Advertisement

އެންމެ ފަހުން އޮސީމެން ނަޕޯލީގެ އެއްބަސްވުން އާ ކޮށްފި

24 ޑިސެންބަރު 2023 - 10:51 0


އެންމެ ފަހުން އޮސީމެން ނަޕޯލީގެ އެއްބަސްވުން އާ ކޮށްފި

24 ޑިސެންބަރު 2023 - 10:51 0

ނޭޕްލްސް، އިޓަލީ (ޑިސެމްބަރު 24) - އަންނަ މަހު ހުޅުވޭ ފިނިމޫސުުމުގެ ޓްރާންސްފާ ބާޒާރުގައި ކްލަބް ބަދަލުކުރާނެ ކަމަށް އެންމެ ބޮޑަށް ވާހަކަ ދެކެވުނު ނަޕޯލީގެ ފޯވާޑް، ވިކްޓަ އޮސީމެން، އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފި އެވެ.

އޮސީމެން، 24، ނަޕޯލީއާ އެކު، ކޮންޓްރެކްޓް އާ ކުރީ، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ދާދި ފަހުން، އިޓާލީ ފުޓްބޯޅަ ކުޅުންތެރިންގެ އެސޯސިއޭޝަނުން ހޮވި މިދިޔަ ސީޒަނުގެ ކުޅުންތެރިޔާގެ މަގާމާއި އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި އޮސީމެން އަންނަ މަހު ނަޕޯލީ ދޫކޮށް ޗެލްސީއާ ގުޅެން އުޅޭ ކަމަށް ވާހަކަ ދެކެވުނެވެ. އެކަމަކު، އޭނާ ނަޕޯލީއާ އެކު ސޮއިކުރި އާ އެއްބަސްވުމާ އެކު، ޓްރާންސްފާގެ ވާހަކަތަކަށް ނިމުން އައީ އެވެ.

މި ސީޒަނަށް ފެއްޓުމުގެ ކުރިން ސައުދީ ޕްރޯ ލީގުގެ ކްލަބަކުން ބޮޑު މުސާރަ ލިބޭ އޮފާއެއް އޮސީމެން އަށް ލިބުނެވެ. އެކަމަކު، މި ވަގުތު ބޮޑު ފޯކަސް އެއް ކުރަނީ ގިނަ ފައިސާ ލިބޭ ކޮންޓްރެކްޓަކަށް ކަމަށް ނުވާތީ އޭނާ ނިންމީ ނަޕޯލީގައި މަޑުކުރާށެވެ.

އޮސީމެން ވިދާލީ 2015 ވަނަ އަހަރު ޗިލީގައި އޮތް 17 އަހަރުން ދަށުގެ ވޯލްޑް ކަޕްގަ އެވެ. އެ މުބާރާތަށް ފަހު ޖަރުމަންގެ ވުލްފްސްބާގް އިން އޭނާ ގެންދިޔައެވެ. އެ އަށް ފަހު ބެލްޖިއަމްގެ ޗާލެރޯއީ އަށް ކުޅުމަށް ފަހު، އޭނާ ފްރާންސްގެ ލިލް އަށް ބަދަލުވީ 2019 ވަނަ އަހަރެވެ. ލިލް އަށް 27 މެޗުން 13 ގޯލު ޖެހި އޮސީމެން 75 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގައި ނަޕޯލީ އަށް ބަދަލުވީ 2020 ވަނަ އަހަރެވެ.

މިދިޔަ ސީޒަންގެ އިޓާލިއަން ލީގު ނަޕޯލީ އިން ކާމިޔާބުކުރިއިރު، އޮސީމެން ވަނީ 31 ލަނޑު ޖަހައިފަ އެވެ. ނަޕޯލީ އިން 33 އަހަރަށް ފަހު ލީގު ކާމިޔާބުކުރިއިރު، އެންމެ މުހިންމު ރޯލެއް އަދާކުރީ އޮސީމެން އެވެ.