Advertisement

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށް; ކުރީގެ ރަންވޭ ބަންދުކޮށް އާ ރަންވޭ އަންނަ މަހު ހުޅުވާލަނީ

3 ޖަނަވަރީ 2024 - 12:46 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

އާރްއޭސީއެލްގެ އެމްޑީ، މުބީން ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުން --- ފޮޓޯ: އާރްއޭސީއެލް


ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށް; ކުރީގެ ރަންވޭ ބަންދުކޮށް އާ ރަންވޭ އަންނަ މަހު ހުޅުވާލަނީ

3 ޖަނަވަރީ 2024 - 12:46 0

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން އަލަށް ހަދާ ރަންވޭގެ 1،200 މީޓަރުގެ މަސައްކަތް ނިންމައި މި މަސްތެރޭގައި އެތަން ބޭނުންކުރަން ފަށާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވެއްޖެ އެވެ.

"އަދަދު" ނޫހާ ވާހަކަ ދައްކަމުން މުބީން ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް ރަނގަޅު ސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި އެއާޕޯޓުގެ އާ ރަންވޭގެ ތެރެއިން 1،200 މީޓަރުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމުމާއި ގާތަށް ގޮސްފައިވާ ކަމަށެވެ. އަދި އެބައިގެެ ފިނިޝިން މަސައްކަތް އެއްްކޮށް ނިންމާލައި ކުރިއަށް އޮތް 25 ހަކަށް ދުވަސްތެރޭ އެ ތަނަށް ބޯޓު ޖެއްސުމުގެ ހުއްދަ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެެވެ.

މިއާއެކު މިހާރު ބޭނުންކުރަމުންދާ ރަންވޭ ބަންދުކޮށް، އެ ރަންވޭ ހިމެނޭގޮތަށް އާ ރަންވޭގެ ބާކީ ބައި ނިންމުމުގެ މަސައްކަތް ފަށާނެ އެވެ. ހަނިމާދޫ އެއާޕޯޓުގައި މިހާރުވެސް ބޭނުންކުރަމުންދަނީ 1،200 މީޓަރުގެ ރަންވޭ އެކެވެ. އާ ރަންވޭ އާއެކު ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށް ނިމޭއިރު ރަންވޭގެ ދިގުމިނުގައި ޖުމްލަ 2،460 މީޓަރު ހުންނާނެ އެވެ.

ބޮޑެތި ބޯޓުތަކަށް ޖެއްސޭވަރަށް ތަރައްގީކުރާ މި ރަންވޭ ތަރައްގީ ކުރަނީ ވަރަށް ރޭވުންތެރި ކަމާއެކު، އެއާޕޯޓް ބަންދު ނުކޮށެވެ. އެގޮތުން، ރަންވޭގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ތިން ސެގްމަންޓަކަށް ބަހާލައިގެން ރަންވޭ އެއްކޮށް ބަންދު ނުކޮށްވާނެ ގޮތެއްގެ މަތިންނެވެ.

އާރްއޭސީއެލްގެ އެމްޑީ، މުބީން ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުން --- ފޮޓޯ: އާރްއޭސީއެލް


"ކުރީގެ ރަންވޭ ބަންދުކުރާނެ. ބަންދުކޮށްފައި އާ ރަންވޭގައި ބޯޓު ޖައްސަން ފަށާނެ ކުރިއަށް މިއޮތް 25 ހަކަށް ދުވަސްތެރޭ އެންމެ ގިނަވެގެން. ދެން މި އިންނަނީ 300 މީޓަރުގެ ބައެއް ރަންވޭގަ. އެބައިގެވެސް އެންމެ މަތީ ފިނިޝިން ލޭޔަރު ފިޔަވައި ތާރު އެޅުމަށް ބޭނުންވާ އެހެން ލޭޔަރުތައް އަޅައި ނިމިފައި މިހާރުވެސް ހުރީ،" މުބީން ވިދާޅުވި އެވެ.

އާރްއޭސީއެލް އިން މައުލޫމާތު ދިންގޮތުގައި، ހަނިމާދޫ އެއާޕޯޓުގެ މުޅި ރަންވޭގެ މަސައްކަތް ނިމޭނީ 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގަ އެވެ. އެއާއެކު 24 ގަޑިއިރު ބޭނުންކުރުމަށް އެ ރަންވޭ ހުޅުވާލެވޭނެ އެވެ.

މުބީން ވިދާޅުވީ އެއާޕޯޓުގެ އެހެން ސެގްމެންޓުތަކުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން އެއާޕޯޓު ޓާމިނަލުގެ ފިނިޝިން އަށް ބޭނުންވާ ތަކެތި އެޕްރޫވް ކުރުމަށް އާރްއޭސީއެލްގެ ޓީމެއް ދާދި ފަހުން އިންޑިއާ އަށް ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ. އެޓީމާއެކު މުބީންވެސް އިންޑިއާ އަށް ވަޑައިގެންނެވި އެވެ.

"ޓާމިނަލުގެ އިންޓީރިއާއަށް ބޭނުންވާ ހުރިހާ އެއްޗެސް އެޕްރޫވްކޮށްފަ މިއައީ ފުރާޅު ފިޔަވާ. ފުރާޅު ހަދަނީ ދުބާއީގައި. ފުރާޅު އެޕްރޫވްކުރަން ޓީމެއް މި މަސްތެރޭ ދާނެ ދުބާއީ އަށް. މި ދަތުރުތަކަށް ހަރަދު ކުރަނީ ކޮންޓްރެކްޓަރުން،" މުބީން ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް މިހާރު ނިމިފައި ހުރި މިންވަރު:

  • އާ ޓާމިނަލްގެ 29.1 ޕަސެންޓް މަސައްކަތް ނިމިފައި
  • މަގުތަކާއި ޕޭމަންޓުގެ 73.7 ޕަސެންޓް މަސައްކަތް ނިމިފައި
  • އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ 42.4 ޕަސެންޓް މަސައްކަތް ނިމިފައި
  • ފްލައިޓް ހޭންގަރުގެ 49.8 ޕަސެންޓް މަސައްކަތް ނިމިފައި
  • ކާގޯ ބްލޮކްގެ 56.4 ޕަސެންޓް މަސައްކަތް ނިމިފައި
  • ޔުޓިލިޓީ ބްލޮކްގެ 57.1 ޕަސެންޓް މަސައްކަތް ނިމިފައި
  • ފިއުލް ފާމް އަދި ފިއުލް ޖެޓީގެ 9 ޕަސެންޓް މަސައްކަތް ނިމިފައި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަކީ މިދިޔަ ސަރުކާރުން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށި ބިޔަ މަސްރޫއެކެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގަ އެވެ.

މި މަޝްރޫއުގެ ދަށުން 2،460 މީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް މިމަޝްރޫއުގެ ތެރެއިން ގާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް އެ އެއާޕޯޓުން ހިދުމަތް ދެވޭނެއެވެ.