Advertisement

އަހަރެއްހާ ދުވަސް ފަހުން ނަޑާލް އެނބުރި ކުޅުމަށް

30 ޑިސެންބަރު 2023 - 14:53 0


އަހަރެއްހާ ދުވަސް ފަހުން ނަޑާލް އެނބުރި ކުޅުމަށް

30 ޑިސެންބަރު 2023 - 14:53 0

މެޑްރިޑް (ޑިސެމްބަރު 30) - ސްޕެއިންގެ ތަޖުރިބާކާރު، ޓެނިސް ކުޅުންތެރިޔާ، ރަފައެލް ނަޑާލް، އަނިޔާގެ ސަބަބުން އަހަރެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު، ރަސްމީ މުބާރާތެއްގައި ވާދަކުރަން ތައްޔާރުވަމުން އެބަދެ އެވެ.

ނަޑާލް، 37، އެންމެ ފަހުން ރަސްމީ ބޮޑު މެޗެއްގައި ކުޅެފައިވަނީ މިދިޔަ އަހަރު ޖެނުއަރީ މަހު އޮސްޓްރޭލިއަން އޯޕަންގަ އެވެ. އެ މުބާރާތުގެ ދެ ވަނަ ބުރުގެ މެޗުގައި ނަޑާލް ވަނީ މެކެންޒީ މެކްޑޮނާލްޑް އަތުން ބަލިވެފަ އެވެ. އެ މެޗުގައި އަނިޔާވެގެން ނަޑާލް ވަނީ މެޑިކަލް ޓައިމްއައުޓެއް ނަގައިފަ އެވެ. އަނިޔާގައި ހުރެ ނަޑާލް އެ މެޗު ކުރިއަށްގެންދިޔަ ނަމަވެސް އެ ފަހުން އޭނާ ޕްރޮފެޝަނަލް ބޮޑު މެޗެއްގައި ނުކުޅެ އެވެ.

އެނބުރި ކުޅުމަށް ނަޑާލް އައީ މިހާރު ކުރިއަށްދާ ސިޑްނީ ކަޕްގަ އެވެ. އެ މުބާރާތުގެ މެޗުތަކުގައި ނަޑާލް ފެންނަނީ ރަނގަޅު ލެވަލެއްގަ އެވެ.

ޓެނިހުގެ ބޮޑެތި މުބާރާތްތައް ކަމަށްވާ 22 ގްރޭންޑް ސްލޭމްގެ ތަށި އުފުލާލާފައިވާ ނަޑާލް މިހާރު ވަނި އަންނަ މަހުގެ 14 ވަނަ ދުވަހު ފަށާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ވާދަކުރަން ނިންމައިފަ އެވެ. ނަޑާލް ވަނީ 2009 އާއި 2022 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފަ އެވެ. ނަޑާލްގެ އެންމެ ކާމިޔާބު ގްރޭންޑް ސްލޭމް މުބާރާތަކީ، ފްރެންޗް އޯޕަން އެވެ. އޭނާ ވަނީ އެ މުބާރާތް 14 ފަހަރު ކާމިޔާބުކޮށްފަ އެވެ.

ދާދި ފަހުން ސްޕެއިނުގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ނަޑާލް ވަނީ އަންނަ އަހަރަކީ އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގެ ފަހު އަހަރު ކަމަށް ބުނެފަ އެވެ. މިދިޔަ އަހަރު އުނަގަނޑަށް ލިބުނު އަނިޔާއާ ހެދި އޮޕަރޭޝަނެއް ކުރަން ޖެހުނު ނަޑާލަށް މިދިޔަ އަހަރުގެ މުބާރާތްތައް ގެއްލުމުން އޭނާ ވަނީ ރޭންކިންގެ 670 ވަނަ އަށް ވެއްޓިފަ އެވެ.

ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ސާބިއާގެ ނޮވަކް ޖޮކޮވިޗް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ނަޑާލް އަބަދުވެސް އަންނާނީ އެއް ވަނަ މަގާމަށް ވާދަކުރަން ކަމަށެވެ. އެހެންކަމުން، އަންނަ އަހަރު ނަޑާލާ އެކު އިދިކޮޅަށް ނުކުންނަ ކުޅުންތެރިންނަށް އުނދަގޫ މެޗުތަކެއް ކުޅެން ޖެހޭނެ ކަމަށް ޖޮކޮވިޗް ގަބޫލުކުރެ އެވެ.

މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަން އަށް ނަޑާލް ފަރިތަކުރަމުން އަންނަ ވީޑިއޯތަކެއް ފެނުނުކަމަށް ބުނެ، ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައި އޮތް ސްޕެއިނުގެ ކާލޯސް އަލްކަރާޒް ބުނީ ނަޑާލް ހުރީ 100 ޕަސެންޓް ފިޓްކޮށް ރަނގަޅު ލެވަލެއްގައި ވާދަކުރުމުގެ ރޫހުގައި ކަމަށެވެ.