27 ޑިސެންބަރު 2023 - 17:03 0
މުހައްމަދު ޝަހްޒާން
27 ޑިސެންބަރު 2023 - 17:03 0
ޓާމިނަލް ކެފޭގެ ތެރެއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ އިބްރާހިމީހިޔާ، ނަދީމް އިބްރާހިމް (ނަޑޭ) މަރައިލި މައްސަލާގައި ތުހުމަތުވާ މީހުންގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި މީހުން ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރަން ޕީޖީ އޮފީހުން ނިންމައިފި އެވެ.
ނަދީމް މަރާލި މައްސަލާގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދައުވާ އުފުލީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށެވެ. އޭގެ އިތުރުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ރ. އިންނަމާދޫ، ސަމަންތާ، ހުސައިން ޝާމިން އާއި ގއ. ގެމަނަފުށި، ހަވާސް، މުހައްމަދު ކަރަމް ސުހައިލް އަދި ލ. ގަން، ވިދާތަރި، އަލީ ނިފާޒުގެ މައްޗަށް އުފުލި އެވެ.
އެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނޮވެމްބަރު 14, 2022 ގައި ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ. ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން, ދައުލަތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. ދައުލަތުން އެދެނީ އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން އެ މީހުން ބަންދު ކޮށްދިނުމުގެ އަމުރަކަށެވެ.
ހައި ކޯޓުން އިއްޔެ ނިންމީ ދައުވާ ކުރާ މީހުންގެ އޭގެ ތެރެއިން އަލީ ނިފާޒް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށެވެ. އޭގެ ތެރޭގައި ހިމެނޭ މަރުގެ ދައުވާ އުފުލާފައިވާ މަފާޒު ބަންދު ކުރަން ނުނިންމީ، އެހެން މައްސަލައެއްގައި އޭނާ މިހާރު ވެސް ބަންދެއްގައި ހުރުމުން ކަމަށް ހައި ކޯޓުގެ ނިންމުމުގައިވެ އެވެ.
ދެން ހިމެނޭ ޝާމިން އަދި ކަރަމް ސުހައިލް ބަންދު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމި އެވެ. އެ ގޮތަށް ނިންމުމުގައި ކޮންމެ މީހެއްގެ މައްޗަށް ކުރާ ތުހުމަތާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކުގެ ނިސްބަތާއި ކުށުގެ ރެކޯޑަށް ވަކިވަކިން ބަލާފައިވާނެ ކަމަށް ހައި ކޯޓުގެ ނިންމުމުގައިވެ އެވެ.
އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރާނެކަން ޕީޖީ އޮފީހުން ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދީފަ އެވެ.
ޓާމިނަލް ކެފޭ ތެރޭގައި ނަދީމް އިންދައި، މޫނު ނިވާކޮށްގެން ވަން ބަޔަކު އޭނާގެ ބޮލަށް ވަޅިން ހަމަލާދިނީ ޖުލައި 27، 2017 ވަނަ ދުވަހުގެ އިރުއޮއްސި 6:30 ހާއިރު އެވެ. އޭނާ މަރުވީ އޭގެ ދެ ދުވަސް ފަހުން އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
ކާކުކަން ނޭނގޭ ގޮތަށް މޫނު ނިވާކޮށްގެން ހިންގި ކުށަކަށް ވާއިރު، އެ މީހުންގެ މޫނު ފެނުނު ކަމަށް ހެކިބަސް ދިނީ ދައުލަތުން ހުށަހެޅި އެންމެ ދެ ހެކިންނެވެ. ސިއްރު ހެކިންގެ ގޮތުގައި ނެގި އެ ދެ ހެކިން ވަނީ ފަހުން އެ މީހުންގެ ހެކިބަސް އަނބުރާ ގެންދިޔުމަށް އެދި ޝަރީއަތަށް ސިޓީއެއް ފޮނުވައިފަ އެވެ.
ކްރިމިނަލް ކޯޓުގައި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅީ އެ ކަމުގެ މައްޗަށް ބިނާކޮށްފަ އެވެ.
Comment