Advertisement

ވެމްކޯ އިން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އެސޯސިއޭޝަން ކަޕް އަންހެން ޑިވިޝަނުގެ ތަށި އުފުލާލައިފި

25 ޑިސެންބަރު 2023 - 22:45 0

ވެމްކޯ ޓީމުން އެސޯސިއޭޝަން ކަޕްގެ ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ވެމްކޯ އިން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އެސޯސިއޭޝަން ކަޕް އަންހެން ޑިވިޝަނުގެ ތަށި އުފުލާލައިފި

25 ޑިސެންބަރު 2023 - 22:45 0

ކްލަބް ވެމްކޯ އިން ސީދާ ތިން ސެޓުން ޕޮލިސް ކްލަބް ބަލިކޮށް، ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ތަށި ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އުފުލާލައިފި އެވެ.

ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރި ތިން ފަހަރު ވެސް ފައިނަލުގައި މޮޅުވީ ޕޮލިސް އަތުންނެވެ.

އެ ގޮތުން، 2019 ވަނަ އަހަރުގެ ފައިނަލުގައި ޕޮލިސް އަތުން ވެމްކޯ މޮޅުވީ 3-1 ސެޓުންނެވެ. އެ އަށް ފަހު، ދެން ބޭއްވި އެސޯސިއޭޝަން ކަޕް އޮތީ މިދިޔަ އަހަރު އެވެ. މިިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ވެމްކޯ ވަނީ ސީދާ ތިން ސެޓުން، ޕޮލިސް ބަލިކޮށްފަ އެވެ. ހަމަ އެ ނަތީޖާ މި ފަހަރުގެ ފައިނަލުގައި ވެސް ތަކުރާރުކުރީ އެވެ.

ޒުވާނުންގެ މަރުކަޒު އެތެެރެ ކޯޓުގައި މިރޭ ކުޅުނު ފައިނަލް މެޗުގެ ސެޓުތައް ވެމްކޯ އިން ގެންގޮސްފައިވަނީ 25-21، 25-23 އަދި 25-17 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ޕޮލިހުން ކޮންމެ ވެސް ވަރަކަށް ކުޅެން މަސައްކަތް ކުރި ނަމަވެސް ރަނގަޅު ފޯމެއްގައި ހުރި، ވެމްކޯގެ އައިޝަތު މާޖިދާ އާއި ބްރެޒިލްގެ ކުޅުންތެރިޔާ، ޖެސިކާ ސޮއާރޭސްގެ ބޭނުންހިފައި، ވެމްކޯ އިން ދިޔައީ ތަފާތު ދައްކަމުންނެވެ.

ޕޮލިހުގެ ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ) އާއި ބިދޭސީ ކުޅުންތެރިޔާ، އަންޗަނާ ޖަންގަމްގެ ފަރާތުން ކޮންމެ ވެސް ވަރެއްގެ މަސައްކަތްތަކެއް ފެނުނު މި ސެޓު، ވެމްކޯ އިން ގެންދިޔައީ، 25-21 އިންނެވެ.

ދެ ވަނަ ސެޓު ފަށައިގެން ވެމްކޯ އިން ލީޑުގައި ކުޅެމުންދަނިކޮށް، ސެޓުގެ ފަހު ކޮޅުގައި، ޕޮލިހުން ނަތީޖާ އަނބުރާލި އެވެ. އެއީ، 21-22 އިންނެވެ. އެކަމަކު، ޕްރެޝަރު ދަނޑިވަޅުތަކުގައި މުޅި މެޗުގައި ވެސް ޕޮލިހަށް ދިމާވި މައްސަަލަ މި ސެޓުގެ މުހިންމު ވަގުތުގައި ވެސް ކުރިމަތިވެ، ވެމްކޯ އިން އޭގެ ފައިދާނެގީ އެވެ. މި ސެޓުގައި، ވެމްކޯ އަށް މުހިންމު ވަގުތުގައި ޕޮއިންޓް ހޯދައިދިނުމުގައި، އެ ޓީމުގެ ސެޓަރު، ފާތިމަތު ޖޫޒާން ޒަރީރު އާއި އެޓޭކަރު، އައިމިނަތު އަރީޝާ ރަނގަޅު ކުޅުމެއް ދެއްކި އެވެ. ވެމްކޯ އިން ދެ ވަނަ ސެޓު ގެންދިޔައީ، 25-23 އިންނެވެ.

ފުރަތަމަ ދެ ސެޓުގައި ދެއްކި ވަރަށް ވެސް ޕޮލިހަށް ތިން ވަނަ ސެޓުގައި ހިތްވަރު ނުކުރެވުނެވެ. ނަތީޖާ އަކަށްވީ މާ ބޮޑު އުނދަގޫ ކަމެއް ނެތި، ވެމްކޯ އިން މި ސެޓު، 25-17 އިން ގެންގޮސް މެޗުން މޮޅުވީ އެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ، ވެމްކޯގެ، މާޖިދާ، އަރީޝާ، ހައްވާ ނާޒިމާ، ޖޫޒާންގެ އިތުރުން ޕޮލިހުގެ ހައްވަ އާއި އަލްމާ ސްޕޯޓްސް ކްލަބްގެ ނުހާ ވަހީދު އާއި ހައްވާ ސަހާ އެވެ. އެންމެ މޮޅު ކޯޗަކީ، ވެމްކޯގެ ހާލިދު މުހައްމަދު އެވެ.

އެންމެ އުންމީދީ ކުޅުންތެރިއަކަށް ވެމްކޯގެ މާޔާ ހުސެއިން ހޮވުނުއިރު، އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ އެ ޓީމުގެ ޖެސިކާ އެވެ. އަދި މުޅި މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ މާޖިދާ އެވެ.

އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ތިން ވަަނަ ޓީމަކީ، މުހައްމަދު ނަދީމް ކޯޗުކޮށްދިން އަލްމާ ސްޕޯޓްސް ކްލަބް އެވެ.