Advertisement

ފެނުނީ ތަފާތު ރޫހެއް، ވެމްކޯ ބަލިކޮށް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަނުގެ ތަށި އުފުލާލީ އަލަށް ވާދަކުރި ސިޓީން

27 ޑިސެންބަރު 2023 - 00:51 0

އަތޫފް އާތިފް

އަތޫފް އާތިފް

އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަންކަން ހޯދީ ސިޓީ އިން ތައްޓާއެކު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ފެނުނީ ތަފާތު ރޫހެއް، ވެމްކޯ ބަލިކޮށް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަނުގެ ތަށި އުފުލާލީ އަލަށް ވާދަކުރި ސިޓީން

27 ޑިސެންބަރު 2023 - 00:51 0

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގައި މުޅިން އަލަށް ވާދަކުރި ސިޓީ ސްޕޯޓްސް ކުލަބުން، ސީދާ ތިން ސެޓުން، ކުލަބް ވެމްކޯ ބަލިކޮށް ޗެމްޕިއަންކަން ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލު މެޗު ސިޓީން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 28-26، 25-17 އަދި 25-22 އިންނެވެ.

ތަޖުރިބާކާރު ގިނަ ކުޅުންތެރިންނާ އެކު މި މުބާރާތައް ނުކުތް ވެމްކޯ އިން ވަނީ މި މެޗުގެ ފުރަތަމަ ސެޓު ކުރީކޮޅު ލީޑު ކޮށްގެން ކުޅެފަ އެވެ. އެ ވަގުތު ތަކުގައި ސިޓީގެ ބްރެޒިލް ދެ ކުޅުންތެރިން ކަމަށްވާ ބްރޫނޯ އާއި ޑިއޭގޯގެ ކުޅުން ފެނުނެވެ. އެކަމަކު، ސިޓީން ވަނީ 10-10 އިން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަދި ސެޓުގެ މެދުތެރެއިން ސިޓީން ވަނީ 16-13 އިން ލީޑު ނަގައިފަ އެވެ. ސެޓުގެ ފަހުކޮޅު ވެމްކޯ އިން ވަނީ އަލުން 22-22 އިން ނަތީޖާ ހަމަހަމަކޮށްފަ އެވެ. އަދި މި ސެޓުގެ ފަހު ޕޮއިންޓްތައް ދިޔައީ ވަރަށް ހަމަހަމަ ކޮށެވެ. އެ ގޮތުން ސެޓު ނިންމަން ދެ ޓީމަށްވެސް ވަނީ ފުރުސަތު ލިބިފަ އެވެ. މި ސެޓު ސިޓީން ކާމިޔާބު ކުރީ 28-26 އިންނެވެ.

ސިޓީ ޓީމުގެ ކެޕްޓަން އަލީ ނިމާލް ދޭ ބޯޅަތަކުގައި އެ ޓީމަށް ކުޅޭ ކިރްގިސްތާންގެ އޮމުރްބެކް އާއި ނޫރްމުހައްމަދު ވަނީ ތަފާތު ދައްކައިފަ އެވެ.

ފުރަތަމަ ސެޓެކޭ އެއްގޮތައް ދެ ވަނަ ސެޓުގެ ކުރީކޮޅު ވެސް ލީޑުކޮށްގެން ކުޅެމުން އައީ ވެމްކޯ އެވެ. އެ ގޮތުން ވެމްކޯއިން ވަނީ ހަތަރު ޕޮއިންޓްގެ ލީޑެއް ދެ ވަނަ ސެޓުގެ ކުރީކޮޅު ނަގައިފަ އެވެ. އެކަމަކު، ސެޓުގެ މެދުތެރެއިން ސިޓީން ވަނީ އެ ޓީމު ކޮޅަށް ލީޑު އަނބުރާލައިފަ އެވެ. އަދި މި ސެޓުގެ ފަހުކޮޅު ވެމްކޯގެ ކުޅުންތެރިންގެ ފަރާތުން އާދައިގެ ގޯސްތަކެއް ހެދުމުގެ ބޭނުން ހިފައި ސިޓީން މި ސެޓު ކާމިޔާބުކުރީ ފަސޭހަކަމާ އެކު، 25-17 އިންނެވެ.

ތިންވަނަ ސެޓުގެ ކުރީކޮޅު، ވެމްކޯގެ ކުޅުންތެރިން ކޮންމެ ވެސް ވަރަކަށް ކުޅުން ރަނގަޅުކުރި އެވެ. އެކަމަކު، އެ ޓީމަށް މުޅި މެޗުގައި ވެސް ދިމާވި މައްސަލަތައް ތަކުރާރުވި އެވެ.

އަނެއްކޮޅުން، ސިޓީ ޓީމުގެ ރިމާޒް އާއި ފާޒިލްގެ ފަރާތުން ރަނގަޅު ޕޮއިންޓްތަކެއް ފެނުނު، ދެ ވަނަ ސެޓު ނިންމާލިއިރު، ދެއްކި ތަފާތު ތިން ވަނަ ސެޓުގައި ވެސް މުހިންމު ދަނޑިވަޅުގައި ފެނުނެވެ. އޭގެ ބޭނުން ހިފައި މި ސިޓީން ވަނީ މި ސެޓުގައި އިތުބާރާ އެކު ކުޅެ، 25-22 އިން މި ސެޓު ކާމިޔާބުކޮށްފަ އެވެ.

ނިޒާރު އިބްރާހިމް (ބޮޑޭ)ގެ ކޯޗުކަމުގައި ކުޅުނު ވެމްކޯގެ ކުޅުންތެރިން އަތުން މި މެޗުގައި ގިނަ ގޯސްތަކެއް ހެދުނުއިރު، އެންމެ ބޮޑު މައްސަލަ އަކަށް ދިމާވީ ޓީމެއްގެ ގޮތުގައި ނުކުޅެވުމެވެ.

ސިޓީން އެސޯސިއޭޝަން ކަޕް ތަށި އުފުލާލިިއިރު، ޕްރިލިމިނަރީ ބުރުން ފަށައިގެން އެ ޓީމުން ތަށްޓާ ހަމައަށް ކުރި ދަތުރުގައި ތަފާތަކީ ޓީމްވޯކް އެވެ. ސިޓީން ވަނީ ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިން ހިމެނޭ، ޕޮލިސް ކްލަބާއި އާބަންކޯ އަދި ވެމްކޯ އަތުން ވެސް މި މުބާރާތުގައި މޮޅުވެފަ އެވެ.

މި މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ، ވެމްކޯގެ އަލީ ހުޒާމް (ހުޒަންޓެ)، ހުސެން ޔޫސުފް (ޓޯއީ) އަހްމަދު ނަބީލް (ނައްބަ) ސިޓީގެ، އަހުމަދު ފާޒިލް، އަލީ ނިމާލް، އާބަންކޯގެ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އަދި އާދަމް ފައިރޫޒް އެވެ.

މި މުބާރާތުގެ އެންމެ މޮޅު ކޯޗުކަށް ހޮވުނީ ސިޓީގެ ކޯޗު މުހައްމަދު ޝަރަފް ހޮވުނުއިރު، އެންމެ މޮޅު ކުޅުންތެރިއަކީ އެ ޓީމުގެ ފާޒިލް އެވެ. އަދި އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ، ސިޓީގެ ބިދޭސީ ކުޅުންތެރިޔާ ނޫރްމުހައްމަދު އެވެ.

އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގެ ތިން ވަނަ ޓީމަކީ އާބަންކޯ އެވެ.