Advertisement

ރައީސް އަޒުލު ކުރަން މަސައްކަތް ނުކުރާ ކަމަށް އެމްޑީޕީން ބުނެފި

30 ޑިސެންބަރު 2023 - 14:02 2

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ސަލީމް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި: ވިދާޅުވީ އެމްޑީޕީގެ އެއްވެސް ޕްލެޓްފޯމެއްގައި ރައީސް އަޒުލު ކުރުމާ ގުޅޭ ގޮތުން ވާހަކަ ނުދައްކާ ކަމަށް -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު


ރައީސް އަޒުލު ކުރަން މަސައްކަތް ނުކުރާ ކަމަށް އެމްޑީޕީން ބުނެފި

30 ޑިސެންބަރު 2023 - 14:02 2

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޒުލުކޮށް މަގާމުން ވަކި ކުރަން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ނިންމާފައިނުވާ ކަމަށާއި އެކަމަށް މަސައްކަތް ވެސް ނުކުރާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުން ގާނޫނުއަސާސީން ހުއްދަ ކުރާ ނަމަވެސް އެފަދަ ނިންމުމެއް ޕާޓީން މިހާތަނަށް ނުނިންމާ ކަމަށެވެ.

"ސަރުކާރުގެ އިތުބާރު ނެތް ކަމަށް ވޯޓެއް ނަގާ ވާހަކަ އަޅުގަނޑުމެންނަށް އެންމެ ގިނައިން އިވެނީ ސަރުކާރާ ގުޅުން ހުރި ބޭފުޅުން ދައްކަވާތީ. އަޅުގަނޑަށް ގަބޫލު ކުރެވެނީ އެބޭފުޅުން އަމިއްލަފުޅަށް ގަބޫލު ކުރެއްވެނީ ކަމަށް ރައްޔިތުންގެ އިތުބާރު ގެއްލޭ ކަންތައްތަކެއް ނޫނީ ސިޔާސަތުތަކެއް އެބޭފުޅުންނަށް ގެންގުޅެވެނީ ކަމަށް،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރަން އެމްޑީޕީގައި އެއްވެސް ބާވަތެއްގެ މަޝްވަރާއެއް ވެސް މިހާތަނަށް ނުކުރާ ކަމަށެވެ.

"އަޅުގަނޑު ވަރަށް ޔަގީންކަމާއެކީ ދަންނަވަން ބޭނުންވޭ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް ސްޓޭންޑެއް އަދި އެކަމުގައި ނެތް. އަދި އަޅުގަނޑުމެން އެކަމަށް އެޖެންޑާކޮށް ބަހުސެއް ވެސް ކޮށްފައެއް ނެތް. އަދި ޕާޓީގެ ގޮތުން އެމްޑީޕީން ވެސް އަޅުގަނޑުމެންނަށް އެކަހަލަ އިރުޝާދެއް މިހާތަނަށް ލިބިފައެއް ނެތް. އެހެން ނަމަވެސް އިމްޕީޗްމަންޓަކީ ގާނޫނުއަސާސީ ހުއްދަ ކުރާ ކަމެއް. ގާނޫނު ވެސް ހުއްދަ ކުރާ ކަމެއް. ދިވެހި ރައްޔިތުންގެ ބާރު ގަދަ ގޮތަށް ގާނޫނު އަސާސީގައި އޮންނަނީ،" އޭނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު އަޒުލު ކުރަން އެމްޑީޕީން މަސައްކަތް ކުރަމުންދާ ކަމަށް އަޑުފެތުރުނީ، ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާތަކަށް އިސްލާހު ގެނައުމުންނެވެ. އަދި އެމްޑީޕީގެ ބައެއް މެމްބަރުން ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް ސޮއި ކުރަން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވެސް އެފަދަ އިޝާރާތެއް ކުރެއްވި އެވެ.

"އަޅުގަނޑާ ދެކޮޅަށް އެ މަސައްކަތް ކުރާ ވޯޓު ނެގުމުގައި އިނގިލި ބުރިކޮށްލިޔަސް ވޯޓު ނުދޭނެ އެމްޑީޕީ މަޖިލިސް މެމްބަރުން އެބަ ތިބި. އެކަން އަޅުގަނޑަށް އެނގޭ،" ރައީސް ވިދާޅުވި އެވެ.