ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
މި އަހަރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ދައުލަތުގެ ހަރަދުތައް ހަމަޖައްސަން ބޭނުންވާ 6.1 ބިލިއަން ރުފިޔާ ހޯދި ގޮތެއް ސަރުކާރުން ނުބުނާތީ، އަހަރުގެ ބާކީ އޮތް ތަނުގައި ސަރުކާރުން ކުރަން ޖެހޭ ހަރަދުތައް ހަމަޖެއްސި ދާނެ ކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
"އަދަދު" ނޫހުން ވަނީ ބަޖެޓު ފައިނޭންސިންއަށް ބޭނުންވާ ފައިސާ ހޯދި ގޮތެއް އޮޅުންފިލުވަން ވޭތުވި ހަފުތާގެ ތެރޭގައި އެކި ފަހަރު މަތިން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި ސަރުކާރުގެ ކަމާބެހޭ އޮފިޝަލުންނަށް ގުޅައިގެން އެ މައުލޫމާތު ހޯދޭތޯ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް މިއިން އެއްވެސް ބޭފުޅަކު ފޯނަށް ޖަވާބުދާރީ ނުވާތީ މި ފައިސާ ހޯދި ގޮތެއް ނޭނގެ އެވެ.
ފިނޭންސް މިނިސްޓްރީން މި މައުލޫމާތު ހޯދަން މިހާރު ވާނީ އާރުޓީއައިއެއް ހުށަހަޅައިފަ އެވެ.
ފިނޭންސް މިނިސްޓްރީގައި ޝާއިއުކޮށްފައިވާ ދައުލަތުގެ ދަރަންޏާއި ދައުލަތުން ގެރެންޓީ ދީގެން ނަގާފައިވާ ލޯނުތަކުގެ މައުލޫމާތުގައި، މި ސަރުކާރުން ވެރިކަމާ ހަވާލުވީ ފަހުން ނެގި ކަމަށް ދައްކަނީ އެންމެ ލޯނެކެވެ. އެއީ އޭޝިއަން ޑިވެލޮޕްމަންޓު ބޭންކު (އޭޑީބީ)ގެ ކްލީން ޓެކްނޮލޮޖީ ފަންޑުން ނަގާފައިވާ 18.5 މިލިއަން އެމެރިކާ ޑޮލަރު (283.9 މިލިއަން ރުފިޔާ)ގެ ލޯނެކެވެ.
ހަމަ އެ މުއްދަތުގެ ތެރޭގައި ސަރުކާރުގެ އައުޓްސްޓޭންޑިން ސެކިއުރިޓީސް ތަފާސްހިސާބުތަކަށް އައި ބަދަލަށް ބަލާއިރު، އެތެރޭގެ ބާޒާރުން ނަގާފައިވާ ދަރަންޏަށް 1.2 ބިލިއަން ރުފިޔާ އިތުވެފައިވާކަން ފާހަގަކުރެ ވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ސަރުކާރުން މިކަމާ ގުޅިގެން ބަހެއް ނުބުނި ނަމަވެސް ބައެއް މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި ސަރުކާރުން ވަނީ، ދައުލަތުގެ މެޖޯރިޓީ ހިއްސާ އޮންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކްރެޑިޓް ލައިނެއް ގޮތަށް ހަރަދުތައް ކުރަން ބޭނުންވާ ފައިސާ އެ ބޭންކުން ހަމަޖައްސާފަ އެވެ. ނަމަވެސް ބޭންކުގެ އޮފިޝަލަކު "އަދަދު"އަށް ބުނީ އެކަހަލަ ކަމެއްގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.
ބަޖެޓު ފައިނޭންސް ހޯދި ގޮތެއް ސަރުކާރުން ނުބުނި ނަމަވެސް ހަރަދުތައް ކުރަން އެއްވެސް ގޮންޖެހުންތަކެއް ނެތް ކަމަށާއި އެ ފައިސާ ހަމަޖެހިގެން ދާނެ ކަމަށް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސުވާލުކުރުމުން ސަރުކާރުން ބުނެފައި ވެ އެވެ. އޭރު ވެސް ނުބުނަނީ އެ ފައިސާ ހޯދާނެ ގޮތެކެވެ.
އިތުރަށް ވިދާޅުވުމަށް
Comment