28 ޑިސެންބަރު 2023 - 06:39 0
މުހައްމަދު ޝަހްޒާން
28 ޑިސެންބަރު 2023 - 06:39 0
ހަރަމްފުޅު ހިމެނޭހެން އަޅުކަން ކުރާ ތަންތަނަށް ދަތުރުފަތުރު ކުރުމަށް ލުއިފަސޭހަ ގޮތެއް ހޯދައިދިނުމުގެ ގޮތުން މައްކާގައި އިލެކްޓްރިކް ސްކޫޓަރާއި ބައިސްކަލު ބޭނުން ކުރުމުގެ ހުއްދަ ދިނުމަށް ނިންމައި އެކަމަށް މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތް ސައުދީ އަރަބިއްޔާގެ ސަރުކާރުން ފަށައިފި އެވެ.
އެ ނިންމުމުގެ ދަށުން މައްކާގައި ހިނގާބިނގާވެ އުޅެން ހާއްސަ ކޮށްފައި އޮންނަ ސަރަހައްދުތަކުގަ އާއި ހޮޓާތަކާއި މީހުން ދިރިއުޅޭ އިމާރާތްތައް ހުންނަ ސަރަހައްދުތަކުގެ އިތުރުން ޕާކު ކުރުމަށް ހާއްސަ ސަރަހައްދުތަކާއި އަރަފާތު ބިމުގައި ހުންނަ އައްރަހުމާ ފަރުބަދަ ކައިރީގަ އާއި އުއްމުލްގުރާ ޔުނިވާސިޓީގައި ސްކޫޓަރާއި ބައިސްކަލް ދުއްވޭނެ އެވެ.
މައްކާގެ ރޯޔަލް ކޮމިޝަނުން އިސް ނަގައިގެން ކުރާ އެ މަސައްކަތައް އެއްބާރުލުން ދިނުމުގެ ގޮތުން އުއްމުލްގުރާ ޔުނިވާސިޓީން ވަނީ އެ ޔުނިވާސިޓީގެ ހަތަރު ސަރަހައްދެއްގައި 30 ސްކޫޓަރު ބަހައްޓައިފަ އެވެ. އޭގެ އިތުރުން އެކަމުގައި ބައިވެރިވާ ފަރާތްތަކަށް އެ ޔުނިވާސިޓީން ވަނީ 70 ސްކޫޓަރު ހަދިޔާ ކޮށްފަ އެވެ.
އެ މަސައްކަތުގެ ބައިވެރިންގެ ގޮތުގައި އުއްމުލްގުރާ ޔުނިވާސިޓީއާއި ކިދާނާ ޑިވެލޮޕްމަންޓު ކޮމްޕެނީގެ އިތުރުން ސައުދީގެ ޓްރާންސްޕޯޓު ޖެނެރަލް އޮތޯރިޓީން ބައިވެެރިވެ އެވެ.
މި ނިންމުމާއެކު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން މައްކާއަށް ދާ ފަރާތްތަކަށް އަޅުކަން ކުރާ ތަންތަނަށް ގޮސްއަިއސް އުޅެން ކުރިއަށްވުރެ ފަސޭހަވެގެންދާނެ ކަމަށް ސައުދީ އިދާރާތަކާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. މި ބަދަލުތަކާއެކު މައްކާއަކީ ސްމާޓް ސިޓީއަކަށް ބަދަލުވެގެންދާނެ ކަމަށް އެ މީޑިއާތަކުން ބުނެ އެވެ.
އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން ބަލި މީހުންނަށް މިހާރުވެސް ހަރަމްފުޅުގެ ތެރޭގައި އިލެކްޓްރިކް ސްކޫޓަރުގައި ތަވާފް ކުރެވެ އެވެ. ނަމަވެސް މީގެ ކުރިން އެ ފަރާތްތަކުން ހަރަމްފުޅަށް ދިޔުމަކީ ނުވަތަ ގެންދިއުމަކީ ތަކުލީފުތަކެއް އުފުލަންޖެހޭ ކަމެކެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment