30 ޑިސެންބަރު 2023 - 14:55 1
ނިމާ ހަސަން
މިއަދު ބޭއްވި އެމްޑީޕީ ޕީޖީގެ ނޫސްވެރިންގެ ބައްދަލުވުނުގައި އަނދުން ހުސެއިން އަދި ނިޔާ -- ފޮޓޯ: ޝަހުޒާން/ އަދަދު
30 ޑިސެންބަރު 2023 - 14:55 1
އެމްޑީޕީއަށް ނިސްބަތްވާ 12 މަޖިލިސް މެންބަރުން އެ ޕާޓީން ވަކިވެ, ޕީއެންސީއާ ގުޅުނީ ހުށަހެޅުންތަކެއް ލިބިގެންކަން އެނގޭ ކަމަށާއި ނަމަވެސް އެ މެންބަރުންގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް އެ ޕާޓީން ޕާލިމަންޓްރީ ގްރޫޕުން ބުނެފި އެވެ.
އެމްޑީޕީ ޕީޖީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ގްރޫޕުގެ ނައިބު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ ގިނަ އަހަރުތަކެއް ވަންދެން އެކުގައި މަސައްކަތް ކުރި މެންބަރުންތަކެއް ޕާޓީން ވަކިވި ނަމަވެސް, އެ މެންބަރުންނާ އޮތް ގުޅުން ވަކިނުވާ ކަމަށެވެ.
"އެބަހުރި އެ ބޭފުޅުންނަށް އައި ހުށަހެޅުންތަކާއި, ވީ ބައެއް ކަންކަމާއި, ލިބޭނެ ސިޔާސީ ވަޒީފާތަކުގެ އަދަދުތަކާ އެކަހަލަ ވާހަކަތައް ދައްކާފައި. އެހެންވީމަ މިވަގުތުގެ ހާލަތު ހުރި ގޮތުން ދާންޖެހިގެން ދިޔަ ކަމަށް،" އަނދުން ހުސެއިން ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަނދުން ހުސެއިން މިހެން ވިދާޅުވެފައިވާއިރު, އޭނާ ވަނީ މީގެ ކުރިން ވެސް, މަޖިލިސް މެންބަރުން ޕީއެންސީއަށް ގެންދަން ރިޝްވަތު ހުށަހަޅަމުންދާ ކަމުގެ ތުހުމަތު ކުރައްވާފަ އެވެ.
މެންބަރުންނަށް ރިޝްވަތު ހުށަހަޅާ ކަމަށް ތުހުމަތު ވާއިރު, އެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާނެތޯ ސުވާލު ކުރުމުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވީ, އެފަދަ މަޝްވަރާއެއްް ޕީޖީ ގްރޫޕުން ކޮށްފައި ނުވާ ކަމަށެވެ.
"އެންޓި-ކޮރަޕްޝަނަށް ދިއުމާ މިކަންކަމުގެ ވާހަކައެއް އަޅުގަނޑުމެން ތެރޭގައެއް ނުދެކެވޭ. ދެން އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޕީޖީ ގްރޫޕުން އިސް ނަގައިގެން ކުރާނެ ކަމެއް ނޫން އެއީކީ،" ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭސީސީއަށް ދިޔުމުގެ މަޝްވަރާ ނުކުރަނީ މެންބަރު ނިސްބަތްވާ ދާއިރާގެ ރައްޔިތުންނަށް އިހްތިރާމް ކުރުމުގެ ގޮތުންނެވެ. އެހެންކަމުން, އޭސީސީއަށް ގޮސް މެންބަރުގެ ގޮނޑި ގެއްލުވާލުމުގެ ބަދަލުގައި ވޯޓުދީ, މެންބަރު މަޖިލީހަށް ހޮވި ދާއިރާގެ ރައްޔިތުންނަށް ފަސް އަހަރު ދުވަހުގެ ތެރޭގައި އިހްތިރާމް ކުރަން ޖެހެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގާތްވެފައި އޮތްކަން ފާހަގަކުރައްވާ ނިޔާޒް ވިދާޅުވީ, މެންބަރުންނާ މެދު ކަންތައް ކުރަންވާ ގޮތް ވިސްނަންވާނީ ދާއިރާގެ ރައްޔިތުން ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment