Advertisement

ކާމިޔާބީގެ ޝުކުރު ހިރިލަންދޫ އަށް އަދާކޮށް ސިޓީން ދިނީ މެސެޖެއް

27 ޑިސެންބަރު 2023 - 15:54 2

އަތޫފް އާތިފް

އަތޫފް އާތިފް

ސިޓީ ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ރޭގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ކާމިޔާބީގެ ޝުކުރު ހިރިލަންދޫ އަށް އަދާކޮށް ސިޓީން ދިނީ މެސެޖެއް

27 ޑިސެންބަރު 2023 - 15:54 2

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން، ސިޓީ ސްޕޯޓްސް ކްލަބުން ހޯދިއިރު، ޓީމުގައި މެޖޯރިޓީ ކުޅުންތެރިން ނިސްބަތްވަނީ ތ. ހިރިލަންދޫ އަށް ކަމަށްވާތީ، އެ ރަށަށް ޝުކުރު އަދާކޮށް، ސިޓީން މެސެޖެއް ދީފި އެވެ.

ކުލަބް ވެމްކޯ، ސީދާ ތިން ސެޓޫން ބަލިކޮށް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަންކަން މުޅިން އަލަށް ވާދަކޮށް ހޯދުމަށްފަހު ސިޓީ މި ހޯދީ ތާރީހީ ކާމިޔާބެކެވެ. މިއީ މި ފަހުން، ގައުމީ ލެވަލްގެ މުބާރާތެއްގައި ގައުމީ ޓީމަށް ނިސްބަތްވާ ކުޅުންތެރިން މަދުކޮށް ތިބި ޓީމަކުން ހޯދި އެންމެ ތަފާތު އެއް ކާމިޔާބެވެ.

ޕްރިލިމިނަރީ ބުރުން ފެށިގެން މުބާރާތުގެ ޗެމްޕިއަންކަމާ ހަމައަށް ކުރި ދަތުރުގައި ސިޓީ ބަލިވީ އެންމެ މެޗަކުންނެވެ. އެއީ، ޕްރިލިމިނަރީ ބުރުގެ ގްރޫޕް ސްޓޭޖުގައި އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބް (އާއި ސްޕޯޓްސް ކްލަބް) އަތުންނެވެ.

ރޭގެ މެޗަށް ފަހު އިބްރާހިމް މޫސާ، މީޑިއާ އަށް އިންޓަވިއުދެނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ރޭ ކުޅުނު ފައިނަލުގައި ވެމްކޯގެ މައްޗަށް ސިޓީން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ސިޓީން ގެންދިޔައީ, 28-26، 25-17 އަދި 25-22 އެވެ.

ރޭގެ ކާމިޔާބީ އަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ އެސިސްޓެންޓް ކޯޗު، ވޮލީބޯޅައިގައި ޒަމާންވީ ހަރަކާތްތެރިއެއް ކަމަށްވާ، އިބްރާހީމް މޫސާ (ސަޗިކޯ) ބުނީ ސިޓީގެ ކާމިޔާބީގެ އަސްލަކީ ތ. ހިރިލަންދޫ ރައްޔިތުން ކަމަށެވެ.

ހާއްސަކޮށް ހިރިލަންދޫގެ ކުދިބޮޑު އެންމެންވެސް މި ކާމިޔާބީއަށް ވާސިލްވުމަށް ދިން އެއްބާރުލުން އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

"ވޮލީ ކުރިއަރުވަން ބޭނުންވެއްޖިއްޔާމު ރާއްޖެ ތެރޭގައި މުބާރާތް އިތުރުކޮށްފައި ބޮޑަށް މީތި ފުޅާކުރަންވީ، އޭގެ މިސާލެއް މިރޭ (ރޭ) މި ފެނުނީ. މި ޓީމުގައި އަށް ކުޅުންތެރިން އެބަތިބި ހިރިލަންދޫ، ފުލްކޮށް އެބަ އަރާ، އޭގެ ތެރެއިން ފާޒިލް އާއި ބޭރު ދެމީހުން ފިޔަވާ، ދެން ތިބީ ހުސް ހިރިލަންދޫ ކުދިން،" ސިޓީން ދިނީ މެސެޖެއް ކަމަށް ފާހަކޮށް، އިބްރާހިމް މޫސާ ބުންޏެވެ.

"މިއީ ރަށުގައި ތިބި ކުދިންތަކެއް،"

ސިޓީގެ ކެޕްޓަން އަލީ ނިމާލް: ގައުމީ ޓީމާ އެކު މިދިޔަ ދެ އަހަރު ގިނަ ޓްރެއިނިނިންތަކެއް ހަދައި، މެޗުތަކެއްގައި ކުޅުމުގެ ފުރުސަތު ވެސް ލިބިފައިވޭ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ސިޓީގައި ހިމެނޭ ކުޅުންތެރިންނަކީ މީގެ ކުރިން އިންޓަ ރިސޯޓް ވޮލީ މުބާރާތުގައި ކުޅެފައިވާ ކުޅުންތެރިންނެވެ. ސިޓީގެ ކެޕްޓަން، އަދި މުބާރާތުގެ އެންމެ މޮޅު ސެޓަރަކަށް ހޮވުނު، އަލީ ނިމާލް އަކީ މިދިޔަ ދެ އަހަރެއްހާ ދުވަހު ގައުމީ ވޮލީ ޓީމުގައި ޓްރެއިން ވަމުން އަންނަ ކުުޅުންތެރިއެކެވެ.

ސިޓީން މި ފަހަރުގެ މުބާރާތް ކާމިޔާބުކުރިއިރު، އެ ޓީމުގައި ހިމެނެނީ ވަރަށް ޒުވާން ކުޅުންތެރިންނެވެ. އަދި ޓީމުގައި ތަޖުރިބާކާރު މަދު ކުޅުންތެރިން ތިބިއިރު، އިބްރާހީމް މޫސާ ބުނީ މިހާރު ނަން މަޝްހޫރު ކުޅުންތެރިންނާ ނުލާ ގައުމީ މުބާރާތްތައް ކާމިޔާބުކުރެވޭނެ ކަމަށެވެ.

"މިހާރު ވޮލީގައި ނަން މަޝްހޫރު ކުޅުންތެރިންނާ ނުލާ ކާމިޔާބު ހޯދޭނެކަން މި ފެނުނީ. ބޭނުންވަނީ ޓީމް ވޯކްއާއެކު ކުޅުން." އިބްރާހީމް މޫސާ ބުންޏެވެ.

ސިޓީގެ ކާމިޔާބުގައި އެޓީމުގެ މެނޭޖުމަންޓުން ކުރި އިތުބާރު ވެސް އިބްރާހީމް މޫސާ ވަނީ ފާހަގަކޮށްފަ އެވެ. ހާއްސަކޮށް ޓީމު އެކުލަވާލުމާއި، މުބާރާތައް ނެރުމުގެ އިތުރުން މުބާރާތުގެ މެޗުތައް ކުޅުނުއިރު، މެނޭޖުމަންޓްގެ ފަރާތުން އެއްވެސް ޕްރެޝަރެއް ނާންނަ ކަމަށް އިބްރާހީމް މޫސާ ފާހަގަކުރި އެވެ.

ސިޓީގެ ކޯޗު މުހައްމަދު ޝަރަފްގެ އިންޓަވިއުއެއް ހޯދަން މީޑިއާ އިން ރޭ ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. ސިޓީގެ ކާމިޔާބީގައި ޓީމު އެކުލަވާލައިގެން މެޗުތަކުގައި ޕްލޭންތަކެއްގެ ތެރެއިން މަސައްކަތް ކޮށްގެން އެންމެ ރަނގަޅު މަސައްކަތެއް ކުރި އެއް ފަރާތަކީ ޝަރަފް އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނީ ޝަރަފް އަށެވެ.