Advertisement

ބްރެޒިލް ހުށަހެޅުމަށް ފުރަގަސްދީ، އަންޗެލޮޓީ ރެއާލްގެ ކޮންޓުރެކްޓް އާކޮށްފި

30 ޑިސެންބަރު 2023 - 11:05 0


ބްރެޒިލް ހުށަހެޅުމަށް ފުރަގަސްދީ، އަންޗެލޮޓީ ރެއާލްގެ ކޮންޓުރެކްޓް އާކޮށްފި

30 ޑިސެންބަރު 2023 - 11:05 0

މެޑްރިޑް (ޑިސެމްބަރު 30) - ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗަކަށް ވާން ލިބިފައި އޮތް ފުރުސަތަށް ފުރަގަސްދީ، ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ އެ ކްލަބުގެ ކޮންޓުރެކްޓް އާ ކޮށްފި އެވެ.

ރެއާލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެންޗަލޮޓީ، 64، ވަނީ އެ ކްލަބާ އެކު ހަދާފައިވާ ކޮންޓުރެކްޓް 2026 ވަނަ އަހަރު ޖޫންގެ ނިޔަލަށް އާކޮށްފައި ކަމަށެވެ.

އަންޗެލޮޓީ ކުރިން ރެއާލާ އެކު ހަދާފައިވާ ކޮންޓުރެކްޓް އަންނަ އަހަރުގެ ތެރޭގައި ހަމަވުުމުން، ބްރެޒިލްގެ ގައުމީ ޓީމު އޭނައާ ހަވާލުމަށް ބްރެޒިލްގެ ފުޓްބޯލް ފެޑަރޭޝަނުން މަސައްކަތް ކުރަމުންދާ ކަމަށް މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި މީޑިއާތަކުން ރިޕޯޓްކުރިއެވެ.

ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗަކަށް ފާއިތުވި 60 އަހަރުގެ ތެރޭގައި ހަވާލުވާ ފުރަތަމަ ބިދޭސީ ކޯޗަކަށް ވުމަށް އަންޗެލޮޓީ އަށް ހުށަހަޅައި، އެކަމާ ގުޅޭގޮތުން ބްރެޒިލް ފެޑަރޭޝަންގެ ރައީސަކަށް އޭރު ހުރި އެޑްނާލްޑޯ ރޮޑްރިގޭޒް ގިނަ ދުވަސްތަކެއް ވަންދެން މަޝްވަރާކުރި އެވެ. އަދި ބްރެޒިލްގެ ކޯޗުކަމާ ހަވާލުވާނެ ކަމަށް އަންޗެލޮޓީ އަނގަބަހުން އެއްބަވެސްވެފައިވާ ކަމަށް ވެސް އަޑު ފެތުރުނެވެ.

ބްރެޒިލްގެ ފެޑަރޭޝަނުން ބްރެޒިލް ޓީމުގެ ކޯޗަކަށް ފެނާންޑޯ ޑިނީޒް ވަގުތީ ގޮތުން ހަމަޖެއްސީ އަންނަ އަހަރުގެ ކޮޕާ އެމެރިކާ އަށް އަންޗެލޮޓީ ޓީމާ ހަވާލުވާނެ ކަމަށް އުންމީދުކޮށްގެން ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

އެކަމަކު، ޑިނީޒް އިރުޝާދުގެ ދަށުން ބްރެޒިލްގެ ނަތީޖާތައް ވަނީ ދަށްވެފަ އެވެ. ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް މި ވަގުތު އޮތީ ތާވަލްގެ ހަ ވަނައިގަ އެވެ. އެހެން ނަމަވެސް އޮކްޓޯބަރު މަހު މީޑިއާއާ ވާހަކަދައްކަމުން އަންޗެލޮޓީ ބުނީ ބްރެޒިލްގެ ކޯޗުކަމާ ހަވާލުވުމަށް އެއްވެސް އިރެއްގައި އެއްބަސްނުވާ ކަމަށެވެ.

ދުނިޔޭގައި މި ވަގުތުހުރި އެންމެ ތަޖުރިބާކާރު އެއް ކޯޗު ކަމަށްވާ އަންޗެލޮޓީ ކުރިން ބުނީ ރެއާލް އަކީ އޭނާގެ ކޯޗިން ކެރިއަރުގައި ހަވާލުވާ ފަހު ޓީމު ކަމަށެވެ. އެކަމަކު، ރެއާލްގެ ކޮންޓުރެކްޓް އިތުރުކުރުމަށް ލިބުނު ފުރުސަތާއެކު، އޭނާ ވަނީ ކޯޗިން ކެރިއަރު ދިގު ދަންމާލައިފަ އެވެ.

އަންޗެލޮޓީ ވަނީ ކޯޗެއްގެ ގޮތުގައި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދައިފައެވެ. އެއީ ރެއާލްއާ އެކު ދެ ފަހަރު އަދި އޭސީ މިލާނާއެކު ދެ ފަހަރެވެ.

މީގެ އިތުރުން އިޓަލީ، ސްޕެއިން، އިންގްލެންޑް އަދި ފްރާންސްގައި ލީގު ޗެމްޕިއަންކަން އޭނާ ވަނީ ހޯދައިފަ އެވެ.