28 ޑިސެންބަރު 2023 - 14:25 0
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
28 ޑިސެންބަރު 2023 - 14:25 0
މުދަލުން ޒަކާތް ނެރުމަކީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން ތިންވަނަ ރުކުނެވެ. އަދުގެ ދުނިޔޭގައި ޒަކާތުގެ ނިޒާމަށް އިދާރީ ގޮތުން ހެޔޮ ބަދަލުތަކެއް ގެނެވެމުން އެބަދެ އެވެ. އަދި ޒަމާނީ ފިޤުހީ އުސޫލުގެ އަލީގައި ޒަކާތުގެ ބެހެނިވެރިންގެ މެދުގައި ޒަކާތް ބެހުމުގެ ކަންކަމަށް ވެސް ތަނަވަސް ބަދަލުތަކެއް ގެނެވެމުންދެ އެވެ. ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގައި ޒަކާތު ހައުސްއެއް އުފައްދަވަން ނިންމާވާފަ އެވެ. އެއީ, މި ރުކުނަށް ދައުލަތުން އިތުރު އަހައްމިޔަތުކަން ދެއްވައި ޒަކާތުގެ ނިޒާމު ހަރުދަނާކުރައްވައި މުޅި ގައުމަށް އޭގެ ފައިދާ ވާސިލުވުމަށްޓަކަ އެވެ. މި މަޒްމޫނުގައި އަޅުގަނޑު މި ބަލާލަނީ ޒަކާތު ހައުސް ގާއިމުވެގެންދާއިރު ފަގީރުންނާއި މިސްކީނުންގެ ފިޤުހީ މަފްހޫމާ މެދު ވިސްނުންގެންގުޅޭނެ ގޮތުގައި ފިޤުހީ ތަސައްވުރެކަށެވެ. މިއަށް އެހެނިހެން އިލްމީ ބޭފުޅުންގެ ހިޔާލާއި ރައުޔު ދެއްވުމަކީ ވަރަށް ބޭނުންތެރިކަމެއްކަމުގައި ދެކެމެވެ.
ޝަރުއީ މާނައިގައި ފަގީރަކީ ކާކުކަން ކަނޑައެޅުމުގައި ފިޤުހީ މަޒުހަބުތަކުގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވެ އެވެ.
ހަނަފީ މަޒުހަބުގެ ދަންނަބޭކަލުންގެ ނަޒަރުގައި ފަގީރަކީ އޭނާގެ އަތުގައި ޒަކާތުގެ ނިޞާބަށް ވުރެން ދަށުގައި ފުދުންތެރިކަން ހުރެ އިތުރު އެހީއަށް ބޭނުންވާ މީހާއެވެ. (އިބްނުލްހުމާމް, 2002).
މާލިކީ މަޒުހަބުގެ ފިޤުހުވެރިންގެ ނަޒަރުގައި ފަގީރަކީ އޭނާގެ ޙާޖަތްތައް ފުރިހަމަކުރުމުގައި ފުދުންތެރިކަން ނެތް މީހާއެވެ. (އިބްނުޖައްޒީ, 2000).
ޝާފިޢީ މަޒުހަބުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ ފަގީރަކީ އެއްވެސް ވަރެއްގެ ފުދުންތެރިކަމެއް ނެތް މީހާއެވެ. (އައްޝާފިޢީ, 2001).
ޙަންބަލީ މަޒުހަބުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ ފަގީރަކީ ފުދުންތެރިކަމެއް ނެތްމީހާ ކަމުގަ އެވެ. (އިބުނުމުފްލިޙް, 1997).
ޝަރުއީ ނަޒަރުން ފަގީރަކީ ކާކުކަން ބަޔާންކުރުމުގައި މަޝްހޫރު ހަތަރު މަޒުހަބުގެ ފިޤުހީ ނަޒަރިއްޔާތަށް ބަލާ އިރު މައިގަނޑު ގޮތެއްގައި ހިލާފު އުފެދިފައި ވަނީ ޙަނަފީ މަޒުހަބާއި ޖުމުހޫރުންނާ ދެމެދުގަ އެވެ. ޙަނަފީ މަޒުހަބުގައިވާ ގޮތުން ފަގީރަކީ ޒަކާތުގެ ނިޞާބަށް ވުރެން ފުދުންތެރިކަން ދަށް މީހާ އެވެ. އެހެން މަޒުހަބުތަކުގައި ފަގީރު ކަނޑައެޅުން ނިޞާބާ ގުޅުވައިފައި ނުވެ އެވެ. އެ މަޒުހަބުތަކުގައި ބުރަވެފައިވަނީ ފުދުންތެރިކަން ކުޑަކަމާއި ޙާޖަތްތަކުގެ މައްޗަށެވެ. (ޢަޒްމާން, 2003).
އަޅުގަނޑުގެ ނަޒަރުގައި މިޒަމާނަށް އެންމެ އެކަށީގެންވާ މަފްހޫމަކީ ޖުމުހޫރުން ގެންނަވާފައިވާ މަފްހޫމެވެ. އެއީ ޙާޖަތުގެ މައްޗަށް ބިނާކުރުމެވެ. އެހެންކަމުން ފަގީރަކީ ކެއުންބުއިމާއި ފޭރާމާއި އުޅޭނެ ތަނާއި ދިރިއުޅުމަށް ބޭނުންވާ އެހެނިހެން ޒަރޫރީ ކަންކަމުގައި އޭނާއާއި އޭނާގެ ބަލަދުވެރިކަމުގެ ދަށުގައިވާ ފަރާތްތައް އިތުރު ފުދުންތެރިކަމަށް ބޭނުންޖެހިފައިވާ މީހާ އެވެ. އަޅުގަނޑު ދެކެނީ މި ޒަމާނުގައި ޝަރުޢީ ގޮތުން ފަގީރުންގެ މަފްހޫމު ބަޔާންކުރުމުގައި އާދަކާދަތަކާއި ޙާލަތާއި ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކަށް ރިޢާޔަތްކުރެވެން ޖެހޭނެ ކަމުގަ އެވެ.
ފަގީރުންގެ މަފްހޫމަކީ ކޮބައި ކަމާ މެދު ފިޤުހީ މަޒުހަބުތަކުގެ މެދުގައި ބަހުސްކުރެވިފައިވާ ފަދައިން މިސްކީނުގެ މަފްހޫމާ މެދުގައި ވެސް އިލްމުވެރިން ބަހުސްކުރައްވައިފައިވެ އެވެ.
ޙަނަފީ މަޒުހަބުގެ ފިޤުހުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި މިސްކީނަކީ އޭނާގެ އަތުގައި އެއްވެސް އެއްޗެއް ނެތިގެން ކެއުން ބުއިމަށާއި އޮރިޔާން ނިވާކުރާނެ ފޭރާމަށް ބޭނުން ޖެހި ސަލާން ޖަހާ ޙާލަތުގައި ހުރި މީހާއެވެ. (އިބްނުލްހުމާމް, 2002).
މާލިކީ މަޒުހަބުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ މިސްކީނަކީ ފަގީރަށް ވުރެން ވެސް ބޮޑަށް ޙާލުގައި ޖެހިފައިވާ މީހާކަމުގައެވެ. (އިބްނުޖައްޒީ, 2000). ޝާފިޢީ މަޒުހަބުގެ އިލްމުވެރިން ދެކެވަޑައިގަންނަވަނީ މިސްކީނަކީ ކޮންމެވެސް ވަރަކަށް އޭނާގެ އަތުގައި ފުދުން ތެރިކަން ހުރެމެ އިތުރު އެހީއަށް ބޭނުންވާ މީހާ ކަމުގަ އެވެ. (އައްޝާފިޢީ, 2001).
ޙަންބަލީ މަޒުހަބުގެ އިލްމުވެރިން ދެކެވަޑައިގަންވަނީ މިސްކީނަކީ އޭނާގެ ގިނަ ޙާޖަތްތައް ފުއްދޭވަރުގެ ފުދުންތެރިކަން ހުރި މީހާ ކަމުގައި އެވެ. (އަލްމަރްދާވީ, 1997).
އަލްއިމާމު އިބުނު ރުޝްދު ވިދާޅުވެފައިވެ އެވެ. ފަގީރުންނާއި މިސްކީނުންނަކީ ކޮބައިކަމާއި އެ ދެ އިސްތިލާހުގެ ތަފާތަކީ ކޮބައިކަމާ މެދު އިލްމުވެރިން އިޚްތިލާފުވެ ވަޑައިގެންފައިވެ އެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ފަގީރަކީ މިސްކީނަށް ވުރެން ފުދުންތެރިކަމުގެ ހާލަތު ރަނގަޅު މީހާ އެވެ. މިއީ މާލިކީ މަޒުހަބުގެ އިލްމުވެރިން ކުރެ ބަޣުދާދުގެ ދަންނަބޭކަލުން ދެކެވަޑައިގަންނަވާ ގޮތެވެ. އަނެއް ބަޔަކު ދެކެވަޑައިގަންނަވަނީ މިސްކީނަކީ ފަގީރަކަށް ވުރެން ފުދުންތެރިކަމުގެ ހާލަތު ރަނގަޅު މީހާ ކަމުގަ އެވެ. މިއީ އިމާމު އަބޫޙަނީފާއާއި އެކަލޭގެފާނުގެ އަސްހާބުންގެ ރައުޔެވެ. އަދި މިއީ އިމާމުއްޝާފިޢީގެ ވެސް އެއް ރައުޔެވެ. އިމާމުއްޝާފިޢީގެ އެހެން ރިވާޔަތެއްގައި ވާ ގޮތުން ފަގީރާއި މިސްކީނަކީ އެއް މާނައެއް ދޭހަވާ ދެ ލަފުޒެވެ. އެއީ އިބުލްޤާސިމުގެ ރައުޔެވެ. އެއީ ލުޣަވީ ނަޒަރިއްޔާއެކެވެ. ޝަރުއީ ދަލާލަތެއް އޮތް ކަމެއް ނޫނެވެ. (އިބްނުރުޝްދު, 1995). އިސްވެ ދިޔަ ވާހަކަތަކުން ދޭހަވަނީ މިސްކީނުންނަކީ ކޮންމެވެސް ވަރެއްގެ ފުދުންތެރިކަމެއް ހުއްޓަސް ދިރިއުޅުމުގެ ޒަރޫރީ ކަންކަމުގައި އިތުރު އެހީތެރިކަން ބޭނުންވާ ބައެއް ކަމުގައެވެ. އެހެންކަމުން މައިގަނޑު ގޮތެއްގައި ރިޢާޔަތްކުރެވިފައިވަނީ "ޙާޖަތަށެވެ." ބޭނުންޖެހިފައިވާ މިންވަރަށެވެ.
ފަގީރުންނާއި މިސްކީނުންނަށް ޒަކާތް ހައްގުވުމުގެ ޝަރުތުތަކެއް ލައްވައިފައިވެ އެވެ. އޭގެ ތެރޭގައި އިސްލާމުން ކަމުގައި ވުމާއި (އައްޒުޙައިލީ, 2001) ހާޝިމްފާނު (ޢަބްދުލްމުއްޠަލިބްގެ ދަރިފަސްކޮޅު) ވަންހައިގެ ބަޔަކު ކަމުގައި ނުވުން ހިމެނެ އެވެ. (އެއީ ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޢާއިލާގެ މެންބަރުންނެވެ.) އެބޭކަލުންނަކީ ހަނގުރާމައިން ލިބޭ މުދަލުގެ ފަސްބައިކުޅަ އެއްބައި ހައްގުވާ ބަޔަކަށްވުމާ އެކު ޒަކާތުގެ މުދަލުން އެބޭކަލުންނަށް ދިނުން ޖާއިޒު ވެގެނެއް ނުވެ އެވެ. (އަލްކާސާނީ, 2004)
މީގެ އިތުރުން މައިންބަފައިންނާއި ދަރިންނާއި އަނބިންނަށް ޒަކާތު ފައިސާ ނެރޭ މީހާ އަމިއްލަ އަށް އެ ފައިސާއިން ދިނުން ހުއްދަ ނޫން ކަމުގައިވެ އެވެ. އެ މީހުންގެ މައްޗަށް ހަރަދުކުރުމަކީ ދަރިން ނުވަތަ ފިރިމީހާގެ މައްޗަށް ޝަރުއީ ގޮތުން ވާޖިބުވެގެންވާ ކަމެކެވެ. މައިންބަފައިންނާއި ދަރިންނާއި އަނބިން ފިޔަވައި ގާތް ތިމާގެ މީހުންގެ ތެރޭގައި ތިބި އެހެން ފަގީރުންނަށް ތިމާގެ ޒަކާތުގެ ފައިސާއިން ހަރަދު ކުރުމަކީ ޖާއިޒު ކަމެކެވެ. އަސްލަކީ ޒަކާތު ފައިސާ ދައުލަތާ ހަވާލު ކުރުމެވެ. ޒަކާތް ބެހުމުގެ ކަންކަން ގެންދިއުމަކީ ދައުލަތުގެ ވާޖިކެވެ. ބައެއް ގައުމުތަކުގައި ވަކި މިންވަރެއް އަމިއްލައަށް ބަހަން ގާނޫނުގެ ދަށުން ހުއްދަ ދީފައިވެ އެވެ. (ވަހްބަތުއްޒުޙައިލީ, 1998)
ފަގީރުންގެ ތެރޭގައި ތިބި އަމިއްލައަށް މަސައްކަތްކުރުމުގެ ކުޅަދާކަމާއި ހުނަރު ލިބިފައިވާ މީހުންގެ މައްޗަށް އައުލާވެގެން ވަނީ ދިރިއުޅުމަށް ޓަކައި މަސައްކަތްކުރުމެވެ. ދިރިއުޅުމަށް ޓަކައި އަމިއްލަ މަސައްކަތުން ހޯދާ އެއްޗެއްގައި ﷲ ބަރަކާތް ލައްވައެވެ. ގައިގައި ވަރު ހުރެމެ، މަސައްކަތްކުރުމުގެ ކުޅަދާނަކަން ހުންނަ މީހުންނަށް އެއީ ފަގީރުން ކަމުގައި ވިޔަސް ޒަކާތުން ދިނުމަކީ އިލްމުވެރިން ހުއްދަ ނުކުރާ ކަމެކެވެ. މި ގޮތަށް ހުއްދަ ނޫނީ ފަގީރުންނާއި މިސްކީނުންގެ ބައިން އެކަންޏެވެ. އެހެން ބައިތަކުން އެފަދަ މީހުންނަށް ދިނުން ހުއްދަވެގެންވެއެވެ.
ފަގީރުންނާއި މިސްކީނުންނަށް ޒަކާތުން ހައްގުވާ މިންވަރާ މެދު ވެސް ދަންނަބޭކަލުންގެ މެދުގައި ހިލާފު އުފެދިފައިވެ އެވެ. ބައެއް ބޭކަލުން ވިދާޅުވަނީ އެއް ދުވަހާއި ރެއެއްގެ ކަންކަން ހަމަޖެއްސޭ ވަރު ދިނުމަށެވެ. އަނެއް ބަޔަކު ވިދާޅުވަނީ ޙާޖަތްތައް ފުދޭ މިންވަރަށެވެ. އަނެއް ބަޔަކު ވިދާޅުވަނީ ފަންސާސް ދިރުހަމެވެ. ނުވަތަ އޭގެ އަގާ އެއްވަރަށް ދީނާރެވެ. އަނެއް ބަޔަކު ވިދާޅުވަނީ ދިރިއުޅުމަށް ޓަކައި މުޅި އުމުރުގައި ވެސް ބޭނުންކުރެވޭ ފަދަ ވަސީލަތެއް ގަނެވޭ ވަރަށެވެ. އަނެއް ބަޔަކު ވިދާޅުވަނީ ޒަކާތުގެ ނިޞާބުގެ މިންވަރު ކަމުގަވެ. އުމަރުގެފާނު ވިދާޅުވެފައިވެ އެވެ. ޒަކާތުން ދޭ އިރު އެއުރެން ތަނަވަސްވާ މިންވަރަށް ދޭށެވެ. (އަލްޤަރަޟާވީ ޔ. ބ., 2007). މި ހުރިހައި ރައުޔެއްގެ މައްޗަށް ބުރަވުމުން އަންނަނިވިކަންކަން ފާހަގަވެ އެވެ. (ޢަބްދުއްލަޠީފު, 2007).
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން 2009 ގައި ނެރުއްވާފައިވާ ސާކިއުލާގައި ބަޔާންވެގެންވާ ގޮތުން ފަގީރަކީ ޒަރޫރީ ޙާޖަތްތައް ފުއްދޭ ވަރަށް އޭނާގެ ކިބައިގައި ފުދުންތެރިކަން ނެތް މީހާއެވެ. އަދި މިސްކީނަކީ ކޮންމެވެސް ވަރަކަށް ފުދުންތެރިކަން ހުއްޓަސް އެއިން ޒަރޫރީ ޙާޖަތްތައް ނުފުއްދޭ މީހާ އެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަމަލުކުރައްވާ ރައުޔަކީ އިލްމުވެރިންގެ މެދުގައި ފަގީރުންނާއި މިސްކީނުން މާނަ ކުރުމުގައި އުފެދިފައިވާ ޚިލާފުތަކުގެ ތެއިން އިހުތިޔާރު ކުރެވިފައިވާ ހަރުދަނާ ރައުޔެއް ކަމުގައި ދެކެމެވެ. ފަގީރުންނާއި މިސްކީނުންގެ މަފްހޫމު ޖުމްހޫރު އިލްމުވެރިންގެ ނަޒަރުގައި ބިނާވެގެން ވަނީ ޙާޖަތުގެ މައްޗަށެވެ. މިނިސްޓްރީގެ ރައުޔުގައި މި ދެންނެވި ޙާޖަތަށް ރިއާޔަތް ކުރައްވައިފައިވެ އެވެ.
ޙާޖަތުގެ މައްޗަށް ބިނާކުރައްވައިގެން ފަގީރުންނާއި މިސްކީނުންގެ ބައިގެ ދަށުގައި ރާއްޖޭގެ ގިނަ ބަޔަކު ތަރުތީބު ކުރައްވައިފައިވެ އެވެ. 1987 ގައި ރައީސުލްޖުމޫރިއްޔާގެ އޮފީހުން ނެރުއްވައިފައިވާ (އިސްލާމްދީނުގައި ޒަކާތް) މި ފޮތުގައި ބަޔާންވެގެންވާ ގޮތުގައި ފަގީރުންނާއި މިސްކީނުންގެ ތެރޭގައި ޔަތީމުންނާއި ފިރިމަރުވެފައިވާ މީހުންނާއި އަޅާލާނެ މީހެއް ނެތް އުމުރުން ދުވަސްވީ މީހުންނާއި އެކިއެކި އުޒުރު މެދުވެރިވެފައިވާ މީހުންނާއި ބަލިމީހުންނާއި ޟަރޫރީ ޙާޖަތްތައް ނުފުއްދި ތިބި މީހުންނާއި ކިޔަވާ ކުދިންނާއި ވަޒީފާއިން ވަކިކޮށްފައިވާ މީހުންނާއި ޖަލަށްލެވިފައިވާ މީހުންގެ އާއިލާތަކާއި ގެއްލިފައިވާ މީހުންގެ ޢާއިލާތައް ހިމަނުއްވައިފައިވެ އެވެ. (ޢަބްދުލްޤައްޔޫމް, 1987) މި އެންމެންނަކީ ފަގީރުންނާއި މިސްކީނުންގެ ބާބުގެ ދަށުން ދިވެހިރާއްޖޭގައި ޒަކާތް ހައްގުވާ މީހުންގެ ގޮތުގައި ބެލޭވޭ މީހުންނެވެ.
އިސްވެ ބަޔާންވެ ދިޔަ ފަރާތްތައް ފަގީރުންނާއި މިސްކީނުންގެ ބައިގައި ރާއްޖެއިން ހިމަނާފައިވަނީ ފިޤުހުވެރިންގެ މެދުގައި އުފެދިފައިވާ ބަހުޘްގެ މައްޗަށް ބިނާކޮށް ޙާޖަތަށް ބަލައިގެންނެވެ. މިއީ ވަރަށް ވެސް ފުރިހަމަ އިޖުތިހާދެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އިސްވެ ދެންނެވި ފަރާތްތައް ފަގީރުންނާއި މިސްކީނުންގެ ބައިގައި ހިމަނައިފައިވީ ނަމަވެސް އެއިން ކޮންމެ ބަޔަކަށް ޒަކާތުން ފައިސާ ދެވެނީ ވަކި ކަހަލަ ޝަރުޠުތަކާ އެކުގައި ކަން ވެސް ބަޔާންވެގެން ވެއެވެ. ޚާއްޞަ ކޮށް ޒަކާތުގެ ފައިސާއިން ތަޢުލީމު ދިނުމަށާއި ސްކޫލު މަދުރަސާތަކުގެ ކުދިންގެ ތެރޭގައި އުޅުނު ދަތި ޙާލުގައި އުޅުނު ކުދިންނަށް ފޮތް ފަންސުރު ގަނެދިނުމަށް ޓަކައި ޚަރަދު ކޮށްފައިވާކަން ރާއްޖޭގެ ތާރީޚުން ފެންނަން އެބަ އޮތެވެ. 2008 - 2018 ގައި ގެނެވުނު ބަދަލުތަކުގެ ތެރޭގައި ފީސަބީލިﷲ ބައި ފުޅާކޮށް ފަގީރުންނާއި މިސްކީނުންގެ މަފްހޫމު ތަނަވަސްކޮށް މުއައްލަފަތުލްޤުލޫބް ބަޔަށް ޢަމަލު ކުރަން ފެށުނެވެ. ނަތީޖާއަކީ ގިނަ ކަންކަންކަމަށް ޚަރަދު ކުރެވުމެވެ. މި ގޮތުން ފަގީރުންގެ މަތީ ތައުލީމަށް ވެސް ފަންޑު ކުރަން ފެށުމާއި ﷲގެ މަގުގައި ކުރެވޭ ގިނަ ކަންކަމަށް ހޭދަކުރުމާއި ފަގީރުންގެ ބޮޑެތި ބަލިތަކުގެ ފަރުވާއަށް ވެސް ފަންޑު ކުރަން ފެށުނެވެ. އަދި ޙާޖަތަށް ބަލައި ބޯން މެރޯ ހެދުމުގެ ޒަރޫރަތަށް ބޭނުން ޖެހިފައި ތިބި، އެ ކަމަށް މާލީ ގޮތުން ކުޅަދާނަކަމެއް ނެތް ފަރާތްތަކަށް ވެސް ފަންޑު ކުރެވުނެވެ.
އިސްލާމްދީނަކީ ހުރިހައި ޒަމާނަކަށް ފެތޭ ގޮތަށް ބާވައިލައްވައިފައިވާ ދީނެކެވެ. ފަގީރުންނާއި މިސްކީނުންގެ ޙާޖަތްތައް ހުރިހައި ޒަމާނެއްގައި ފުއްދައި ދެވޭނެ ފަދަ އުސޫލުތަކެއްގެ މައްޗަށް ގާއިމުވެގެންވާ ދީނެވެ. ފަގީރުންނާއި މިސްކީނުންގެ ޝަރުއީ މަފްހޫމާ މެދު ދަންނަބޭކަލުންގެ ރައުޔުތަކާއި ދިވެހިރާއްޖޭގައި އަމަލު ކުރަމުން އަންނަ ގޮތާއި ކަންކަން ދިރާސާ ކުރުމަށް ފަހު، ކަމާގުޅޭ އެކި ކަންކަމަށް ނަޒަރު ހިންގައި އަންނަނިވި ގޮތަށް ފަގީރުންނާއި މިސްކީނުންގެ ބައިން ހަރަދު ކުރެވިދާނެ ކަމަށް އަޅުގަނޑު ދެކެމެވެ. އަޅުގަނޑުގެ ވިސްނުން ބިނާކޮށްފައިވަނީ ދުނިޔޭގެ މިއަދުގެ ހާލަތާއި ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާއި ފަގީރުންނާއި މިސްކީނުންގެ ޙާޖަތްތަކަށް ރިޢާޔަތްކޮށް ދާއިރާގެ އިލްމުވެރިން ހުށައަޅުއްވާފައިވާ ތަފާތު ހުށައެޅުއުންތަކުގެ އިތުރުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އިންޓަނޭޝަނަލް އިސްލާމިކް ފިގުހު އެކަޑަމީން ޒަކާތުގެ ކަންކަމާބެހޭ ގޮތުން 2007 ވަނަ އަހަރުގައި ނެރުއްވައިފައިވާ (ފިޤްހުއެކަޑަމީ, 2007) ގަރާރާއި ހަމަ އެ އެކެޑަމީން 1986 ގައި ނެރެފައިވާ ގަރާރާއި (ފިގުހު އެކަޑަމީ, 1986) އާއި މިސްރުގެ ދާރުލްއިފްތާއު ގެ ނިންމުންތަކާއި އެކިއެކި އިލްމީ މަޖްމައުތަކުގެ ނިންމުންތަކުގެ މައްޗަށެވެ.
1. ފަގީރުންނާއި މިސްކީނުންނަށް ބޯހިޔާވަހިކަން ދިނުމަށް ޓަކައި ފަންޑުކުރުން: ރާއްޖޭގައި ނަމަ ސޯޝަލް ހައުސިން ފަދަ މަޝުރޫއުތަކަށް ހިލޭ ފަގީރުންނަށް، ހާއްސަކޮށް ފަންޑު ކުރެވިދާނެ އެވެ. ނުވަތަ އެ ކަމަށް ދައްކަން ޖެހޭ ޑައުންޕޭމަންޓް އެފަދަ ފަރާތްތަކަށް ދައްކައި ދެވިދާނެ އެވެ. އެކަމަކު، މި ކަމުގައި ފަގީރުންނާއި މިސްކީނުން ކަނޑައަޅާނެ ހަރުދަނާ އުސޫލެއް ހަދަން ވާނެ އެވެ. ފުދުންތެރިކަން ހުއްޓަސް މިފަދަ ކަމެއްގައި އެހީތެރިކަން ބޭނުންވާ ފަގީރުންނާއި މިސްކީނުން ތިބެ އެވެ. މި ގޮތަށް އެފަދަ ފަރާތްތަކަށް އެހީތެރިކަން ދެވިއްޖެ ނަމަ ރިބަވީ މުއާމަލާތްތަކުން ވެސް ފަގީރުންނާއި މިސްކީނުން ސަލާމަތް ކޮށްދެވިދާނެ އެވެ. ފަގީރުންގެ ޙާޖަތްތަކާ މެދު ޒަމާނާ އެއްގޮތަށް އަމަލު ކުރެވެން ޖެހެ އެވެ. ހިޔާވަހި ކަމަކީ އިންސާނީ އަސާސީ ހައްގެކެވެ. އަމިއްލަ ހިޔާވަހިކަމެއް ނެތް ފަގީރު މީހާއަށް އެ ކަމުގައި އެހީވުމަކީ މުހިންމު ކަމެކެވެ. ޒަކާތު ފަންޑުންކޮންމެ އަހަރަކު ފަގީރުންނަށް ކަނޑައަޅާ ނިސްބަތް އެއީ މިސާލަކަށް ދިހަ މިލިޔަން ރުފިޔާގައިވާ ނަމަ އެ ދިހަ މިލިއަން ތަފާތު ދާއިރާތަކަށް ބެހައިލެވިދާނެއެވެ. މި ގޮތުން ފަގީރުންގެ މަތީ ތަޢުލީމަށާއި ޙައްޖަށް ފޮނުވުމަށާއި ބޭސް ފަރުވާކުރުމަށާއި، ފަގީރުންގެ ހިޔާ ވަހިކަމަށާއި، ފަގީރުންގެ ފުދުންތެރިކަން ރަނގަޅުކުރަން ހިންގޭ އެކި މަޝްރޫއުތަކަށް މާލީ ގޮތުން އެހީތެރިވުން ފަދަ ކަންކަމަށް އެ ނިސްބަތް ބަހައިލެވިދާނެއެވެ.
2. ފަގީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް ހަރަދުކުރުން: ކިޑްނީ ފެއިލްވެފައިވާ ފަގީރުންގެ ކިޑްނީ ޓްރާންސް ޕްލާންޓް ކުރުން ފަދަ ކަންކަމަށް ފަނޑު ކުރެވިދާނެއެވެ.
3. ޒުވާނުންގެ ތެރޭގައި ތިބި ފަގީރުންނާއި މިސްކީނުން ކައިވެނިކޮށްދޭން ހަރަދުކުރުން: ޒުވާނުންގެ ތެރޭގައި ނިކަމެތި ޒުވާނުން އުޅެއެވެ. ފައިސާ ނެތިގެން ކައިވެނި ނުކުރެވޭ ޒުވާނުން އުޅެއެވެ. އެފަދަ ފަރާތްތަކަށް އެހީތެރިކަން ދެވިދާނެއެވެ.
4. ފެންވަރު ރަނގަޅު ސްކޫލްތަކުގައި ފަގީރުންގެ ދަރިންނަށް ކިޔަވައިދީ؛ މަތީ ދަރަޖަ ހޯދާ ކުދިންނަށް މަތީ ތަޢުލީމު ދޭން ޚަރަދު ކުރުން.
5. ފަގީރުންނާއި މިސްކީނުންނަށް ހުނަރުވެރިކަން ދަސްކޮށްދޭ މުއައްސަސާތައް އުފެއްދުން.
6. ފަގީރުންނާއި މިސްކީނުންނަށް ވިޔަފާރި ފަށައި ދިނުމަށް ޓަކައި މާލީ ގޮތުން އެހީތެރިކަން ދިނުން.
7. ފަގީރުންނާއި މިސްކީނުންނާއި އެ މީހުންގެ ބަލަދުވެރިކަމުގެ ދަށުގައިވާ ފަރާތްތަކަށް ފުދޭމިންވަރުކަމަށް ކަމާ ބެހޭ ފަރާތްތަކަށް ފެންނަ މިންވަރެއް ޒަކާތުން ދިނުން.
8. ފަގީރުންގެ ތެރޭގައި ތިބި އެކިއެކި ހުނަރުވެރިންނަށް ވަސީލަތްތައް ގަނެދިނުން. (މިސާލަކަށް: ފަހަން ދަންނަ މީހަކަށް ފަހާފޮށި ގަނެދިނުމާއި ވިޔަފާރި ކުރުމުގެ ތަޖުރިބާ ހުރި މީހަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާއި) މި ބާވަތުގެ ކަންކަން ކޮށްދެވިދާނެ އެވެ. އެއީ ފަގީރުކަމުން ތަނަވަސްކަމުގެ ތެރެއަށް ގެނައުމަށް ޓަކައެވެ.
9. ވުނަކުރުން: ފަގީރުންނާއި މިސްކީނުންގެ ޟަރުރީ ޙާޖަތްތައް ފުއްދުމަށް ފަހު، ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުން ފަގީރުންނާއި މިސްކީނުންގެ މަސްލަހަތަށް ޓަކައި މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ފަދަ އުސޫލުތަކާއެކު ޒަކާތުގެ ފައިސާއިން އިސްލާމީ ޝަރީއާ ހުއްދަކުރާ ކަންކަމަށް ވުނަކުރުން. 10. ވުނައަކާ ނުލައި ފަގީރުންނާއި މިސްކީނުންނަށް ލޯނު ލިބޭނެ ގޮތްތައް ހަމަޖެއްސުން.
އިތުރު ހިޔާލު - މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިސްނަގައިގެން ކޮންމެ އަހަރަކު ޒަކާތާ ބެހޭ މަހާސިންތާއެއް ބޭއްވުން.
- އިސްލާމީ ކުއްލިއްޔާތަކުގެ މުޤައްރަރުތަކުގައި ޒަކާތުގެ ނިޒާމު ޒަމާނުގެ އުޞޫލުތަކާ އެއް ގޮތަށް ކިޔަވައި ދިނުން.
- ޒަކާތް ދެއްކުމުގެ މުހިންމު ކަމާ ބެހޭ ގޮތުން ޚުޠުބާތައް އިތުރުކުރުމާއި ކުންފުނިތަކުން ޒަކާތް ނެރޭނެ ގޮތް ކިޔައި ދިނުމާއި ޓީވީ ރޭޑިއޯ ޕްރޮގްރާމްތަކުގައި ޒަކާތުގެ މައުޟޫއަށް މުހިންމުކަން ދިނުން.
މިއީ މިސަރުކާރުން ތައާރަފުކުރާ ޒަކާތު ހައުސްގެ ތަސައްވުރާ ގުޅޭ ގޮތުން، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ލިޔުއްވާފައިވާ ލިޔުމެކެވެ. ޝަހީމްއަކީ ދީނީ، އަދި އިލްމީ ދާއިރާތަކުން ގިނަ ލިޔުއްވުންތަކާއި ފޮތްތައް ޝާއިއުކުރައްވާފައިވާ ބޭފުޅެކެވެ.
Comment