އާޓްވޯކް: މުހައްމަދު ރައްޔާން / އަދަދު
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވާ ޕާޓީ ދޫކޮށްލުމުން ގޮނޑި ގެއްލެންޖެހޭނެ ކަމަށް ބުނާ މީހުން ގިނަވަމުންދާކަން އެއީ ހަގީގަތެކެވެ. ކޮންމެ އިންތިހާބަކާއި މަޖިލީހުގެ ނުކިއްސަރު ނިންމުމަކާއެކު އެ އަޑުތައް ގަދަވެ އެވެ. ސޯޝަލް މީޑިއާއިން ފެށިގެން އޮފީސްތަކާއި ސައި ހޮޓާތަކުގައި ވެސް ދައްކަނީ އެ ވާހަކަ އެވެ.
މިފަހަރު އެ އަޑުތައް ގަދަވީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އިދިކޮޅު އެމްޑީޕީގެ 12 މެންބަރަކާއި ކުރިން އެ ޕާޓީޏް ވަކިވި މެންބަރަކު ކުއްލި ގޮތަކަށް ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރުމުންނެވެ. މި އަހަރު ކުރީ ކޮޅުވެސް އެމްޑީޕީގެ 13 މެންބަރަކު އެ ޕާޓީ ދޫކުރި އެވެ. އެއީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސް އާ ގުޅުމަށެވެ. އެފަހަރު ވެސް މި އަޑުތައް ގަދަވި އެވެ.
ދިވެހި ރާއްޖޭގެ ވޯޓުލާ އާބާދީ އެއް ކަމަކަށް އެއްބަސްވާނެ ކަމަކީ ރައްޔިތުންގެ މަޖިލިސް އިސްލާހުކުރަން ޖެހޭ ކަމެވެ. ކޮރަޕްޝަނުގެ ހާއްޔެއްގެ ގޮތުގައި ސިފަކުރެވޭ މަޖިލީހަށް ކޮންމެވެސް ވަރެއްގެ ނަޒާހަތްތެރިކަމެއް ލިބޭނެ އެއް ގޮތަކީ އެންޓި ޑިފެކްޝަން، ނުވަތަ އިންތިހާބުވާ ޕާޓީ ދޫކޮށްލުމުން ގޮނޑި ގެއްލޭ ގާނޫނެކެވެ.
އެމްޑީޕީ ދޫކޮށް 13 މެންބަރަކު ޕީއެންސީއަށް ސޮއިކުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން އެ މެންބަރުންނަށާއި ޕީއެންސީއަށް އަދި ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. ރިޝްވަތު ދިނުމާއި ހިފުމުގެ އެތައް ތުހުމަތަކާއެކު، ޕީއެންސީއިން އެ ރޭގެ ޖަލްސާއަށް ކީ ނަން "ފެށުން" އާ ގުޅުވާ އެއީ ނާތަހުޒީބު ފެށުމެއް ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.
އެގޮތުން ފާހަގަކޮށްލެވޭ އެއް ފަރާތަކީ، އެމްޑީޕީގެ ސުލޫކީ ކޮމިޓީން ޕާޓީން ވަކިކުރަން ނިންމުމުން ޑިމޮކްރަޓްސްއާ ގުޅުނު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ.
"ތިޔައީ ހަޑި މުޑުދާރު ނާތަހުޒީބު ފެށުމެއް، ރައްޔިތުންނަށް ތިޔަ ބުނެދެވެނީ، ތިޔަ ހިތްވަރު ދެވެނީ ތިޔަޒާތުގެ ނާތަހުޒީބީ ކަންކަންކޮށްލުމަކީ އެންމެ ރަނގަޅު ކަމެއް ކަމަަށް،" އޭނާގެ އެކްސް އެކައުންޓުން ލިޔުއްވާފަ ވެ އެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫނު ވެސް ވަނީ، މަޖިލީހުގެ މެންބަރުން ޒިންމާދާރު ކުރެވޭނެ ގޮތެއްނެތްހާ ދުވަހަކު ރައްޔިތުންގެ މަސްލަހަތު ދިފާއު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށާއި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވޯޓުދޭންވީ މަޖިލިސް އިސްލާހު ކުރަން ވައުދުވާ ކެންޑިޑޭޓުންނަށް ކަމަށް ވިދާޅުވެފަ އެވެ.
މި ފަހުން ދަ ޑިމޮކްރެޓްސްގެ ރައީސް ކަމަށް ވާދަކުރެއްވި ހުސެއިން އަމްރު އެކްސްގައި ހިއްސާކުރެއްވި ލިޔުމެއްގައި ވިދާޅުވީ މަޖިލީސް ރިފޯމް ކުރަން ޖެހޭ ކަމަށެވެ. އަދި އެންޓި ޑިފެކްޝަން ގާނޫނެއް ވަރަށް އަވަހަށް ގެނެސް، ގާނޫނު އިސްލާހުކުރަން ޖެހޭ ކަމަށް ވެސް އޭނާ ލިޔުއްވާފައިވެ އެވެ.
ފެހި ގާނޫނުގެ ދަށުން ރާއްޖޭގެ މަޖިލިސް މެންބަރުންތަކެއް ގޮނޑި ގެއްލުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. އޭރު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ސޮއިކުރި 12 މެންބަރެއްގެ ގޮނޑި ގެއްލުވާލީ ސުޕްރީމް ކޯޓުގެ އަމުރަކުންނެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ސޮއި ހަމަކުރަން ފެށުމާއެކު، ސުޕްރީމް ކޯޓުގައި އެ އަމުރަށް އެދުނީ އޭރުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް އެވެ. ޖުލައި 13، 2017 ގައި އެ ކޯޓުން ހުކުމް ކުރީ މެންބަރުން ވަކިވުމުން ނުވަތަ ވަކި ކުރުމުން ގޮނޑި ގެއްލުނު ކަމަށް ނިންމާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ.
އެ ހުކުމުގައިވާ ގޮތުން އެ ހުކުމުގެ އުސޫލުތައް ހިނގާނީ އެންޓި ޑިފެކްޝަން ގާނޫނެއް މަޖިލީހުން ފާސްކުރުމާ ހަމައަށެވެ. އަދި އެފަދަ ގާނޫނެއް ވުޖޫދަށް ގެނައުމަކީ މުހިންމުކަން ވެސް ބަޔާންކޮށްފައިވެ އެވެ.
ނަމަވެސް އެ ހުކުމުގެ ކުރިން ޕީޕީއެމުން ވަކިވި ނުވަ މެންބަރުންނާއި ވަކިކުރި ތިން މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ އެ ބިލު މަޖިލީހަށް ހުށަހެޅުމުގެ ވެސް ކުރިންނެވެ.
ސިޔާސީ ބޮޑު ކޯޅުމެއްގެ ތެރެއިން ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލު ވެސް ކުރި އެވެ. ނަމަވެސް، އެ މަހުގެ 18 ގައި ހަމަ އެ ކޯޓުން ވަނީ ގޮނޑި ގެއްލޭ ހުކުމް ބާތިލް ކުރި މާއްދާއަށް އަމަލުކުރުން މަޑުޖައްސާލުމަށް ނިންމާފަ އެވެ.
އެއަށްފަހު، ކުރިން ކުރި ހުކުމުގައިވާ ގޮތަށް މާޗު 12، 2018 ގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް އެންޓި ޑިފެކްޝަން ބިލު ހުށަހެޅުއްވީ އޭރުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު އެވެ.
އެ ބިލާ އޭރުގެ ޕީޕީއެމްގެ ގިނަ މެންބަރުން ދެކޮޅު ކަމަށް އަޑުތައް ވެސް ފެތުރުނެވެ. އެމްޑީޕީއިން ފާޅުގައި އެ ގާނޫނާ ދެކޮޅު ހެދީ ވަކި ބަޔަކަށް އަމާޒުކޮށް ހުށަހެޅި ބިލަކަށް ވާތީ އެވެ. ނަމަވެސް، ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ ދޫކޮށް ޕީއެންސީއަށް ސޮއިކުރެއްވި، މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް އޭރު އެ ބިލަށް ތާއީދު ކުރެއްވި އެވެ.
"އެއް ޕާޓީއަކުން ހޮވުނު މެމްބަރަކު، އަނެއް ޕާޓީއަކާ ގުޅިވަޑައިގަންނަވަނީ ގޮނޑި ދޫކުރައްވާފައި ކަމަށާއި އަލުން އެ ގޮނޑި ބޭނުން ނަމަ، އެ މެމްބަރަކަށް ޖެހޭނީ އިންތިޚާބުގައި އަލުން ކުރިމަތިލާން،" އޭރު ޝަރީފު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވި އެވެ.
އިދިކޮޅު އެމްޑީޕީ މެންބަރުން ބައިވެރިވާން ދެކޮޅު ހެދި ޖަލްސާއެއްގައި އެ ބިލު ފާސްކުރީ ބައިވެރިވި ޕީޕީއެމް/އެމްޑީއޭގެ 36 މެމްބަރުންގެ އިއްތިފާގުންނެވެ.
އޭރު އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ ކޯޓުތަކާއި އިލެކްޝަންސް ކޮމިޝަން ފަދަ މިނިވަން މުއައްސަސާތަކަށް ސަރުކާރުގެ އަދި ޔާމީނުގެ ބާރު އޮތް މިންވަރެވެ. މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލުވާލުމުގައި ޔާމީނުގެ ބައިވެރިވުން ބޮޑު ކަމަށް އޭރު އިދިކޮޅުން ތުހުމަތު ކުރަމުންދަނިކޮށް، ރިޔާސީ ކެމްޕޭނުގައި އެމަނިކުފާނު ވަނީ އެކަމަށް އިއުތިރާފު ވެސް ވެވަޑައިގެންފަ އެވެ.
"ޕާޓީ އަށް މިއައި ނިކަމެތި ކަމަކީ އަޅުގަނޑު މި ޒައާމަތުގައި ހުރެގެން އެއްވެސް ގޮތަކަށް، ޕާޓީގައި ހުރެގެން ފަސޭހަކަމާ އެކު ދޫކޮށްލާނެ ކަމެއް ނޫން. ހަމަ އެ ސަބަބަށްޓަކައި އަޅުގަނޑުމެން ޕާޓީ ދޫކޮށްލާފައި، ޕާޓީއާ ދެކޮޅަށް މަސައްކަތް ކުރި ހުރިހާ މެމްބަރުންގެ ގޮނޑި ގެއްލުވާލަން އެންމެ އިސް މަސައްކަތެއް ކުރީ އަޅުގަނޑު،" ސެޕްޓެމްބަރު 11، 2018 ގައި ގދ. ތިނަދޫގައި ހުންނަވާ ޔާމީނު ވިދާޅުވި އެވެ.
ނަމަވެސް އިންތިހާބު ނާކާމިޔާބުވެ، 12 މެންބަރުންގެ ގޮނޑި ގެއްލުނު ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރީ އޮކްޓޯބަރު 30، 2018 ގަ އެވެ. އެއާއެކު އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ފުރޮޅާލާ، އެންޓި ޑިފެކްޝަން ގާނޫނު އުވައިލަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އެ އަހަރުގެ ނޮވެމްބަރު ފުރަތަމަ ދުވަހު އެވެ. ނޮވެމްބަރު 13، 2018 ގައި އެ ބިލު ޔާމީނު ތަސްދީގުކުރެއްވުމާއެކު، ރާއްޖޭގައި މިހާތަނަށް ގާއިމުވި ހަމައެކަނި އެންޓި ޑިފެކްޝަން ގާނޫނު އުވިގެން ދިޔައީ އެވެ.
ޔާމީނުގެ ދައުރުގައި 'އަވަސް އަރުވާލައިގެން' ހެދި ގާނޫނަކީ އެންމެ ފުރިހަމަ، ގާނޫނު ނޫންކަން ރާއްޖޭގެ ގިނަ ބަޔަކު އޭރު ގަބޫލުކުރި އެވެ. ގާނޫނީ ވަކީލުންނާއި ސިޔާސީ ތަޖުރިބާކާރުން ވެސް އެކި ސިފަސިފައިގައި އެ ގާނޫނަށް ފާޑުކިޔެވެ.
ހަ މާއްދާގެ މައްޗަށް އެކުލަވާލާފައި އޮތް އެ ގާނޫނުގެ މަގުސަދަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މާއްދާތަކުގެ ތެރޭގައި، މެންބަރުން ޖަވާބުދާރީ ކުރުވުމާއި މަޖިލީހަކީ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިގެންވާ ތަނެއް ކަމަށް ހެދުން ހިމެނެ އެވެ. އަދި ގާނޫނުގެ ދަށުން ގޮނޑި ގެއްލުމުން ބައި އިލެކްޝަން ބާއްވާނެ ގޮތާއި އެ އިންތިހާބުގައި ގޮނޑި ގެއްލޭ މެންބަރަށް ވާދަކުރެވޭނެ ގޮތް ހެދުން ވެސް މަގުސަދުތަކުގެ ތެރޭގައިވެ އެވެ.
މި ގާނޫނުގެ ދަށުން ގޮނޑި ގެއްލޭނެ އޮތީ ހަތަރު ހާލަތެކެވެ. އެއީ އިންތިހާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރުން، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވުން، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރަކަށްވުން އަދި އަމިއްލަ ގޮތުން ހޮވޭ މެންބަރަކު ދައުރުގެ ތެރޭ ފުރަތަމަ ގުޅޭ ޕާޓީން ވަކިކުރުން، ވަކިވުން ނުވަތަ ދެވަނަ ޕާޓީއަކަށް ސޮއިކުރުމެވެ.
ނަމަވެސް ނިސްބަތްވާ ޕާޓީއިން ސުލޫކީ ފިޔަވަޅެއް އެޅުން ނުވަތަ އެ ޕާޓީގެ ވިޕްލައިނާ ހިލާފުވުން އެއީ، ޕާޓީން ވަކި ނުކުރާހާ ހިނދެއްގައި މި ގާނޫނުގެ ދަށުން ގޮނޑި ގެއްލޭނެ ހާލަތެއް ނޫން ކަމަށް ވެސް ގާނޫނުން ސާފުކޮށްދެ އެވެ.
ނަމަވެސް މި ގާނޫނު އޮތް ގޮތުން، ގާނޫނު އަސާސީއާ ފުށޫއަރާ ކަމަށް އޭރު ގިނަ ވަކީލުން ވެސް ދިޔައީ ބުނަމުންނެވެ. ގާނޫނު އަސާސީގެ ރައްޔިތުންގެ މަޖިލީހުގެ ބާބުގެ ދަށުން 73 ވަނަ މާއްދާގެ ނ. ގައި މެންބަރުންގެ މަގާމު ގެއްލޭނެ ހާލަތްތައް ބަޔާންކޮށްފައިވެ އެވެ.
ނ. އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއްގައިވާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކަށް އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ އެވެ. 1. އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން. 2. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައިވުން. 3. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަސް މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ނުވާ މީހަކު ކަމުގައިވުން. 4. ފަނޑިޔާރަކު ކަމުގައިވުން.
ޔާމީނުގެ ވެރިކަމުގައި ގެނައި އެންޓި ޑިފެކްޝަން ގާނޫނަށް އެމްޑީޕީން ފާޅުގައި ދެކޮޅު ހެދި އެވެ. ސަބަބެއް ކަމުގައި ދެއްކީ ޔާމީނުގެ ސަރުކާރުން ވަކި ބަޔަކަށް އަމާޒުކޮށް ގާނޫނެއް ހަދަން މަސައްކަތް ކުރުމެވެ.
އެންމެ ހަ މާއްދާގެ މައްޗަށް އެކުލެވުނު އެ ގާނޫނަކީ އެންމެ ފުރިހަމަ ގާނޫނު ނޫން ކަމަށް ވެސް އެމްޑީޕީން ބުނަމުންދިޔަ އެވެ. އަދި އެ ގާނޫނަކީ ގާނޫނު އަސާސީއާ ހިލާފު ގާނޫނެއް ކަމަށާއި އެންޓި ޑިފެކްޝަން ގާނޫނެއް ގެނައުމުގެ ކުރިން ގާނޫނު އަސާސީއަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެކި ފަރާތްތަކުން ބުނެފައިވެ އެވެ.
"ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން 2017 ގައި ނިންމި މައްސަލަ ބާތިލު ކަމަށް ކަނޑައެޅުމުން، އެކަމާ ގުޅިގެން ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް 'ދުސްތޫރީ' މައްސަލައެއް ހުށަހަޅާފައިވާއިރު، އެންޓި ޑިފެކްޝަން ބިލެއް މަޖިލިސް އަށް ހުށަހަޅައި ފާސްކުރުމަކީ ސުޕްރީމް ކޯޓުން ކުރިން ނެރެފައިވާ އަމުރުތައް ހުއްދަ ކުރާ ކަމެއް ނޫން،" ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ބަންޑާރަނައިބު އިބްރާހިމް ރިފްއަތު، 2018 ގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެ އެވެ.
އެއަށްފަހު ފާސްކުރި އެންޓި ޑިފެކްޝަން ބިލު ބާތިލު ކުރުމަށް އިދިކޮޅުން ސުޕްރީމް ކޯޓަށް ވެސް ހުށަހެޅި އެވެ. މައްސަލަ ހުށަހެޅުމަށް ނިންމުމަށްފަހު އޭރު އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެ ދެ ބިލް ފާސްކޮށްފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށްވާތީ ވަރަށް އަވަހަށް އެ މައްސަލަ ބަލައި އެ ދެ ބިލް ބާތިލް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ނަމަވެސް ސުޕްރީމް ކޯޓުން އެ މައްސަލަ ނިންމި އޭރުގެ ސަރުކާރާ އެއްކޮޅަށެވެ.
އެ އަހަރުގެ އިންތިހާބު ކާމިޔާބު ވުމަށްފަހު އެމްޑީޕީއިން އެ ގާނޫނު އުވާލުމުގެ މަސައްކަތް ކުރަމުންދިޔައިރު މަޖިލީހުގައި އެ ޕާޓީގެ މެންބަރުން ވެސް ގެންދިޔައީ އެންޓި ޑިފެކްޝަން ގާނޫނާ ދެކޮޅަށް ބަސް ބުނަމުންނެވެ. އެކި ސަބަބުތަކާ ހުރެ އެވެ.
ޖެހިގެން އައި އަހަރު އޮތް މަޖިލިސް އިންތިހާބަށް އެމްޑީޕީއިން އެކުލަވާލި އެޖެންޑާ 19 މެނިފެސްޓޯގައި އަނެއްކާ ވެސް އެންޓި ޑިފެކްޝަންގެ ވާހަކަ ހިމެނި އެވެ. ވަކި ބަޔަކަށް އަމާޒު ނުކޮށް، ފުރިހަމަ ބިލެއް ހުށަހަޅާނެ ކަމުގެ ވައުދުވި އެވެ.
އެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވީ، 65 މަޖިލިސް ގޮނޑިއާއެކު އެވެ. އެއަށްފަހު، އޭރު އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ޕާޓީތަކުގެ ޓިކެޓްގައި އިންތިހާބުވާ މެމްބަރުންނަށް އެޕާޓީ ދޫކޮށް ނުދެވޭ ގޮތަށް ގާނޫނެއް ހަދަން ޖެހޭ ކަމަށާއި ގާނޫނު އަސާސީ އަށް ބަދަލު ގެނެސްގެން ވެސް އެކަން އެގޮތަށް ހަމަޖައްސަން ޖެހޭ ކަމަށެވެ.
"ރައްޔިތުން ވަކި ޓިކެޓެއްގައި މީހަކު އިންތިހާބު ކުރީމާ ދެން އެމީހާ ރައްޔިތުންނަށް ގޮން ޖަހައި، އެހެން ސިޔާސީ ފިކުރަކަށް ބަދަލު ކުރުމަކީ އެއްގޮތަކަށް ވެސް، އެއީކީ އިންސާފުވެރި ގޮތެއް ކަމުގައި އެކަކު ވެސް ނުދެކޭނެ،" މަޖިލިސް އިންތިހާބަށްފަހު ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީއިން ހޮނިހިރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ނޫހުން ސުވާލުކުރުމުން، ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ، އެ ބިލާމެދު ޕާޓީން ވިސްނަމުންދާ ކަމަށާއި މަޖިލީހުގެ ދައުރު ނުނިމި އަދިވެސް ކުޑަ ދުވަސްކޮޅެއް އެބައޮތް ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމުގައި ނެތް ކަމެއް ނޫން [އެންޓި ޑިފެކްޝަން ގާނޫނަކީ]، މުސްތަގުބަލުގައި މަޖިލިސް އިސްލާހު ކުރުމަށް ކުރާ މަސައްކަތެއް ގޮތުގައި ރައްޓެހި ޕާޓިތަކާ އެކީ ގުޅިގެން އެ މަޝްވަރާތައް ކުރަމުން އެބަދަން،" އޭނާ ވިދާޅުވި އެވެ.
އެންޓި ޑިފެކްޝަން ނުވަތަ ފްލޯ ކްރޮސިންއާ ބެހޭ ގާނޫނަކީ ތަހުޒީބީ ގިނަ މުޖްތަމައުތަކުގައި އޮންނަ ގާނޫނެކެވެ. އަވައްޓެރި އިންޑިއާގައި ވެސް އެފަދަ ގާނޫނެއް އޮވެ އެވެ. ރައްޔިތުން ވޯޓު ދީގެން ފަސް އަހަރަށް މެންބަރަކު ހޮވަނީ ގިނަފަހަރު މީހާއަށް ވިސްނުމުގެ ބަދަލުގައި އޭނާ ތަމްސީލު ކުރާ ޕާޓީ އާއި އެ ޕާޓީގެ އުސޫލުތަކަށް ވެސް ވިސްނާފަ އެވެ. އެންމެ އިންސާފުވެރި ގޮތަކަށް ވާނީ މެންބަރަކަށް ހޮވުމަށްފަހު ބޭނުންހާ ގޮތަކަށް އަމަލު ނުކުރެވޭނެ އުސޫލެއް ގާނޫނެއްގައި ލިޔެފައި އޮތުމެވެ.
Comment