25 ޑިސެންބަރު 2023 - 09:46 0
އަހުމަދު އާއިދު
ރައީސް ޑރ. މުހައްމަދު މުއިއްޒު : ކޮންސްޓްރަކްޝަންގެ ތިން ދާއިރާއެއް ދިވެހިންނަށް ހާއްސަކުރަނީ - ފޮޓޯ: ރައީސް އޮފީސް
25 ޑިސެންބަރު 2023 - 09:46 0
ކޮންސްޓްރަކްޝަންގެ ތިން ދާއިރާއަކީ ހަމައެކަނި ދިވެހިންނަށް ހާއްސަ، ސައްތައިން ސައްތަ ދިވެހިން މަސައްކަތް ކުރާ ދާއިރާތަކަކަށް ހެދުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އެވޯޑް ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ. ހަމައެކަނި ދިވެހިންނަށް ހާއްސަކުރާ ތިން ދާއިރާއެއްގެ ގޮތުގައި އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ ބިލްޑިން އިންސްޕެކްޓަރުންގެ ދާއިރާ އާއި، ސައިޓު ސުޕަވައިޒަރުންގެ ދާއިރާ އާއި، ސާވޭޔަރުންގެ ދާއިރާ އެވެ.
"ދެ އަހަރާއި ފަސް އަހަރުގެ ތެރޭގައި ދިވެހިންނަށް ހާއްސަ ދާއިރާތަކުގެ ގޮތުގައި މިއަދު ވާނެ ވަރަށްގިނަ ދާއިރާތައް ކަނޑައަޅާފައި. އޭގެތެރެއިން މިރެޔަށް ހާއްސަކޮށް، ކޮންސްޓްރަކްޝަން އިންޑަސްޓްރީއާ ގުޅޭ ތިން ދާއިރާއެއް ވެސް އަޅުގަނޑުމެން ވާނީ ކަނޑައަޅާފައި," ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން މިކަން ހާސިލުކުރަން ނިންމާފައިވަނީ އެ ދާއިރާތަކުގެ ކަމާބެހޭ ފަރާތްތަކާ އެކީގައި މަސައްކަތް ކުރެވި، ތަމްރީނުގެ ފުރުސަތުތައް ހޯދައިދީ، އަދި މަސައްކަތް ލިބޭނެ ގޮތަށް ކަންކަން ބައްޓަންކުރެވިގެން ކަމަށެވެ.
"ކުރިއަށް އޮތް ދެ އަހަރު ދުވަހު މަސައްކަތްކޮށް، ދެ އަހަރު ފަހުން މި ތިން ފީލްޑަކީ، ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ހަމައެކަނި ދިވެހިން މަސައްކަތް ކުރާނެ ތިން ދާއިރާއެއްގެ ގޮތުގައި ކަނޑައެޅީ" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ފާހަގަކުރެއްވީ ސަރުކާރުގެ މި ނިންމުމަކީ ރާއްޖޭގެ ހުރިހާ ކަމެއްގެ ތެރެއަށް ދިވެހިވަންތަކަށް ގެނެސް އެކަންކަން ދިވެހިންގެ އަތްމައްޗަށް ގެނައުން ކަމަށެވެ. ވަކިން ހާއްސަކޮށް ކޮންސްޓްރަކްޝަން ސިނާއަތަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިނާއަތް ކަމަށް ވާތީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ 20 އަހަރުގެ މާސްޓަރ ޕްލޭން ތެރޭގައި، އަޅުގަނޑުމެންގެ ވިސްނުމަކީ، މުޅި އިންޑަސްޓްރީއަކީވެސް ހަމަ ދިވެހިން އެކަނި މަސައްކަތްކުރާ އިންޑަސްޓްރީއަކަށް ބަދަލުވެގެންދިޔުން"
އިމާރާތްކުރުމުގެ ސިނާއަތަށް ބަލާނަމަ މިވަގުތު އެންމެ މަތީ މަގާމުތަކުން ފެށިގެން ލޭބަރުންނާ ހަމައަށްވެސް ގިނައިން ފެންނަނީ ބިދޭސީންނެވެ. މިއީ ރާއްޖޭގައި ބިދޭސީން އެންމެ ގިނައިން މަސައްކަތް ކުރާ އެއް ސިނާއަތެވެ.
Comment