27 ޑިސެންބަރު 2023 - 06:17 0
މުހައްމަދު ޝަހްޒާން
27 ޑިސެންބަރު 2023 - 06:17 0
އިންޑިއާގެ އައްސޭރިން ދަތުރު ކުރަމުންދިޔަ އިޒްރޭލާ ގުޅުން އޮންނަ ބޯޓަކަށް ދިން ހަމަލާއާ ގުޅިގެން އިންޑިއާގެ މަނަވަރުތައް ވެސް ރަތް ކަނޑަށް ފޮނުވަން ނިންމައިފި އެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރީން ނެރުނު ބަޔާނެއްގައި ބުނީ ރަތް ކަނޑަށް ފޮނުވާފައި ވަނީ ގައިޑެޑް މިސައިލްތައް ވައްޓާލުމުގެ ގާބިލުކަން ލިބިފައިވާ ތިން މަނަވަރު ކަމަށެވެ. އެ މަނަވަރުތައް ހަރަކާތްތެރިވަމުން ދާނީ ރަތް ކަނޑުގެ އެކި ސަރަހައްދުތަކުގައި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ރަތް ކަނޑަށް އިންޑިއާގެ މަނަވަރުތައް ފޮނުވާފައި ވަނީ އެ ސަރަހައްދުން ދަތުރު ކުރާ އުޅަނދުފަހަރަށް އަމާޒުކޮށް ހަމަލާތައް ދިނުން އާންމުވެފައި ވާތީ އެ ކަނޑުގެ އަމަން ބެލެހެއްޓުމުގެ ގޮތުންނެވެ.
އިންޑިއާގެ އައްސޭރިން ދަތުރު ކުރަމުންދިޔަ އެމްީ ކެމް ޕްލޫޓޯ ބޯޓަށް ހަމަލާ ދިނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ހަމަލާ ދިނީ އިރާނުން ކަމަށް އެމެރިކާއިން ތުހުމަތު ކޮށްފައިވެ އެވެ. ނަމަވެސް އިރާނުން ވަނީ އެ ތުހުމަތުތައް ދޮގުކޮށް އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.
އެ ހަމަލާ ދީފައި ވަނީ ޔަމަނުގެ ބޮޑު ބައެއްގެ މައްޗަށް ވެރިކަން ހިންގާ ހޫތީންގެ ހަމަލާތަކުން އުޅަނދުފަހަރަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާ އިސްވެ އޮވެ އެކުލަވައިލި ކަނޑުގެ ލަޝްކަރު ރަތް ކަނޑުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.
ރަތް ކަނޑުން ދަތުރު ކުރާ އިޒްރޭލާ ގުޅުން އޮންނަ އުޅަނދުފަހަރަށް ހޫތީން ހަމަލާ ދޭން ފެށީ ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމުތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. އެ ޖަމާއަތުން ބުނެފައި ވަނީ ހަމަލާތައް ހުއްޓައިލާނީީ އިޒްރޭލުން ފަލަސްތީނުގައި ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމުން ކަމަށެވެ.
ހޫތީންގެ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބޮޑެތި ޝިޕިން ކުންފުނިތަކުން ވަނީ ރަތް ކަނޑުން ދަތުރު ކުރުން ހުއްޓާލައިފަ އެވެ. ދަތުރުތައް ހުއްޓައިލުމާއެކު ދުނިޔޭގެ އިގުތިސާދަށް އެކަމުގެ ލޮޅުން އަރާނެ ކަމަށް މާހިރުން ލަފާ ކޮށްފައިވެ އެވެ.
އިންޑިއާ ކަނޑުން ދަތުރު ކުރަމުންދިޔަ ކެމިކަލް އުފުލާ ބޯޓަކީ އިޒްރޭލާ ގުޅުން އޮތް ނަމަވެސް ޖަޕާނުގެ ބޯޓެކެވެ. އެ ބޯޓަށް ހަމަލާދިންއިރު، އޭގައި އިންޑިއާގެ 21 މީހުންނާއި ވިއެތުނާމުގެ ރައްޔިތަކު ފަޅުވެރިންގެ ގޮތުގައި ތިއްބެވެ. އެ ހަމަލާ އިންޑިއާއިން ދަނީ ތަހުގީގު ކުރަމުންނެވެ.
Comment