Advertisement

ސޮވްރިން ޑިވެލޮޕްމަންޓު ފަންޑަށް މި އަހަރު ޖަމާކުރި ފައިސާ ބިލިއަނަކާ ގާތަށް

26 ޑިސެންބަރު 2023 - 14:27 0

އަމަން ހަލީމް

އަމަން ހަލީމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިސްޓުންތަކެއް: އެސްޑީއެފްއަށް ޖަމާކުރާ ޑޮލަރުގެ ބޮޑު ބަޔަކީ މި އެއާޕޯޓުން ދަތުރުކުރާ މީހުންގެ އަތުން ނަގާ އެއާޕޯޓު ޑިވެލޮޕްމަންޓު ފީ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ސޮވްރިން ޑިވެލޮޕްމަންޓު ފަންޑަށް މި އަހަރު ޖަމާކުރި ފައިސާ ބިލިއަނަކާ ގާތަށް

26 ޑިސެންބަރު 2023 - 14:27 0

ދައުލަތުގެ އާމްދަނީ އިތުރުކުރުމަށާއި ދަރަނި އަދާކުރުމަށާއި އިންވެސްޓު ކުރުމަށް އުފައްދާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)އަށް ޖަމާކުރި ފައިސާގެ އަދަދު 924.5 މިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި އެސްޑީއެފްއަށް ޖަމާކުރަން ކަނޑައެޅީ 871.4 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި މަހުގެ ފުރަތަމަ ހަފުތާގެ ނިޔަލަށް އެއަށް ވުރެ އިތުރަށް 53.1 މިލިއަން ރުފިޔާ އެ ފަންޑަށް ޖަމާކޮށްފައި ވެ އެވެ.

އެސްޑީއެފް އުފެއްދުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުން ނަގާފައިވާ ލޯނުތައް ދެއްކޭނެ މަގެއް ފަހިކުރުމެވެ. ފިނޭންސުން ހިއްސާކޮށްފައިވާ މައުލޫމާތުތަކުގެ މައްޗަށް ހިސާބުކުރާ އިރު، މިހާރު އެ ފަންޑުގައި 7.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށް ލަފާކުރެ ވެ އެވެ. އެކަމަކު މީގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ހުރީ ދައުލަތުގެ ދިވެހި ރުފިޔާ އާއި އެމެރިކާ ޑޮލަރުގެ ޓީ-ބިލުތަކަށް އިންވެސްޓުކޮށްފަ އެވެ.

ބާކީ ފަންޑުގައި ހުރި ފައިސާ ހުރީ ދިވެހި ރުފިޔާ އަދި ޑޮލަރުގެ ފިކްސްޑް ޑިޕޮސިޓު އެކައުންޓުތަކުގަ އެވެ. އިތުރު 252 މިލިއަން ރުފިޔާ ބޭނުންކޮށްފައި ވަނީ އާބަންކޯއަށް ލޯނެއް ދޫކުރުމަށެވެ. ފަންޑުގައި ނަގުދު ފައިސާއިން ހުރި ކަމަށް ދައްކަނީ ދެ ބިލިއަން ވަރަކަށް ރުފިޔާ އެވެ. އޭގެ ތެރެއިން ޑޮލަރުން ހުރީ ކިހާ ވަރެއް ކަމެއް ސާފެއް ނުވި އެވެ.

ސަރުކާރުން އެންމެ ފަހުން ހުށަހެޅި ބަޖެޓު ކަރުދާހުގައި ވަނީ ކުރިއަށް އޮތް ތިން އަހަރު، ހާއްސަކޮށް 2026 ގައި އަނބުރާ އަދާކުރަން ޖެހޭ އެއް ބިލިއަން ޑޮލަރުގެ ދަރަނީގެ ތެރެއިން ބައެއް އަދާކުރަން މި ފަންޑު ބޭނުންކުރާނެ ކަމަށެވެ. ނަމަވެސް ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި މި ފަންޑުގައި ހުރި ޑޮލަރު ދިވެހި ފައިސާއަށް މާރުކުރަން ފެށުމާ ގުޅިގެން ބޭރު ފައިސާ ދަރަނި އަދާކުރަން ފަންޑުން ފައިސާ ބޭނުންވާ ވަގުތު އެ ފައިސާ ހަމަނުޖެހިދާނެ ކަންބޮޑުވުން އެބައޮތެވެ.

އެގޮތުން, އަންނަ އަހަރަށް ހުށަހެޅި ބަޖެޓަށް އޮޑިޓަރު ޖެނެރަލް އޮފީހުން ދިން ލަފާގައި މި ކަންބޮޑުުވުން ހިއްސާކުރަމުން ބަޔާންކުރީ، ދަރަނި ދައްކަން މި ފައިސާ ބޭނުންކުރާ ނަމަ 2025 ގެ ކުރިން އިންވެސްޓުމަންޓުތައް މެޗުއާ ކުރަން ޖެހޭނެ އެވެ. ނޫނީ އިންވެސްޓްމަންޓުތައް ވިއްކާލައި އެ ފައިސާ ޑޮލަރަށް މާރުކުރަން ޖެހެ އެވެ.

މިކަން ކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އޮޑިޓު އޮފީހުން ފާހަގަކުރީ މިކަން ކުރާނެ ގޮތެއް ގެނެސްދީފައި ނުވާ މައްސަލަ އެވެ. އަދި އެވަރަށް އެތެރޭގެ ބާޒާރުން ޑޮލަރު ލިބިދާނެ ކަމާ މެދު ވެސް އެ އޮފީހުން ދިން ލަފާގައި ސުވާލުއުފައްދާފައި ވެ އެވެ.