Advertisement

އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތުގެ ތެރެއިން ސަރުކާރުން އެ ގައުމަށް ހަތަރު ލިޔެކިޔުމެއް ފޮނުވައިފި

31 ޑިސެންބަރު 2023 - 10:30 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ : އިންޑިއާ ސިފައިން ފޮނުވާލުމަށް އެ ގައުމަށް ދިވެހި ސަރުކާރުން ހަތަރު ލިޔެކިޔުމެއް ފޮނުވައިފި - ފޮޓޯ: ރައީސް އޮފީސް


އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތުގެ ތެރެއިން ސަރުކާރުން އެ ގައުމަށް ހަތަރު ލިޔެކިޔުމެއް ފޮނުވައިފި

31 ޑިސެންބަރު 2023 - 10:30 0

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ މަސައްކަތުގެ ދަށުން ދިވެހި ސަރުކާރުން އިންޑިއާއަށް މިހާތަނަށް ރަސްމީ ހަތަރު ލިޔެކިޔުމެއް ފޮނުވާފައިވާ ކަަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން "އަދަދު" ފޮނުވި ސުވާލެއްގެ ޖަވާބުގައި ޖަވާބުގައި އެ މިނިސްޓްރީން ބުނީ، އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ހަތަރު ލިޔެކިޔުމެއް ފޮނުވައި ރަސްމީ 10 ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ސަރުކާރުން އެންމެ ފުރަތަމަ އިއުލާނުކުރީ ރާއްޖޭގައި ތިބީ 77 ސިފައިން ކަމަށެވެ. ނަމަވެސް ފަހުން ބުނީ އެ އަދަދު 89 އަކަށް އަރާ ކަމަށެވެ. އަދި އިންޑިއާ ސިފައިން ތިބި ކަމަށް ބުނާ އަދަދުތަކަށް އަދިވެސް ބަދަލު އަތުވެދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

މިވަގުތު ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދުން ގައުމީ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް މި މަހުގެ 28 ގައި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބް ވިދާޅުވި އެވެ.

"ދެން ސުވާލަކީ އިންޑިއާ ސިފައިންގެ އަދަދު ކަށަވަރު ނުވުމަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއްހޭ. އިންޑީއާ ސިފައިންގެ އަދަދު މީޑިއާއަށް މި ދަންނަވަނީ އަޅުގަނޑުމެންނަށް ލިބޭ އަދަދު. ކަމާ ބެހޭ މުއައްސަސާތަކުން އެ ކަންތައްތައް ބަލާ, އެއީކީ ގައުމީ ސަލާމަތަށް ހުރި ނުރައްކާ ހުރި ކަމެއްގެ ގޮތުގައި އެ ބޭފުޅުން ފާހަގައެއް ނުކުރައްވާ. އެ ބޭފުޅުން އެކަންތައް މެނޭޖު ކުރައްވަމުން ގެންދަވަނީ," ޝަހީބް ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަކީ މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުޅި ރިޔާސީ ކެމްޕޭން ބިނާވި އެމަނިކުފާނުގެ އެންމެ މުހިންމު ރިޔާސީ ވައުދެވެ.

ކޮޕް-28 ގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވި ބައްދަލުވުމުގައި، އިންޑިއާ އިން އެ ގައުމުގެ ސިފައިން އަނބުރާ ގެންދިއުމަށް އެއްބަސްވި ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް, އެކަމާ ގުޅިގެން ނޫސްވެރިން ސުވާލުތައް ކުރިމަތިވުމުން ރައީސް އިތުރު ތަފުސީލެއް ނުދެއްވަ އެވެ.