޔަރުގައި 1200 އަށް ވުރެ ގިނަ މެޗު ކުޅެ 873 ލަނޑު ޖަހާފަ އެވެ. އަދި ދާދި ފަހުން އޭނާ ވަނީ އޭނާގެ އަމާޒަކީ 1000 ގޯލު ޖެހުން ކަމަށް ވެސް ބުނެފަ އެވެ.